ގްލޯބަލް އައިކަން ޕްރިޔަންކާ ޗޯޕްރާއާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވާހަކަދެކެވެމުން އަންނަތާއި ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ނަމަވެސް މި ހަބަރު އެ ދެ ތަރިން މިހާތަނަށްވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި ހަބަރު ފެތުރިންގެ ދިޔައީ މި ދެތަރިން އެކުގައި ގިނަ ތަންތަނުން ފެންނަން ފެށުމުންނެވެ. އަދި މީޑިއާގައި މި ހަބަރު ހިގައިގަތްފަހުން މި ދެމީހުން އެކުގައި ފެންނަލެއް މިހާރު ވަނީ އިތުރުވެފަ އެވެ.
މި ދެތަރިން އެކުގައި އަނެއްކާވެސް މި ވަނީ ފެނިފަ އެވެ. އެކަމަކު މިފަހަރު މި ފެނުނީ ހާއްސަ ހަފްލާއަކުންނެވެ. ނިކްގެ ދެބެންގެ ދެ ދަރި މީހެއް ކަމަށްވާ ރޭޗަލް ޓަމްބްރޫލީގެ ކައިވެންޏަށް ނިކް ދިޔައީ ޕްރިޔަންކާ ގޮވައިގެންނެވެ. ނިކް ޕްރިޔަންކާގެ ގޮވައިގެން އެ ހަފްލާއަށް ދާ މަންޒަރުގެ ފޮޓޯތައް މިހާރު އަންނަނީ ޝޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ޓީއެމްޒީ އިން ރިޕޯޓުކުރި ގޮތުގައި ނިކް ވަނީ އޭނަގެ ބޭބެ ކެވިންނާއި އަންހެނުން ޑެނިއެލްއަށް ޕްރިޔަންކާ ތައާރަފުކޮށްދީފަ އެވެ. އާއިލާގެ އިތުރު މެމްބަރަކަށް ތައާރަފުކޮށްދިންކަން ކަށަވަރު ނުވި ނަމަވެސް އާއިލީ ކައިވެންޏަކަށް ޕްރިޔަންކާ ގެންދާނީ ނިކްއަށް ވަރަށް ހާއްސަ މީހަކަށްވުމުން ކަމަށް ބެލެވޭ ކަމަށް ޓީއެމްޒީގައި ބުނެފައިވެ އެވެ.
މި ދެ ތަރިން އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރު ބޭއްވި މެޓް ގާލާ އިވެންޓުންނެވެ. އެ އިވެންޓަށްފަހު އެ ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވެ އެވެ. އެ ދެމީހުން މެޓް ގާލާގައި އެ ފަހަރު ލީ ޑިޒައިނަރު ރެލްފް ލޯރެންގެ ޑިޒައިންޑް ހެދުންތަކެވެ.
އޭގެ ފަހުން މިއަދާހަމައަށް މި ދެ ތަރިން އެކުގައި އެކި ތަންތަނުން ފެނުނެވެ. ލޮސް އެންޖަލަސްގައި އޮތް "ބިއުޓީ އެންޑް ދަ ބީސް ލައިވް ކޮންސާޓް" އާއި ރައްޓެހިންނާއެކު އެކި ދަތުރުތަކާށާއި، ޑިނާ ޑޭޓުތަކަށް ގޮސްފައިވެ އެވެ.
ނިކް ވަނީ މީގެ ކުރިން ދެ އަހަރުވަންދެން އެމެރިކާގެ މަޝްހޫރު މޮޑެލް އޮލިވިއާ ކަޕްލޯއާއި ރައްޓެހިވެގެން އުޅެފަ އެވެ. އޭގެ ފަހުން އެކްޓްރެސް ކޭޓް ހަޑްސަން އާއި މޮޑެލް ޖޯޖިއާ ފޯލާ އާއި ރައްޓެހިވެގެން ވެސް އުޅުނެވެ. ޕްރިޔަންކާ އޭނާގެ ލޯބީގެ ގުޅުންތަކާއި ބެހޭގޮތުން އާންމުކޮށް ވާހަކަދައްކައެއް ނޫޅެ އެވެ.