ހަބަރު

ތެޔޮ ބޯޓް ގޮވައި ފިހުނު މީހާ ބޭރަށް ފޮނުވާލަނީ

Jun 12, 2018

ރ. އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގެ ޖަނަރޭޓަރު ގޮވައި ފިހުނު ފަޅުވެރިޔާ ބޭރަށް ފޮނުވާލުމުގެ މަސައްކަތް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަށައިފި އެވެ.

ތެޔޮ ބޯޓް ގޮވި ހާދިސާގައި ދެ މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެ ފިހިފައިވަނީ 19 އަހަރުގެ ލަންކާގެ ރައްޔިތަކަށެވެ. އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 76 ޕަސެންޓް ފިހިފައިވާއިރު އޭނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، ހަށިގަނޑުން ބޮޑު ބައެއް ފިހިފައިވާ ލަންކާ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ވީހާވެސް އަވަހަށް އޭނާ ގައުމަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މި ހާދިސާގައި އިތުރަށް އަނިޔާވީ ދިވެއްސަކަށެވެ. އެމީހާގެ ހާލުވެސް މިހާރު ރަނގަޅެވެ.

އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެބޯޓުގައި ހުރި ޖަނަރޭޓަރެއް އޯވަހީޓް ވެގެން އޭގެ ފަޅުވެރިއަކު އެ ޖަނަރޭޓު ނިވާލަން އުޅެނިކޮށެވެ.