ހަބަރު

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މަނާކޮށްފައި ވަނިކޮށް އެ ޕާޓީ އިން ލޯގޯ އާއި ދިދަ ބަދަލުކޮށްފި އެވެ.

ޖޭޕީގެ ލޯގޯ އާއި ދިދަ ބޭނުން ކުރަން މަނާކޮށްފައި ވަނީ އެ ލޯގޯ އާއި ނިޝާނުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ މިދިޔަ އަހަރު ޖޫން މަހު 4 ވަނަ ދުވަހުގަ އެވެ. އަދި މަނާ ކުރި މައްސަލަ ކޯޓަށް ވެސް ޖޭޕީގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް ވިދާޅުވީ ޖޭޕީއިން އާ ލޯގޯ އަކާއި ދިދައެއް ފަރުމާ ކުރުމަށް ފަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި ލޯގޯ އާއި ދިދަ ފާސް ކުރުމުގެ ކަންކަން އަސާސީ ގަވައިދުގައި ހުއްދަ ކުރާ ގޮތުގެ މަތިން އެކަން ކުރިޔަށް ގެންދިޔުމަށް އަންގާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ޖޭޕީގެ ލޯގޯ އާއި ދިދަ ފާސް ކުރާނީ އެ ޕާޓީގެ ކޮންގްރަސްގަ އެވެ. އެ ބައްދަލުވުން މި މަހު ފަހުކޮޅު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.