އެއް ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު ޕާޓީތަކުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތުގެ ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރެން ކުރާ މަސައްކަތުގައި އިދިކޮޅު އެމްޑީޕީ އިން ގޮތް ދޫކުރައްވާ ހުކުމެއް ތަންފީޒު ކުރަން ނުޖެހޭއަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ނެރެން އެއްބަސްވާން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެނެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންއާ ވާދަވެރި ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތުގެ ހުރަހަކަށް އެ މަނިކުފާނު ވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކާއެކު ރައީސް ޔާމީން ބޮޑު ތަނުން ބަލި ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިޔަށްދާއިރު ޕާޓީތަކުގެ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމުގެ އަޑު އޮތީ ފެތުރިފަ އެވެ. އަދި ކޯލިޝަން ޕާޓްނަރުންނަށް ގާސިމް ރޭ ނެރުއްވި ބަޔާނުން އެކަން ވަރަށް ބޮޑަށް ސާފުވެ، އެއްބަސް ނުވެވޭ ކަންކަން ހުރިކަން އެނގެ އެވެ.
އެ ބަޔާނުގައިވާ ގާސިމް ވިދަޅުވި ގޮތުން މިއަދާ ހަމަޔަށް އައިއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް އެމްޑީޕީ ނޫން ބަޔަކަށް ހައްގު ކަމަކަށް އެ ޕާޓީ ގަބޫލެއް ނުކުރެ އެވެ. އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ނެރެން ހުށަހަޅާ ވާހަކަތައް ވެސް އެމްޑީޕީ އިން ބަލައި ނުގަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވެފައި ވަނީ އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަންޑައަޅާފައި ވަނީ ޝަރުތު ހަމަ ނުވާ ކެންޑިޑޭޓެއް ކަމަށާއި އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަންކަން ރައްޔިތުންނަށް ހާމަ ކުރަމުންދާ ކަމަށެވެ. ގާސިމް ވިދާޅުވި އެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ދެ ސަރުކާރެއް އެކުލަވާލުމާއި ބޭރު ބައެއް ލައްވާ ވެރިކަން ބަދަލު ކުރުމަކީ ޖޭޕީ އިން އެއްގޮތަކަށް ވެސް ތާއީދު ނުކުރާ ކެމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.