ހަބަރު

12 މެންބަރުންނަށް ހެކީގެ އާ ލިޔުންތަކެއް ދީފި

ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއާ ގުޅޭ އިތުރު ލިޔުންތަކެއް އިއްޔެ ހަވާލުކޮށްފި އެވެ.

ހުރިހާ މެންބަރުން އިއްޔެ ކޯޓަށް ހާޒިރުކުރުމަށްފަހު މައްސަލާގައި މީގެކުރިން ނުލިބޭ ލިޔުންތަކެއް ވަނީ ހަވާލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ބައެއް ހެކިންގެ ބަޔާން ފަދަ ލިޔުންތައް ހިމެނެ އެވެ.

މެންބަރުންނަށް އާ ލިޔުންތަކެއް ދީފައިމިވަނީ ބައެއް ލިޔުންތައް ޕީޖީއަށް އެރި އޮޅުމަކުން ދީފައިނުވާކަން އެންމެފަހުން ބޭއްވި އަޑުއެހުމުގައި ހާމަވެފައިވަނިކޮށެވެ. ދައުލަތުން މެންބަރުންގެ މައްޗަށް ހަތަރު ހެއްކެއް ހުށަހަޅާފައިވާ ކަމަށް ގާޒީ އާއި ދައުލަތުގެ ވަކީލުންގެ އަތުގައިވާ ދައުވާ ފޯމްގައިވާއިރު މެންބަރުންގެ އަތުގައި އޮތް ކޮޕީގައިވާ ގޮތުން ދެކޮޅަށް ހުށަހަޅާފައިވަނީ ދެ ހެއްކެކެވެ. އެއީ ދެ ސިފައިންނެވެ.

އެއާއެކު ވަކީލް ހިސާން ހުސެއިން ވަނީ އިޖުރާއީ ނުކުތާތަކެއް ފާހަގަކުރައްވާފަ އެވެ. ހިސާން ވިދާޅުވީ، ޝަރީއަތަށް ދޭ ލިޔުމާއި ދައުވާ ލިބޭ ފަރާތްތަކަށް ދޭ ލިޔުމަކީ ދެ ލިޔުމަކަށްވެގެން ނުވާނެ ކަމަށެވެ. ދައުވާ ލިބޭ ފަރާތްތަކަށް ދޭން ޖެހެނީ ޝަރީއަތަށް ދޭ ލިޔުމުގެ ކޮޕީކަން ފާހަގަކުރެއްވި އެވެ.

ދައުވާ ލިބޭ ފަރާތްތަކަށާއި ޝަރީއަތަށް އެއް ދައުވާ ފޯމެއް ލިބިފައިވާއިރު ނުލިބި ވަނީ ބައެއް ހެކީގެ މައުލޫމާތުތަކެވެ. އަދި އެއީ ހުށަހަޅާފައިވާ ހެކިތަކެއް ކަމެއް ވެސް މެންބަރުންނަށް ދީފައިވާ ލިޔުންތަކުން އެނގެން ނެތެވެ.

ވަކީލް ހިސާން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 83 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު ދައުލަތުން ދައުވާކޮށް ޝަރީއަތަށް ދައުވާ ފޯމް ހުށަހަޅާއިރު އެ މައްސަލާގައި ހިމެނޭ ހުރިހާ ހެއްކާއި ހުށަހަޅާ ހުރިހާ ލިޔުމެއް އެކުގައި ހުށަހަޅަންޖެހޭކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ ލިޔުންތައް ފަސް ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ހަވާލުކުރަންޖެހޭކަން އެނގޭ ކަމަށެވެ. އެހެންކަމަށްވާއިރު ހެކި ލިސްޓް ބަދަލުކޮށް ލިޔުންތައް އަލުން ދިރާސާކުރުމަށް މި މަރުހަލާގައި ދައުލަތަށް ފުރުސަތު ނުދެވޭނެކަން ހިސާން ފާހަގަކުރެއްވި އެވެ.

އެ އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު އެ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.

މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ.