ރިޕޯޓް

ވެހިކަލްތަކަށް "ވޯތު" ނޫން މާލެ!

މިނޫންގޮތެއް ހަމަ ނެތް ކަމަށް ނިންމައިގެން ދިވެހިން މިހާރު މިކަންތައް ވަރިކަމަކޮށްފި ފަދަ އެވެ. މިވާހަކަ މިހާރު އެހާ އަޑުގަދަކޮށް ބަޔަކު ދައްކާ އަޑެއް ނީވެ އެވެ. ތެދެކެވެ. އިންސާނުންނަކީ ވަކި ހިސާބަކަށް ކަންކަން ދިޔައިމަ ވަރިހަމަ ކޮށްލާނެ ބައެކެވެ. ހާއްސަކޮށް ދިވެހިންނެވެ. މިކަމެއްގެ ޝަކުވާ ދިވެހިން ކުރާތާ ކިތަންމެ ޒަމާނެކެވެ. ޝަކުވާ ކޮށްކޮށް ތިއްބާ އެއްބައެއްގެ ބޮލުގައިނުރަ ޖެހީ އެވެ. އަނެއް ބަޔަކު ހޯދި ދަރިން ބޮޑުވެ، އެ ދަރިންވެސް އާއިލާއެއް ފަށައިފި އެވެ. މިއީ މިހާ ދުވަސްވީ މައްސަަލަ އެކެވެ. މި ޝަކުވާ ދިވެހިން ކޮށްލަ ކޮށްލާ ތިއްބާ ހަތަރު ވެރިކަމެއް ނިމި ފަސްވަނަ ވެރިކަން ފަށައިގެން މިދަނީ ކުރިއަށެވެ.

ދައްކަން މިއުޅެނީ މާލޭގެ މަގުތަކުގެ ހާލަތުގެ ވާހަކަ އެވެ. މާލޭގެ މަގުތައް އެންމެ ފުރަތަމަ ގާއަޅައި ރަނގަޅު ފެންވަރަކަށް ހެދީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭރު މުޅި މާލޭގައި ގައު އަތުރައި އެ ޒަމާނާ އެކަށީގެންވާ ފެންވަރަކަށް މަގުތައް ހެދި އެވެ. އެހެން ނަމަވެސް މާލޭގެ އާބާދީ އިތުރުވުމާއި، ބަރު އުޅަނދުތައް ގިނަވުމުގެ ސަބަބުން މަގުތަކަށް ލިބެމުންދިޔަ ގެއްލުންތައް މަރާމާތުނުކޮށް ދޫކޮށްލާފައިވުމުން މާލޭގެ ބޮޑެތި މަގުތައް ވަނީ ކުދި ކުދި ވެފަ އެވެ. ބައެއް މަގުތަކުގައި ބޮޑެތި ވަޅުގަނޑުގަނޑެވެ. އަނެއް ބައި މަގުތަކުގައި މަގުގެ ލެވެލްއަށްވުރެ އުހަށް ހިއްލިފައި ހުންނަ ޖަންކްޝަން މަތިތަކެވެ. ބައެއް ޖަންކްޝަންތައް ތިން އިންޗިއާއި ހަތަރު އިންޗިއާ ދެމެދުގެ އުސްމިނަކަށް ވަނީ ހިއްލިފަ އެވެ. މީގެން ކޮންމެ ހާލަތަކާއި ދިމާވިޔަސް އެ ދިމާވަނީ މުސީބާތަކާއެވެ. ވަޅުގަނޑަކަށް ޖެހިޔަސް އަދި އުސްތަނަކަށް އެރިޔަސް، ދުއްވާ އެއްޗެއްގައި އުޅޭ މީހާވެސް، އަދި ހިނގަފައި އުޅޭ މީހާއަށްވެސް މިއީ ވޭންދެނިވި ކަމެކެވެ.

ސައިކަލުގައި ދާއިރު، އުސްވެފައިހުންނަ ތަންތަނުގައި ޖެހޭއިރު، މައިބަދައަށް ލޮޅުން އަރާފަދަ އެވެ. ހިނގާފައިދާމީހާ ވަޅުގަނޑަކަށް ޖެހި ގެއްލުމެއް ނުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނޯވެ އެވެ. ދަތުރުފަތުރަށް ބޭނުން ކުރާ އުޅަނދުތަކަށް ކުރަންޖެހޭ ހަރަދު އެކަމުގެ ސަބަބުން ބޮޑުވެގެންދެ އެވެ. ސައިކަލާއި، ކާރުގެ ޝޮކްތައް އަހަރަކު ދެފަހަރު ބަދަލުކޮށްގެންވެސް ސަލާމަތްވަނީ ހަމަ ކިރިޔާ އެވެ. މި ހާލަތުގައި ރާއްޖޭގެ އާބާދީގެ 80 ޕަސަންޓް ދިރިއުޅޭތާ އެތަކެއް އަހަރެއްވީ އެވެ. އެކަމަކު ބަރާބަރަށް ވެހިކަލްތައް ރޯޑްވޯތީތޯ ބަލަން ސްޓިކާއެއް ހައްދަންޖެހެ އެވެ. ވެހިކަލްތައް ވޯތީ ވިޔަސް "ރޯޑް"ތައް ވޯތީއެއް ނޫނެވެ.

މާލޭގައި ހުރީ ގާތްގަނޑަކަށް 460 މަގެވެ. އެއީ ކުދިކުދި ގޯޅީތަކާއިވެސް އެކުގަ އެވެ. ފާއިތުވެދިޔަ ހަތަރު ވެރިކަމުގައި މާލޭގެ މަގުތަކުގެ ކުޑަ އިންސައްތައެއް ނޫނީ މަރާމާތު ކުރެވިފައެއް ނެތެވެ. އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުހެން ބޭނުންކުރާ މަގުތައް މަރާމާތު ނުކޮށްލެވުމަށްވުރެ ބޮޑު ފެއިލިއާއެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއާއި، ވަސީލަތްތައް ބޭނުންކޮށްގެން އެ ރައްޔިތުމީހާއަށް ފަސޭހަ ގޮތެއް ނުވަތަ މިއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދެވެން ނުޖެހޭނެ އެެއްވެސް ސަބަބެއް ނެތެވެ.

މާލެގެ މަގުތަކުގެ ހާލަތު ދަށްވެ، ވަޅުގަނޑުތަކަށް ވެއްޓި އަދި އެއްވަރު ނުވެހުރި ދިމަދިމާލުން "ގުޅަވަރަކަށް" ޖެހިގެން ހޮސްޕިޓަލަށް ބައެއް ފަރާތްތައް ގެންގޮސްދޭން އެހީތެރިވެފައިވާނެ ކަމަށް ފުލުހުންވެސް ބުނެ އެވެ. އެގޮތުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ، އެފަދަ މައްސަަލަތައް ފުލުހުންނަށް ހުށަހަޅަމުންގެންދާ ކަމަށާއި، ދުއްވާ އެއްޗެހީގައި ދާ މީހުންނާއި، ހިނގާފައިދާ މީހުންނަށް އަނިޔާވެގެންވެސް ބައެއް ފަހަރު ފުލުހުން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އަދި އެފަދަ ތަންތަން ފާހަގަކޮށް، އެތަންތަން ރަނގަޅު ކުރަން ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިސާލަކަށް މިދިޔަ 2018 ވަނަ އަހަރު ހަމަ ގައިމުވެސް އަޅުގަނޑަށް ފާހަގަ ކުރެވުނު ތަނެއް މިއީ ސޯޝަލް ސެންޓަރު ކަންމަތީގައި މަގުމެދަށް ކަހަލަ ގޮތަކަށް ހުރި ޖަންކްޝަނެއް. އެތަން ހުރީ އަޑިވެފައި. ދެން އެތާގައި ފުލުހުން ކޯނު ބަހައްޓައިގެން އުޅުނު. ދެން ފަހުން އެތަން ރަނގަޅު ކުރެވުނީމަ ކޯނުތައް ނަގާފައި ހުރީ. ޓްރެފިކް ޕޮލިހުންވެސް، ހަމަ ވިލީ ތަކުންވެސް އެބަހުރި އެޓެންޑްވެފައި ތިކަހަލަ ކޭސްތަކަށް. ސިޓީ ކައުންސިލަށް މައުލޫމާތުވެސް ދީފައި. މަގުތަކުގެ ސަބަބުން އަނިޔާވެފައިވާ މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ފުލުހުން ވާނީ އެހީތެރިކަންވެސް ފޯރުކޮށްދީފައި. އެހެންވީމަ އެކަހަލަ އެކި ކޭސަސް އެބަ ހުރި ދިމާވެފައި" އިޒްމިއާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާކަން ކަމާއިބެހޭ ފަރާތްތަކުންވެސް ގަބޫލު ކުރެއެވެ. އެގޮތުން މާލޭ ސިޓީ ކައުންސިންގެ ޑެޕިއުޓީ މޭޔާރު ޝަމާއު ޝަރީފު ވިދާޅުވީ، މަގުތަކުގެ ހާލަތު އެހާދަށްވެފައިވަނީ މަރާމާތުނުކޮށް ދޫކޮށްލާފައި އޮތުމުން ކަމަށެވެ. މާލޭގައި ގިނަ އިމާރާތްތަކެއް ކުރަމުންދާއިރުވެސް، މަގުތައް އަޑިއަށް ދިއުމާއި ވަރަށް ގިނަ ކަންކަން ދިމާވާކަމަށް ޝަމާއު ވަނީ ވިދާޅުވެފަ އެވެ. ޝަމާއު ވިދާޅުވީ ސިޓީ ކައުންސިލުން މަގުތަކާއި ހަވާލުވީއްސުރެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަަމަށެވެ. އެގޮތުން ތަންތަނުން ނަގާފައި ހުރި ގާ ބޭނުންކޮށްގެން ކުދި ކުދި މަރާމާތް ކުރަމުން ގެންދިޔަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އަތުގައި ހުރި ގާތަށް މިވަނީ ހުސްވެފައި. އަޅުގަނޑުމެން ކަނބާއައިސާރަނި މަގުގެ މަރާމާތުވެސް ފެއްޓިން، ދެން ހެންވޭރުކޮޅުންވެސް މަގެއް އެއްކޮށް ނިންމިން. އަޅުގަނޑުމެންނަށް އައިޑެންޓިފައިވެފައިހުރި ތަންތަނަށް އަޅުގަނޑުމެން އެބަ ގެންދަން މަސައްކަތް ކުރަމުން. މިހާރުވެސް އަޅުގަނޑުމެން ގާ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. ގަލާއި ބޭނުންވާ އެއްޗެހި ހުސްވެފައި ހުރެގެން މަރާމާތު ކުރުމުގެ ދަތިތަކެއް މި އުޅެނީ" ޝަމާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މާލޭގެ މަގުތައް މިއަދު މަރާމާތު ކުރިޔަސް މާދަމާ އަނެއްކާވެސް ހަލާކުވާނެ ކަމަށެވެ. އެކިއެކި ހިދުމަތްދޭ ފަރާތްތަކުން ކޮނުމާއި، ކަންކަން ކުރުމުން އަނެއްކާވެސް މަގުތައް ހަލާކުވާ ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ގެނެވޭނީ ހުރިހާއެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ އަސްލުގައި ރިސޯސަސް ނެތީމަ ބޭނުންވާ ސްޕީޑްގައި ނުގެންދެވެނީ. މިހެން ދިމާވާން މިދިމާވި ސަބަބަކީ ދައުލަތުގެ އެއްވެސް އިދާރާއެއްގެ ބެލެނެވެރިކަމުގައި ނޫނީ ބެލެހެއްޓުމުގެ ދަށުގައެއްނޫން މަގުތައް މިއޮތީކީއެއް މިއޮތް ހުރިހާ ދުވަހު. އެމްއާރުޑީސީ ކިޔާ ކުންފުންޏެއްގެ ބެލުމުގެ ދަށުގައި އޮތީ. ދެން އެކުންފުންޏެއް މިހާރަކު ނެތް. ކުުންފުނީގައި ބޭނުންކުރި މުދަލެއްވެސް އަދިއެއް ހަމަގައިމުވެސް ސިޓީ ކައުންސިލަށްވެސް ނުލިބޭ. އޭގައި އިއިސްގެން އުޅޭ ޑިފިކަލްޓީއެއް މީ"

މާލޭގެ މަގުތަކުގެ ހާލަތު މިއަދު ހުރި ގޮތުން ކޮންމެހެން ކުރަން ބޭނުންވާ ދަތުރެއް ނޫނީ ކުރާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ އެވެ. އަނބިމީހާ ނޫނީ ދަރިން ގޮވައިގެން ފިނި ބުރެއް ޖަހާލަންވެސް މާލޭގެ މަގުތަކެއް "ވޯތެއް" ނޫނެވެ. އިވޭނީ ޝަކުވާއެކެވެ. ވަޅުގަނޑުގަނޑަށް ސައިކަލު ޖަހާތީ ބުރަކަށީގައި ރިއްސާ ވާހަކަ އެވެ. ދަރިފުޅު ގޮވައިގެންދާއިރު، އޭގެން ވަޅުގަނޑަކަށް ޖަހާފައި ވެއްޓުމުގެ ބިރުވެސް އޮތީ އެވަރަށެވެ. އެހެން ކަމުން މިކަމަށް ދާއިމީ ހައްލެއް އެބަ ބޭނުންވެ އެވެ.

މާލޭގެ މަގުތަކުގައި ދުއްވާ ހެވީ ވެހިކަލްތަކާއި، ތަނަށް އެކަށީގެންނުވާ ވަރަށް ވެހިކަލްތައް ގިނަވެފައިވާއިރު، އެކަމަށް ހޯދަންޖެހެނީ "ސްމާޓް" ހަައްލެކެވެ. މިއަދު ރާވާފައި މާދަމާ ރޫޅާލާ ކަހަލަ ހައްލެއް ނޫނެވެ. ރޯޑްވޯތިނެސް ހައްދުވާގޮތަށް މަގުތަށް "ވޯތު" ތޯ ބަލަން އިންސްޕެކްޝަން އަހަރުން އަހަރަށް ހެދެންޖެހެ އެވެ. ދުއްވާ މިހާއާއި، ހިނގާމީހާގެވެސް ރައްކަލަކަށެވެ. ދައުލަތުގެ އިދާރާތައް ގުޅިގެން މިކަމަށް ސްމާޓް ހައްލެއް ވީ އެންމެ އަވަހަކަށް ހޯދަން އެބަޖެހެ އެވެ. ފާއިތުވެދިޔަ ހަތަރު ވެރިކަން މިކަމަށް އޮތީ ނުކުޅެދިފަ އެވެ. މިވެރިކަމުގައި މިކަން ވާނެ ފޯމިއުލާއެއް ނެރެން އެބަޖެހެ އެވެ.