ހަބަރު

މަސް ދުވަހަށްފަހު އަދީބަށް ވަކީލު ބައްދަލުވުން ދީފި

މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލަކާ ބައްދަލުވުމުގެ ފުރުސަތު ނުދީ އޮތުމަށް ފަހު އިއްޔެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދީފި އެވެ.

އެކި ސަބަބުތަކާހުރެ އަދީބަށް ވަކީލް ބައްދަލުވުން ހަމަޖައްސައި ނުދީ ބޭއްވިއިރު ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވަނީ އަދީބަށް ވަކީލް ބައްދަލުވުން ދިނުމަށް ކަރެކްޝަން ސާވިސްގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން 10 ދުވަހުގެ ތެެރޭގައި ދެ ބައްދަލުވުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.

އިއްޔެގެ ވަކީލް ބައްދަލުވުމަށްފަހު އޭނާގެ ވަކީލް ވިދާޅުވީ، އަދީބުގެ ލޮލުގެ ހާލަތު މިހާރު ވެސް ގޯސް ކަމަށާއި އޭނާ ބަހައްޓާާފައިވަނީ އެކަހެރިކޮށް ކަމަށެވެ. ސަބަބެއް ނާންގައި އާއިލީ ބައްދަލުވުން މަހަކު އެއް ފަހަރަށް މަދުކޮށްފައިވާ ކަމަށެވެ.

އަދީބަށް ވަކީލް ބައްދަލުވުން ދީފައިވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަދީބާމެދު ކަރެކްޝަނުން އަމަލު ކުރަމުން ދަނީ ތަފާތު އުސޫލަކުންނެވެ.

އަދީބު މިހާރު ވެސް ޖަލުގައި ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދިވެސް އޭނާގެ ބައެއް މައްސަލަތައް ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު ހައިކޯޓަށް ވެސް މައްސަލަތަކެއް ވަނީ ވައްދާފަ އެވެ.