ރ. އަތޮޅުގައި އޮންނަ ފައިނުގައި އެއާޕޯޓެއް އަޅައި ސިޓީ ހޮޓެލެއް ހިންގުމުގެ މަޝްރޫއަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.
"ސޭވް ފައިނު" ގެ ނަމުގައި ފަށާފައިވާ މި ކެމްޕެއިނުގައި އެ ރަށުގެ ހިތްގައިމު މާހައުލު އެއާޕޯޓެއް އަޅަން ނެތިކޮށްލާތީ ކަންބޮޑުވުންތަކެއް ފާޅުކުރެ އެވެ.
ފައިނުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއާ ހަވާލުވެފައިވަނީ އައިލެންޑް އޭވިއޭޝަނެވެ. އެ ރަށުގައި އެއާޕޯޓަކާއެކު ސިޓީ ހޮޓަލެއް ވެސް ތަރައްގީކުރާއިރު ރަށުގައި ބޭނުން ނުކޮށް އޮތް ބޮޑު ބިމެއް އެ މަޝްރޫއުއަށް ނަގާނެ އެވެ. އެ ބިމަކީ ގަސް ހެދިފައިވާ ބޮޑު ސަރަހައްދެކެވެ.
ކަންބޮޑުވުން ފާޅުކޮށް މީހަކު ޓްވިޓާގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ބޮޑު ބިމެއް އެފަދަ މަޝްރޫއަކަށް އެއްކޮށް ނެގުމަކީ އެ ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ރަށުގެ އާބާދީ ބޮޑުވެގެންދާއިރު ރަށުން ޖާގަ ނުލިބި، އެއާޕޯޓް އޮންނާނީ މާލެއަށް ނުވަތަ އެ ނޫން ވެސް ތަނަކަށް އަމިއްލަ ވަޒަން ދޫކޮށްލައި ފުރައިގެން އަންނަ ތަނަކަށްވެފަ ކަމަށް އޭނާ ބުނެފައިވެ އެވެ.
އާދަވެ މިފަދަ ހުރިހާ ބަހުސެއްގައި އާންމުކޮށް ބައިވެރި ވަޑައިގެން ހުރިހާ މައުލޫއަކަށް ވެސް ވާހަކަފުޅު ދައްކަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވަނީ ދަތުރުފަތުރުކުރުމުގެ ފަސޭހަ ނިޒާމެއްގެ ފައިދާ ފައިނުގެ ރައްޔިތުންނަށް ވެސް ހައްގުވާ ކަމަށާއި ނަމަވެސް ރަށުގެ ބޮޑު ބިމެއް ގުރުބާންކޮށް އެއާޕޯޓެއް އެޅުމަކީ އެންމެ ރަނގަޅި ވިސްނުން ނޫންކަން ޕޮލިސީތައް ތައްޔާރުކުރާ ފަރާތްތަކުން ރައްޔިތުން ވިސްނައިދޭން ޖެހޭ ކަމަށެވެ. ތިމާވެށި ގުރުބާންކޮށް ރަށުގެ ރައްޔިތުން އަތުން ބިން ބީވެގެން ދިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ވެސް ބޮޑު ގެއްލުމެއްވާނެކަން ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ފައިނުގައި އެއާޕޯޓް އަޅާ ސަރަހައްދަކީ ބިޔަ ޖަންގައްޔެއް އޮންނަ ސަރަހައްދަކަށްވެފައި އެތަން ނައްތާލުމުން ރަށުގެ ދިރުން ގެއްލި، ރަށަށް ތިމާވެށީގެ ގޮތުން މައްސަލަތަކާ ކުރިމަތިވާނެ ކަމަށް އެމީހުން ބުނެ އެވެ.
"ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން 65 ރަށަކަށް އަޅުގަނޑަށް ވަނީ ދެވިފައި އެއީ އެންމެ އުތުރުން ހއ. ފިއްލަދޫއިން ފެށިގެން ސ. ގަމާ ހިސާބަށް، މީގެ ތެރެއިން ވެސް އަޅުގަނޑަށް އެންމެ ރީތި އަރާމު ރަށަކަށް ދެވުނީ ފައިނު،" ފައިނުގެ ހިތްގައިމުކަން މީހަކު ޓްވިޓާގައި ބުނެދީފައިވެ އެވެ.
އެހެން މީހަކު ބުނި ގޮތުގައި ތަރައްގީއަށްޓަކައި އިތުރު ރަށެއްގެ ގުދުރަތީ ރީތިކަން ނެތިކޮށްލާ މަންޒަރު ބަލަން ތިބެގެން ނުވާނެ އެވެ. މިހާރު ވެސް އެފަދަ އެތައް ރަށެއް ނެތިކޮށްލައިފި އެވެ.
ފައިނުގެ ތަފާތު ކަމަކީ އެ ރަށު ރައްޔިތުންގެ މެހެމާނުދާރީ އާއި ހިތްހެޔޮކަން ކަމެވެ. އެ ރަށުގެ ރައްޔިތުން ދިރިއުޅުމަށް އެންމެ ބޮޑު ފައިދާއެއްވާ ކަމަކީ ދަނޑުވެރިކަމެވެ. އެއާޕޯޓްގެ މަޝްރޫއުގެ ސަބަބުން ރަށުގެ އަމާން ކަމާއި ތަފާތުކަން އެއްކޮށް ގެއްލިގެންދާނެ އެވެ.
މީގެ ކުރިން ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެކަމާ ދެކޮޅަށް ވެސް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ކުރި އެވެ. ނަމަވެސް އެ އެއާޕޯޓަށް މިހާރު ވަނީ ކުޅި ހިއްކާފަ އެވެ.