ހަބަރު

އެމްޑީޕީގެ ކެޕްޓަނަކީ ނަޝީދު، މަޝްވަރާ ކުރާނީ ނަޝީދާ އެކު: ޝާހިދު

May 26, 2015
5

މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކާނެ ބޭފުޅަކު ކަނޑައަޅާނީ އެމްޑީޕީން ކަމަށާއި އެކަން ކުރާނީ ސަރުކާރުން ނޫން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މަޖިލިސް މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޓްވީޓް ކުރައްވާ ޝާހިދު ވިދާޅުވީ "އެމްޑީޕީގެ ކެޕްޓަނަކީ ރައީސް ނަޝީދު" ކަމަށެވެ. އެމްޑީޕީން މަޝްވަރާއަށް ދާނެ ފަރާތެއް ކަނޑައަޅަން ސަރުކާރަށް ނޭންގޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ޝާހިދު މިހެން ވިދާޅުވި އިރު ސަރުކާރުން ބުނެފައި ވަނީ އިދިކޮޅު ޕާޓިތަކާ އެކު ކުރާ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާން އެކުލަވައިލި ތިން ބޭފުޅުންގެ ޓީމުގައި ރައީސް ނަޝީދުގެ ނަން ހިމަނާފައިވީ ނަމަވެސް އެ މަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވުމުން އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ. ނަމަވެސް މަޝްވަރާއަށް އެމްޑީޕީން ވަޑައިގަންނަވާ ޓީމުގައި ތިއްބަވާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ކަނޑައެޅި ތިން ބޭފުޅުންނަކީ ނަޝީދާއި ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާއި ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.