ހަބަރު

ޝަރީއަތާ ހިލާފުވާނަމަ ސިއްރު ހެކީގެ ވާހަކަ ގާނޫނުގައި ނޯންނާނެ: ދައުލަތް

ސިއްރު ހެކި ބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ ހިލާފުވާ ކަމަކަށްވާނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެކީގެ ވާހަކަ ލިޔެވި އެއަށް އަމަލުކުރަމުން ނުދިޔައީސް ކަމަށް ދައުލަތުގެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިރޭ ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް މިރޭ ސިއްރު ހެކިވެރިއެއްގެ ހެކި ބަސް ނެގުމުން އެކަމަށް ރައީސް މައުމޫން އިއުތިރާޒު ކުރެއްވުމުންނެވެ.

ސިއްރުން ހެކި ބަސް ނެގުމުން ރައީސް މައުމޫން ވަނީ ކޮޅަށް ތެދުވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް މައުމޫން ވަނީ ސިއްރުން ހެކި ބަސް ނެގުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމާއި އެއީ ޝަރީއަތުން ހުއްދަ ކުރާ ކަމެއް ވެސް ނޫން ކަމަށެވެ. އެކަމުގެ ދަލީލު ދައްކަވަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތުގައި އޮންނަނީ ހެކިވެރިންނަކީ އަދުލުވެރި ބަޔަކަށް ވާންޖެހޭނެ ކަމަށް ކަމަށާއި އެކަން ގާޒީ ކަށަވަރުކުރަން ވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ސިއްރުން ހެކި ބަސް ނަގާއިރު އެއީ އަދުލުވެރިއެއްތޯ ކަށަވަރުކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންވެ ސިއްރުން ހެކި ބަސް ނެގުމަކީ ދޮގު ހެކި ބަސް ދިނުމަށް ހުޅުވާލާ ނުރައްކާތެރި ދޮރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ދޮގު ހެކި ބަސް ދިނުމަކީ ބޮޑުވެގެންވާ ފާފައެއްކަން ދަލީލުކޮށްދޭ ޤުރުއާންގެ އާޔަތްތަކާއި ރަސޫލާގެ ހަދީޘްތައް ވިދާޅުވެ ދެއްވާފަ އެވެ. އަދި، ވަނީ ދައުލަތާ ސުވާލެއް ކުރައްވާފަ އެވެ. ސިއްރުން ހެކި ބަސް ނެގުން އިސްލާމީ ޝަރީއަތުގައި ހުއްދަ ކުރަނީ ކޮން އާޔަތަކުން ކޮން ހަދީޘްއަކުން ކޮން އިލްމްވެރިއެއްގެ ރައުޔުންތޯ އެއްސެވި އެވެ.

އެއަށް ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ދެއްވީ ކުރު ޖަވާބެކެވެ. ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު ގާނޫނެއް ރާއްޖޭގައި ހަދާ އަމަލު ނުކުރޭވެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެކި ބަސް ނެގޭނެ ކަމާއި އެކަން ކުރެވޭނެ އުސޫލެއް ބަޔާންކޮށްފައިވާ ކަމަށެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާނަމަ އެ ގާނޫނަށް އަމަލު ކުރަމުން ނުދާނެ ކަމަށް ވެސް ރީޝާ ވިދާޅުވި އެވެ.

ރީޝާގެ ޖަވާބަށްފަހު ރައީސް މައުމޫން ވަނީ އިތުރަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވެ އަތް މައްޗަށް ނަންގަވާފަ އެވެ. ނަމަވެސް ގާޒީ ނަޖީބު ވިދާޅުވީ މައުމޫނަށް ދެން ފުރުސަތެއް ނެތް ކަމަށެވެ.