ހަބަރު

ތެޔޮބޯޓް ގޮަވައި ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

Jun 11, 2018

ރ. އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގެ ޖަނަރޭޓަރު ރޭ ގޮވައި ފިހުނު ފަޅުވެރިޔާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ތެޔޮބޯޓްގެ ޖަނަރޭޓަރު ގޮވައި ފިހިފައި ވަނީ އެ ތެޔޮ ބޯޓްގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާ ދެމުން ނެވެ. އޭނާގެ އަތާއި ފައި ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ، ތެޔޮބޯޓްގެ ޖަނަރޭޓަރު ގޮވައި، ބިދޭސީ މީހާގެ ހަށިގަނޑުގެ 60 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އެ ހާދިސާގައި އިތުރަށް އަނިޔާވީ ދިވެއްސަކަށެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބުދުއް ނާސިރު އަލީ ރޭ "އަވަސް" އަށް ވިދާޅުވީ އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގީ އެބޯޓުގައި ހުރި ޖަނަރޭޓަރެއް އޯވަހީޓް ވެގެން އޭގެ ފަޅުވެރިއަކު އެ ޖަނަރޭޓު ނިވާލަން އުޅެނިކޮށް ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަނަރޭޓަރު ނިވާލަން އޭނާ ދިޔަ ވަގުތު އެ ޖަނަރޭޓަރު ގޮވީ. ދެން އޭނާ ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" ނާސިރު ވިދާޅުވިއެވެ.