ޝަރުއީ ދާއިރާ ރިފޯމް ކުރުން

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ އަޑު ކެނޑިއްޖެ: އަލީ

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހާ ހަމައަށް އައިއިރު ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އަޑު ސަރުކާރުގެ ތެރެއިން މުޅިން ކެނޑިފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ހުށަހަޅުއްވާފަ އެވެ. އެ ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އެކުލެވުން ބަދަލު ކުރާށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް ހިމެނި ވަޑައިގަންނަވާ އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގެ ތަން ކޮޅުކޮޅުން އިސްލާހު ކުރުމުގެ ބަދަލުގައި ގާނޫނު އަސާސީގައި ބަދަލު ކުރަން ޖެހޭ ކަންކަން ބަދަލު ކުރަން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިދިޔަ ރައްޔިތުންގެ މަޖިލީހުން ވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނައި ކޮންމެ ފަހަރަކުވެސް އަޅުގަނޑު ދައްކާ ވާހަކައެއް އޮންނާނެ، މިއަދު ވެސް އަޅުގަނޑު ތަކުރާރުކޮށް ދައްކާ ވާހަކައަކީ އެއީ. ގާނޫނު އަސާސީއަކީ ހަމަ ހިތަށް އެރީމާ ތަންތަންކޮޅުން އިސްލާހު ކުރަން އޮންނަ އެއްޗެއް ނޫނޭ." ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ އިސްލާހުތައް ގެނައުމަށް ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހެޅިއިރު އެ ބަދަލުތައް ގެނެސްފައެއް ނުވެއެވެ.

އަލީ ހުސައިން އިޝާރާތް ކުރެއްވީ ޖޭއެސްސީ ގެ އެކުލެވުން ގޯސް ކަމަށް މީގެ ކުރިން މި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ގިނަ މެންބަރުން މީގެ ކުރިން ދެއްކެވި ވާހަކަތަކަށެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ އަޑު ސަރުކާރުގެ ތެރެއިން މިހާރު ކެނޑިފައިވާ ކަމަށް އަލީ ހުސައިން ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ޖޭއެސްސީގެ އެކުލެވުން ގޯސް ކުރި ބޭފުޅުންނަށް މިހާރު އެ އެކުލެވުން ކުއްލިއަކަށް ރަނގަޅުވީތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

"އެ ވާހަކަ [ޖޭއެސްސީގެ ވާހަކަ] ދައްކާ އަޑު މިހާރު ކެނޑިއްޖެ، އެހެނަސް މި ސަރުކާރު އައިތާ މިހާތަނަށް 11 މަސް ދުވަސް މިވީ، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިއީ، ގާނޫނު އަސާސީއަށް އިސްލާހު އައި އިރުގައި މި ވާހަކަ އަދި އަމުދުން ދައްކާނެ ފަރާތެއް ނެތް. އެހެންވީމާ ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް އޮވެގެން ހަމަ ރަނގަޅުވީތޯ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތައް ބަޔާން ކުރާ ގާނޫނު އަސާސީގެ ބާބަށް ގެންނަން ޖެހޭ ބަދަލެއް ވާނަމަ އެ މަޝްވަރާތައްކޮށް އެ މަސައްކަތް ނުކުރެވޭ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅާ ބޭފުޅަކާއި، ބަންޑާރަ ނައިބު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެވެ.