ކުޅިވަރު

ސުޒޭންގެ ބޮޑެތި ފާޑުކިޔުންތަކެއް އެފްއޭއެމްއަށް

އެފްއޭއެމްގެ އާދައިގެ ނިންމުތަކުގެ ސަބަބުން ދިވެހި ފުޓްބޯޅައާ މެދު ޕަބްލިކް ދެކެނީ "ޗީޕް އެއްޗެއް" ގޮތަކަށް ކަމަށް ސިފަކޮށް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ބޮޑެތި ފާޑު ކިޔުންތަކެއް އެފްއޭއެމްއަށް އޮއްސާލައިފި އެވެ.

ރޭ ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ސުޒޭން ވަނީ މެޗު ތަކުގެ ޝެޑިއުލްއަށް ކުއްލިއަކަށް ބަދަލު ގެންނާތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ރަމްޝާން މަހުގެ 27 ވަނަ ވިލެރޭ ކުޅެން ހަމަޖެހިފައިވާ މެޗު ފަސް ކުރަން އެފްއޭއެމުން ނިންމީ އޭގެ އެއް ދުވަސް ކުރިންނެވެ.

"ހީއެއް ނުވޭ ބަޔަކު އެއްވެސް ކަހަލަ ޕްލޭނެއް ކޮށްގެން ފަރުވާ ބަހައްޓައިގެން ޑޭޓްތައް އޮޅުން ފިލުވައިގެން އެގޮތަށް ކުރާ ކަމެއް ހެނެއް،" ހިތްހަމަ ނުޖެހުންތަކާއެކު ސުޒޭން ވާހަކަ ދެއްކި އެވެ. "ރަމްޝާން މަހުގެ 27 ވަނަ ވިލޭރޭ ކުރިން ނޭންގި ދާނެ ނަމަވެސް އަހަރެމެން ރޯދަ ހިފަން ފެށި ދުވަހު އެނގޭނެތާ 27 ވާ ދުވަހަކީ ކޮން ދުވަހެއް ކަން، މީޑިއާއަކަށްވެސް ނޭންގެނޭ އެ ރޭގެ މެޗު ފަސް ކުރާނެ ކަމެއް މީޑިއާއަށްވެސް އެނގެނީ އޭގެ އެއް ދުވަސް ކުރިން."

ސުޒޭން ބުނީ މެޗު ވަކި ދުވަހެއްގައި ނުކުޅޭން ނިންމާ ނަމަވެސް ޝެޑިިއުލުގައި ކުރިން އެކަން ފާހަގަ ކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ. އޭނަ ބުނީ ޓީމުތައް ތައްޔާރު ވަމުން އަންނާނީ ޝެޑިއުލުގައި މެޗު ތާވަލު ކޮށްފައި އޮންނަ ދުވަހަށް ކަމަށާއި ކުއްލިއަކަށް މެޗު ފަސް ކުރުމުން ޓީމުތަކަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވާނެ ކަމަށެވެ.

"ވަރަށް އާދައިގެ ކަންކަމަށް އިހުމާލު ވީމަ މުޅި ފުޓްބޯޅައާ ދޭތެރޭ މީހުން ދެކޭގޮތް ބަދަލު ވަނީ،" ސުޒޭން ސިފަ ކުރި އެވެ. "ހިތައް އަރަނީ މި ދެން އެއްވެސް ބަޔަކު އަޅާނުލާ ބޮޑު ސިންގާ ކޮށްޓަކަށް ދޫކޮށްލާފަ އޮންނަ ތިން ބަކަރިއެކޭ މިތާ މިއޮންނަ ބޯޅަތަކެކޭ އެއްގޮތް، އެކަހަލަ ގޮތަކަށް ދޫކޮށްލާފަ މި އޮންނަނީ."

"މި ވާހަކަ މި ފާހަގަ ކުރަނީ ފުޓްބޯޅައާ ދޭތެރޭގައި މީހުން ދެކޭގޮތް ވަރަށް ޗީޕް ވެއްޖެ މިކަހަލަ އާދައިގެ ކުދިކުދި ކަންތައްތަކާ ހެދި."

އޭނާ ބުނީ ޕްރިމިއާ ލީގް ފަށާ ރޭ ވަރަށް ފޯރިގައި ބެރު ޖަހާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން އެ މޫޑް ގެއްލި ލީގް ނިމިގެންދާއިރުވެސް އެއްވެސް ފޯރިއެއް ނުފެންނަ ކަމަށެވެ. އޭނަ ބުނީ މެޗަކީ ހަމައެކަނި ރެފްރީންނާ މެޗު ކޮމިޝަނަރުގެ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އެފްއޭއެމުން ފެށީ، ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ނުކުޅެ އެވެ. މެޗު ކުޅެން ތާވަލު ކުރުމަށް ފަހު، އެފްއޭއެމުން ފަހުން އެ މެޗު ކެންސަލް ކުރަން ނިންމީ އެވެ. އެފްއޭއެމުން އޭރު ބުނީ އޭއެފްސީ ކަޕުގައި ވާދަ ކުރާ ޓީސީ އާއި ނިއު ރޭޑިއަންޓަށް އޭއެފްސީ ކަޕަށް ފުރުސަތު ދިނުމުގެ ގޮތުން މެޗު ކެންސަލް ކުރީ ކަމަށެވެ.

ސުޒޭން ބުނީ ޗެރިޓީ ޝީލްޑް މެޗު ކެންސަލް ކުރުން އެއީ ސީޒަންގެ އެންމެ ފުރަތަމަ ފެއިލްޔާ ކަމަށެވެ.

"ޗެރިޓީ ޝީލްޑް ނުލާ އެމީހުންނަށް އެ ޝެޑިއުލް ނުރޭވޭ ކަމަށް ވަންޏާމު ހަމަ ޔަގީނުންވެސް އެކަން ކުރަން ނޭންގުނީ،" ފާޑު ކިޔުންތައް ސުޒޭން އޮއްސާލި އެވެ. "މިއީ އެއްވެސް ގައުމެއްގައި ކުރި ކަމެއްބާ އެ ގައުމެއްގެ ފުޓްބޯޅަ ސީޒަން ފަށަން އޮންނަ މެޗު ކެންސަލް ކުރުން."