ވިޔަފާރި

އީދަށް ޑިމާންޑް ބޮޑުވުމުން މޯލްޑިވިއަން ފްލައިޓް އިތުރު ކުރަނީ

Jun 13, 2018
3

މި އަހަރުގެ ކުޑަ އީދަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރަށް ގިނަބ ބަޔަކު ޓިކެޓު ނަގާތީ، ޑިމާންޑް ބޮޑުވުމުން މޯލްޑިވިއަންގެ ފްލައިޓްތައް އިތުރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގައުމީ އެއާލައިން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަންސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ އީދަށް ޑިމާންޑް ބޮޑުވެ، ބައެއް ސެކްޓާތައް ފުލްވެފައިވާ ކަމަށެވެ.

"ޑިމާންޑް އެންމެ ބޮޑު ވަނީ އާބާދީ އެންމެ ބޮޑު ސަރަހައްދު ތަކަށް. އައްޑޫ އާއި ފުވައްމުލަކު ފަދަ ސަރަހައްދުތަކަށް ވަރަށް ބާރު ބޮޑު. މިހާރު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވެއިޓިން ލިސްޓު އަންނަ ވަރަކުން ފްލައިޓް އިތުރު ކުރަން،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރު މީހުން ގިނައިން ދަތުރު ކުރަނީ ރާއްޖޭގެ އެކި ހިސާބުތަކަށްކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ތިން ދުވަސްވަރު ލިބޭތީ ހެންހީވަނީ ރާއްޖޭން ބޭރަށް ދަތުރު ކުރާ މީހުންގެ އަދަދު މަދު. ގިނައިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް،" ނަޝާތު ވިދާޅުވި އެވެ.

މި އަހަރުގެ އީދަށް ވާނެ ކަމަށް ބެލެވެނީ ހުކުރު ދުވަހު އެވެ. މި އަހަރުގެ އީދުބަންދަށް ތިން ދުވަސް ލިބޭނެ އެވެ.