ހަބަރު

އަލީ ހުސެއިންގެ ސަސްޕެންޝަން އުވާލައިފި

Jun 11, 2018

ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވަކީލު ކަމުން އަނެއްކާވެސް ސަސްޕެންޝަން އުވާލައިފި އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، އަލީ ހުސައިން ގެ މައްސަލަ ބަލައި ވަކާލާތުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަލީ ހުސައިން ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ވާހަަކަ ދައްކާފައިވާ މައްސަލައެއްގައި އެވެ.

އަލީ ހުސެއިން ވަނީ މީގެ ކުރިން ސުވާލު ކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކޮށްފަ އެވެ. އަލީ ހުސެއިނާއެކު ވަކީލް ހުސައިން ޝަމީމް ވެސް ވަނީ ސުޕްރީމް ކޯޓަށް އެދުވަހު ހާޒިރުކޮށްފަ އެވެ. އެދުވަހު އެދެބޭފުޅުންނަށް ސުވާލުކޮށް ބަޔާން ނަގާފައިވަނީ ރާއްޖެ ޓީވީގެ "އަދަބުން އަދަބު" ޕްރޮގްރާމްގައި އެދެބޭފުޅުން ދެއްކެވި ވާހަކަ ތަކަކާ ގުޅިގެންނެވެ.

އެގޮތުން އެ ޕްރޮގްރާމްގައި ސުޕްރީމް ކޯޓާއި ރާއްޖޭގެ ޖުޑީޝަރީ ބަދުނާމުވާ ފަދަ ގޮތަކަށް ނުވަތަ ރައްޔިތުންގެ ކުރިމަތީގައި ޖުޑީޝަރީގެ އަގު ވެއްޓޭ ގޮތަށް ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ސުވާލު ކޮށްވާފައި ވެއެވެ. އެކަންކަމަށް އެދެބޭފުޅުން ވަނީ އިންކާރު ކުރައްވާފަ އެވެ.

އަލީ ހުސެއިން ވަނީ ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން މީގެ ކުރިން ވެސް ސަސްޕެންޑް ކޮށްފަ އެވެ. އޭނާގެ ސަސްޕެންޝަން އެފަހަރު އުވާލާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ