މި ސަރުކާރުން އާބަން ސެންޓަރު ގާއިމުކުރަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ރ. އުނގޫފާރު ހިމަނައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުނގޫފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
"ކެމްޕޭންގައި ހުށަހެޅިން އަޅުގަނޑު ދެންނެވިން ރާއްޖޭގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްގީއަށް ބަލާއިރުގައި އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ގާއިމުކުރާނަމޭ. އޭގެ ތެރެއިން އެއް ރަށް މިރަށަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އުނގޫފާރު ކައިރީގައި އޮންނަ އުނގުލު އެ ރަށަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެގޮތުން އުނގުލުއާ ގުޅޭ ގޮތުން އެއްވެސް އެގްރީމެންޓެއް ބަޔަކާއެކު ހަދާފައިވޭތޯ ބައްލަވާނެ ކަމަށާއި އެ ރަށާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓުގައި އޮތްތޯ ބައްލަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން އެ ރަށް އެއްވެސް ބަޔަކާ ގުޅުވާފައިވޭތޯ ބައްލަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެ އޮތް ކަމެއް ބަލާފައި އެ ކަމެއްގެ ތެރެއިން އެ ރަށް ސަލާމަތްކޮށްގެން މިރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށް ހަވާލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތް ގާއިމުކޮށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށް ހިދުމަތް ރަނގަޅުކޮށް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އުނގޫފާރަކީ ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ ގިނަ މީހުން ސިއްހީ ހިދުމަތް ހޯދުމަށްދާ ރަށެވެ.