ހަބަރު

8000 އަށްވުރެ ގިނަ ޓެބްލެޓް ޓީޗަރުންނަށް ބަހައިފި

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓް ބަހައި ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭ 8459 ޓީޗަރުންނަށް މިހާރު ޓެބްލެޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން، އަންނަ ޓާމުން ފެށިގެން މުޅި ރާއްޖޭގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭން ވަނީ ނިންމާފަ އެވެ. އެގޮތުން މި ރޯދަމަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންނަށް ޓެބްލެޓް ބަހަން ފަށާފަ އެވެ. އަދި އެ މަސައްކަތް ވަނީ މިދިޔަ ހަފުތާގެ ނިޔަލަށް ނިންމާލާފަ އެވެ.

ކުދިންނާ ޓެބްލެޓް ހަވާލު ކުރުމުގެ ކުރިން މުދައްރިސުންނަށް ޓެބްލެޓް ހަވާލު ކޮށްފައިވަނީ އަމަލީ ގޮތުން ޓެބްލެޓަށް މުދައްރިސުން ފަރިތަކުރުމުގެ ގޮތުންނެވެ. އެހެންކަމުން ދެވަނަ ޓަމް ފެށުމާ ދެމެދު ކުރިއަށް މި އޮތް މުއްދަތުގައި ޓެބްލެޓް ޓެސްޓު ކުރުމާއި އެއަށް ފަރިތަވުމުގެ މަސައްކަތް މުދައްރިސުން ކުރާނެ އެވެ.

މުދައްރިސުންނަށް ޓެބްލެޓް ހަވާލުކުރި ނަމަވެސް، ދަރިވަރުނަށް ޓެބްލެޓް ހަވާލު ކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. ނަމަވެސް ކުރިން ވެސް ބުނެފައިވާ ގޮތަށް، ދެވަނަ ޓާމްގެ ކިޔެވުން ފަށައިގަތުމާއެކު ކުދިންނަށް ޓެބްލެޓް ހަވާލުކުރާނެ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތު ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ގަތީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނާނެއެވެ.