ދުނިޔޭގެ މިއުޒިކީ ލެޖެންޑުންގެ ލިސްޓުގެ ކުރީގައި ބޮބް މާލީވެސް ހިމެނެ އެވެ. ޖެމެއިކާގެ މަޝްހޫރު "ރެގޭ" މިއުޒިކު މުޅި ދުނިޔެއަށް ތައާރަފުކޮށްދީ ގިނަ ބައެއްގެ ހިތްތަކުން އޭނާ ޖާގަ ހޯދި އެވެ. ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން އައްޑިހާގެ އަހަރުތަކާއި ހަމައަށް އޭނާގެ މިއުޒިކުގެ ދީވާނާގައި ގިނަ ބަޔަކު ޖެއްސި އެވެ.
ހޮލީވުޑްގެ ހަބަރުތައް ފަތުރާ އޮންލައިން މެގަޒިނެއް ކަމަށްވާ "ޑެޑްލައިން" އިން ރިޕޯޓުކުރި ގޮތުގައި ބޮބް މާލީގެ ދަރިފުޅު ޒިގީ މާލީއާއި ޕްރެމައުންޓް ޕިކްޗާސް ގުޅިގެން އޭނާގެ ބޮބް މާލީގެ ހަޔާތައް ފިލްމެއް ތައްޔާރުކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެ ފިލްމުގައި ބޮބް މާލީގެ ހަޔާތުގައި ހިނގާފައިވާ މުހިންމު ގިނަ ކަންތައްތަކެއް ގެނެސްދޭނެކަމަށް ބުނެފައިވެ އެވެ.
އެ ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރާނެ މީހަކާއި އަދި ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ޑެޑްލައިންގައި ބުނެފައިވެ އެވެ.
ޒިގީ އަކީ ބޮބް މާލީގެ ދޮށީ ދަރިފުޅާއި ޖެހިގެން ހުންނަ ކުއްޖާ އެވެ. އެކި މީހުނާއި ކައިވެނިކޮށްގެން ބޮބް މާލީއަށް 12 ކުދިން ލިބުނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ އެޑޮޕްޓުކޮށްފައިވާ ކުދިންނެވެ. ޒިގީ ވަރަށް ކުޑައިރުއްސުރެ ފެށިގެންވެސް ބައްޕަ ކުރާ މަސައްކަތްތައް ކައިރިން ބަލަމުން އައިސްފައިވެ އެވެ.
ޒިގީގެ އުމުރުން އެންމެ ދިހަ އަހަރުގައި އޭނާ ބައްޕަ ކިޔާ ލަވަަތަކުގެ ރެކޯޑިން ޝެޝަތަކަށްވެސް ގޮސްފައިވެ އެވެ. ބައްޕަ ކައިިރިން މިސާލު ނަގައިގެން އޭނާ އަންނަނީ މިއަދު މިއުޒިކީ ދާއިރާގައި ފައިތިލަ ސާބިތުކުރަމުންނެވެ. ޒިގީ ވަނީ މިހާތަނަށް 15 އަލްބަމެއް ރެކޯޑުކޮށްފަ އެވެ. އޭނަ ކީ ލަވައަކަށް ގްރޭމީ އެވޯޑާއި އެމީ އެވޯޑުވެސް ލިބިފައިވެ އެވެ.
ބޮބް މާލީއާއި ގުޅޭ ދެ ޑޮކިއުމެންޓްރީއެއް މީގެ ކުރިން ޒިގީ ވަނީ އެގްޒެކެޓީވް ޕްރޮޑިއުސްކޮށްފަ އެވެ. އެއީ 2012 ވަނަ އަހަރު ނިކުތް ޑޮކިއުމެންޓްރީ "ދަ މޭކިން އޮފް ލެގެންޑް ރީމިކްސްޑް" އާއި 2014 ވަނަ އަހަރު ޑިސްކަވަރީ ޗެނަލުން ދެއްކި ޑޮކިއުމެންޓްރީ ސީރީޒް "މާލީ އެފްރިކާ ރޯޑް ޓްރިޕް" އެވެ.
އުމުރުން 36 އަހަރުގައި ބޮބް މާލީގެ މަރުވީ 1981 ގައި ހަމުގެ ކެންސަރާއި ހަނގުރާމަކުރަމުން ދަނިކޮށެވެ. ބޮބް މާލީއަކީ މިއަދު ދުނިޔޭގައި ގިނަ މިއުޒީޝަނުންނެއް ރޯލް މޮޑެލްއެއްގެ ގޮތުގައި ދެކޭ މީހެކެވެ. ބޮބް މާލީ ވަނީ އޭނާގެ ކެރިއަރުގައި 15 އަލްބަމެއް ނެރެފަ އެވެ.