ރާއްޖޭގެ ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމާއެކު ގައުމަށް ހެޔޮ އެދުމުގެ ވިސްނުމެއް ނެތި ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ޕްރޮފެސާ ހަސަން އުގެއިލް ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވެއްޖެ އެވެ.
އުގެއިލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ސިޔާސީ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު އަންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާ އަޑުތައް އޮތީ ފެތުރިފަ އެވެ. މިފަހުން ސަރުކާރުގެ ސިޔާސަތުތަކަށް ވެސް އޭނާ ފާޑުވިދާޅުވެފަ އެވެ.
އާންމުކޮށް ސިޔާސީ ވާހަކަތައް ނުދައްކަވާ އުގެއިލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މިހާރު ރާއްޖޭގައި އޮތް ސިޔާސީ މަސްރަހުގައި އުޅުއްވާ ބޭފުޅުންގެ ގައުމަށް ފައިދާވާފަދަ ވިސްނުމެއް ނެތް ކަމަށެވެ.
ވިސްނުންތެރި ސިޔާސީ ލީޑަރުން ނެތްއިރު ސިޔާސީ މަސްރަހަކީ ޗަރުކޭހެއްގެ ގޮތުގައި އުގެއިލް ވަނީ ސިފަ ކުރައްވާފަ އެވެ. އަދި މުޅިން ވެސް ތިއްބެވީ އަމިއްލައަށް އައްޔަންވެގެން ތިއްބެވި ސިޔާސީ ހަރަކާތްތެރީންކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ބޭފުޅުން އިސްކުރައްވަނީ އަމިއްލަ އެދުން ކަމަށް ވެސް އުގެއިލް ވިދާޅުވެފައިވެ އެވެ.
ސިޔާސީ ބޭފުޅުންނަށް އުގެއިލް ފާޑުވިދާޅުވުމުން ބައެއް ބޭފުޅުން ވަނީ އޭނާއަށް ފާޑުވިދާޅުވެފަ އެވެ. ޕާޓީތަކުގެ އާންމު މެންބަރުން ވެސް އުގައިލްއަށް ފާޑުކިޔާ ޓްވީޓްތައް ކޮށްފައިވެ އެވެ.
ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖެއިން ބޭރުގައި އުޅުއްވާތާ އެތައް ޒަމާނެއްވެފައިވާއިރު ސިޔާސީ ލީޑަރުންނާއި ދިވެހިންނަށް އުގެއިލަށް ފާޑުވިދާޅުވެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެކުރިން 2008 އަދި 2013 ގެ އިންތިހާބުގެ ދުވަސްވަރު އުގެއިލްގެ އަޑު އިވުނު ކަމަށާއި އަނެއްކާވެސް އިންތިހާބު ކައިރިވުމުން އުގައިލްގެ އަޑު އިވެން ފަށާފައިވާކަން ފައްޔާޒު ފާހަގަކޮށްފައިވެ އެވެ.
ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު ޝަހީދު ވިދާޅުވީ، އުގެއިލްގެ ވާހަކަތައް ތަންކޮޅެއް ހަރުކަށި ކަމަށެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުން ވަރަށް ގިނަ ކަންކަން ތަހައްމަލުކޮށްފައިވާ ކަމަށާއި މުޒާހަރާތަކާއި ޖަލުތަކުގައި އަނިޔާ ލިބިފައިވާ ކަމަށެވެ. އަމިއްލަ ގައުމު ދޫކޮށް ބޭރަށް ދާން ޖެހި އަމިއްލަ ދިރިއުޅުން ގެއްލިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސިޔާސީ ބޭފުޅުންނަށް އުގެއިލް ފާޑުވިދާޅުވެފައިވާއިރު ޕާޓީތަކުން އިންތިގާލީ ކެންޑިޑޭޓެއް ނެރުމުގެ ވާހަކަ ދެއްކިއިރު އޭނާގެ ނަން ވަރަށް ގަދަވެގެން ދިޔަ އެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ޝައުގު އުގެއިލްގެ ހުންނަވަ އެވެ. ނަމަވެސް މިހާތަނަށް އެފަދަ ވާހަކައެއް އުގެއިލް ދައްކަވާފައެއް ނުވެ އެވެ.