ކުރީގެ އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން މުހައްމަދު އަޒްހަރުއްދީންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "އަޒްހަރު"ގެ ފުރަތަމަ ޓީޒާ އިއްޔެ ރިލީޒްކޮށްފި އެވެ.
އިމްރާން ހާޝިމީ އަޒްހަރުއްދީންގެ ރޯލުން ފެނިގެންދާ މިފިލްމުގެ ޓީޒާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އަޒަރުއްދީން ބުނެފައިވަނީ މިފިލްމުގައި ފެނިގެންދާނީ އޭނާއާއި އޭނާގެ ކަލާނގެ އާއި ދެމެދުގައި ވާ ގުޅުމާއި، އޭނާގެ ދެ ކައިވެނީގެ އިތުރުން މެޗް ފިކްސިންގެ ކަންތައްތައް ކަމަށެވެ.
"އަޒްހަރު"ގެ ރޯލު ކުޅެފައިވާ އިމްރާންވެސް ވަނީ ޓްވީޓާގައި "އަހަރެން އަޒްހަރު"ގެ ގޮތުގައި ބުނެ ޓީޒާ ހިއްސާކޮށްފަ އެވެ.
އަބަދުވެސް އިޝްގީ ރޯލްތަށް ކުޅުމަށް މަޝްހޫރު އިމްރާން މިފިލްމުގައި ފެނިގެންދާނީ ތަފާތު ގޮތަކަށެވެ. އެގޮތުން މި ޓީޒާގައި ފެނިގެންދަނީ އޭނާ އަޒްހަރު ގޮތަށް ކްރިކެޓް ފުލްކިޓްގައި ދަނޑަށް އެރުމަށް ތައްޔާރުވަމުން ދާ މަންޒަރެވެ. އަދި އޭގެ ފަހުން ކްރިކެޓް ބެޓާއި އެކު ދަނޑަށް އެރުމަށް ދާ ވަގުތު އޭނާ މަޝްހޫރު ވެގެން ގޮސްފައިވަނީ އެންމެ ތިން ކަމަކަށް ކަމަށް ބުނެ އެވެ. އެއީ އެއް ކަމަކީ އޭނާ ކަލާނގެ އެއްވާކަން ގަބޫލުކުރުމާއި،ދެވަނަ ކަމަކަށް އޭނާ ކޮށްފައިވާ ދެ ކައިވެނީގެ ސަބަބުންނާއި ތިންވަނަ ކަމަކަށް އޭނާގެ މައްޗަށް ތުހުމަތުކުރާ މެޗް ފިކްސިންގެ މައްސަލައިގެ ސަބަބުން ކަމަށެވެ.
1990 ވަނަ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަންކަން ކުރި އަޒްހަރުގެ ހަޔާތް ދައްކުވައިދޭ މިފިލްމުގެ ރިލީޒްކުރި ފުރަތަމަ ޓީޒާއިން އެދުވަސްވަރު އޭނާގެ ޖާދުލުގައި ޖެހިފައި އެތައް އަންހެންކުދިންނެއް ތިބިކަން ވަނީ ދައްކުވައިދީފަ އެވެ. އަދި މެޗް ފިކްސިންގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާއިއެކު އެތައް ބައެއްގެ ނުރުހުމާއި ނަފްރަތާއި ކުރިމަތިލާން ޖެހުނުކަން ވެސް ވަނީ މި ޓީޒާގައި ދައްކުވައިދީފަ އެވެ. އެގޮތުން އިމްރާން ދަނޑަށް އަރަންދާ ވަގުތު ސަޕޯޓަރުންގެ ބަޔަކު އޭނާއަށް ހަމަލާދީ "އަޒްހަރު" ނަންޖަހާފައިވާ ބެނާތަކެއްގައި ބަޔަކު ރޯކޮށްލާ މަންޒަރުވެސް ފެނިގެންދެ އެވެ.
"އަޒްހަރު" އެންމެ މަޝްހުރުވެފައިވާ ތިން ކަންތައް އިމްރާންގެ އަޑުން އިވިގެންދާ ގޮތް ވަރަށް ހިތްގައިމު ކަމުން މިޓީޒާއަސް ލިބެމުންދާ ތަރުހީބު އެތަށް ގުނައެއް ބޮޑުވެފައިވ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވެ އެވެ.
އިމްރާންގެ ކުރިއަށް އޮތް ފިލްމު "ހަމާރީ އަދޫރީ ކަހާނީ" އާއި "އަޒްހަރު" އާއިއެކު އިމްރާންގެ ކެރިއަރުގެ އުޖާލާ ދުވަސްތަށް ފެށުމުގެ މަލަމަތި ފެންނަން ފަށައިފިކަމަށްވެސް ވަނީ ބުނެފަ އެވެ.
މިފލްމުގައި އިމްރާންގެ ފުރަތަމަ އަންހެނުންގެ ރޯލުން ފެނިގެންދާނީ ޕްރާޗީ ދޭސާއީ އެވެ. އަދި ދެވަނަ އަންހެނުންގެ ރޯލު ކުޅޭނެ މީހަކު އަދި ހަމަޖައްސާފައެއް ނުވެ އެވެ. ބައެއް މީޑިއާ ރިޕީޓްތަށް ބުނާގޮތުން މިފިލްމުގެ ޕްރޮޑަކްޝަން ޓިމުން ވަނީ އަޒްހަރުއްދީންގެ ދެވަނަ އަންހެނުން މޮޑެލް އަދި އެކްޓްރެސް ސަންގީތާ ބިޖްލާނީ އަށް އޭނާގެ ދެވަނަ އަންހެނުންގެ ރޯލު މިފިލްމުގައި ކުޅުމަށް ހުށަހަޅާފަ އެވެ.
އަންނަ އަހަރުގެ މާޗް މަހުގެ 13ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ފެނިގެންދާނީ 1990ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ކްރިކެޓް ކެޕްޓަނަކަށް ހުރި މުހައްމަދު އަޒްހަރުއްދީން 2000 ވަނަ އަހަރު މެޗް ފިކްސިންގެ މައްސަލައެއް ފެންމަތިވުމުގެ ސަބަބުން އުމުރު ދުވަހަށް ކްރިކެޓް ކުޅުން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން މަނާކުރުމުން ކަންތައް ވެގެންދާ ގޮތާއި އޭނާގެ އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ހުރެގެން ހޯދާދީފައިވާ ކާމިޔާބީގެ ވާހަކަ އެވެ. މެޗް ފިކްސިން މައްސަލަ ހިނގިތާ 12 އަހަރު ފަހުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ އަންދަރަޕްރަދޭޝް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހު ނުކުޅެވޭނެގޮތަށް އިއްވި ހުކުމް ބާތިލްކޮށްފަ އެވެ.
ޓޯނީ ޑިސޫޒާ ޑައިރެކްޓްކޮށް އަދި ބަލާޖީ މޯޝަން ޕިކްޗާސް އާއި އެމްއެސްއެމް މޯޝަން ޕިކްޗާސް އިން ޕްރޮޑިއުސްކުރާ "އަޒްހަރު"ގެ ވާހަކަ އަންނަ އަހަރުގެ މާޗް މަހުގެ 13ވަނަ ދުވަހު ބެލުންތެރިންނާއި ހަމައަށް އަންނާނެ އެވެ.