އަލީ ހުސައިން

ސުޕްރީމް ކޯޓުން އަލީ ހުސެއިން އަނެއްކާވެސް ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މިއަދު ސަސްޕެންޑްކޮށްފި އެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން އަލީ ހުސެއިން ސަސްޕެންޑްކޮށްފައިވެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނި ގޮތުގައި އަލީ ހުސެއިން ސަސްޕެންޑްކުރީ "ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް" ކަމަށް ވިދާޅުވެ ވީނިއުސްއަށް ދީފައިވާ އިންޓަވިއުއަކާ ގުޅިގެންނެވެ.

އެ ލިޔުމާ ގުޅޭ ގޮތުން އަލީ ހުސައިންއާ ސުވާލުކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އޭނާ ހާޒިރުކޮށްފައިވެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ސުވާލުކުރުމުން އޭނާ ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް ބެލިބެލުމުން، އެ އަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދު"އާ ހިލާފު އަމަލެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

އަލީ ހުސެއިން ފަސް މަހަށް ދުވަހަށް ސަސްޕެންޑްކުރި އޭނާއަކީ ސުޕްރީމް ކޯޓަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.