ވިޔަފާރި

އީދަށް ކިހާ ހޭދައެއް ކުރަން ތަ؟

Jun 15, 2018
1

ކުޑަ އީދު މިއަދު ފެށުނުއިރު ރޯދަ އަށް ފަހު މިއީ އެންމެ ބޮޑު ހަރަދެއް ކުރާ މޫސުމެވެ. އީދުގައި ޗުއްޓީއަށް އެކި ހިސާބުތަކަށް ދިއުމާއި ކެއިން ބުއިމަށް ތަފާތު މީރު އެއްޗިހި ތައްޔާރު ކުރުމަކީ މިހާރުވެސް އާދަ އެވެ. ސުވާލަކީ އީދު ޗުއްޓީއަށް ކިހާވަރެއްގެ ހޭދައެއް ކުރަން ހެއްޔެވެ؟

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް އީދު ޗުއްޓީއަށް ގިނަ ބަޔަކު ވަނީ ރާއްޖެ އާއި ބޭރުގެ އެކި ދިމަދިމާލަށް ނައްޓާލައިފަ އެވެ. ދިވެހިންގެ ޗުއްޓީ ޓްރެންޑަށް އައިސްފައިވާ ބޮޑު ބަދަލާއެކު ރާއްޖޭން ބޭރަށް ވުރެ މިހާރު އީދު ޗުއްޓީ ހެދުން މި އޮތީ ރާއްޖޭގަ އެވެ. ހާއްސަކޮށް ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ދިވެހިން އައިސް ފުރައިލަ އެވެ. ނަސީބު ރަނގަޅުކަމުން ކަންނޭނގެ އެވެ. މި އަހަރު އީދު ޗުއްޓީ ދިމާވަނީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަންއާ އެވެ.

ޗުއްޓީ ހޭދަ ވަރަށް ބޮޑު

ޓޫރިޒަމް އޮފް ސީޒަން ވުމުން ގިނަ ރިސޯޓުތަކުން ދިވެހިންނަށް ހާއްސަ އީދު ޗުއްޓީ ޕެކޭޖުތައް ދަނީ ވިއްކަމުންނެވެ. އާއްމު ގޮތެއްގައި ދިވެހިންނަށް ޗުއްޓީ ހޭދަ ކޮށްލެވޭ އަގެއްގައި ޕެކޭޖު މިއުޅެނީ ރެއަކަށް 3500ރ. އާއި 4،000ރ. އާ ދެމެދުގަ އެވެ. އެހެންވެ ގިނަ އަދަދެއްގެ ދިވެހިން މިއަގުގައި ވިއްކާ ޕެކޭޖުތައް ނަގަ އެވެ. އާއްމު ގޮތެއްގައި ޗުއްޓީއެއްގައި ދެ ރޭ ހޭދަ ކުރެ އެވެ.

މި އަގުގައި އާއިލާއެއް ޗުއްޓީ ހޭދަ ކުރާނަމަ ހަތަރު މެންބަރުންގެ އާއިލާއަށް ހަމައެކަނި ޗުއްޓީއަށް 6،000ރ. ވަރު ދާނެ ކަމަށްއަންދާޒާ ކުރެވެ އެވެ. އަދި ރާއްޖެއަކީ ދަތުރުފަތުރު އަގު ބޮޑު ގައުމަށްވުމުން މި ހަރަދު އަދި އުޅޭނީ މާ މަތީގަ އެވެ. މިއީ އާއްމުކޮށް ދިވެހިންގެ އާއްމު މުސާރަތައް ހުރި ގޮތައް ބަލާއިރު ބޮޑު ހޭދަ އެކެވެ.

އީދު ކެއުންތަކުގެ ހަރަދު ކުޑައެއް ނޫން

ދެން އޮތީ އެހެނިހެން ހޭދަ ތަކެވެ. އީދުގެ ޗުއްޓީއަކީ ކެއުމަށް އެންމެ ބޮޑު ހޭދައެއް ކުރާ ދުވަސް ތަކެވެ. ހާއްސަކޮށް އީދު ދުވަހުގެ ހެނދުނު ގަޑި އާއި މެންދުރު ގަޑީގައި ކެއުމަށް ގިނަ ބާވަތްތަކެއް ތައްޔާރު ކުރެ އެވެ. އީދު ދުވަހު ކޮންމެ ގެއަކުވެސް މެންދުރު ގަޑިއަށް ކުކުޅު ރިހަ ކައްކާނެ އެވެ. އާއްމު ގޮތެއްގައި ކުކުޅުގެ އަގު އުޅެނީ 60ރ. އިން މަތީގެ އަގުތަކެއްގަ އެވެ. އެހެންކަމުން އީދު ދުވަހުގެ ހަރަދުތައް ގުނާނަމަ މިވެސް އެއްކުރަންޖެހޭ އެއްޗެކެވެ. އަދި މިއާއެކު ހަދާ ފޮނި އެއްޗިހިތަކާއި ސަޓަނީގެ ވައްތަރުތަކާއެކު ހަމައެކަނި މެންދުރުގެ ކެއުމަށްވެސް 300 އެއްހާ ރުފިޔާ ހޭދަވާނެ އެވެ.

އީދު ހެނދުމަށް ވެސް ބޮޑު ހޭދައެއް

ދިވެހިންގެ ވައްޓަފާޅިއަށް ކިތަންމެ ބޮޑު ބަދަލެއް އައި ނަމަވެސް އަދިވެސް ބަދަލު ނުވެ އޮތް އެއް ކަމަކީ އީދު ހެނދުން ގަތުމެވެ. އޭގެ އެއް ހެއްކަކީ ލާއަންނައުނު ވިއްކާ ފިހާރަތައް އީދާ އެކީ ތޮއްޖެހޭތީ އެވެ. އެ ފިހާރަތަކުގެ ސޭލްސްތައް 50 ޕަސެންޓް އިތުރުވެގެން އަންނާތީ އެވެ. އާންމުކޮށް އަންހެނުން ވެސް އަދި ފިރިހެނުން ވެސް އީދު ހެދުމެއް ގަންނާނެ އެވެ. މާލޭގައި އާންމުކޮށް ހެނދުން ވިއްކާ އަގުތަކަށް ބަލާ ނަމަ، ގަމީސް ނޫނީ ހެނދުމެއް ގަންނަން 400-500 ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭނެ އެވެ. ޖިންސްފަދަ އެއްޗެއް ގަންނަން ވެސް 700 ރުފިޔާ ވަރު ހަރަދުވާނެ އެވެ. އެހެން ވީމާ، އީދު ހެނދުމަށް ވެސް އާންމުކޮށް ގިނަ ދިވެހިން އެވްރެޖްކޮށް 1،500 ރުފިޔާ ވަރު ހޭދަކުރަން ޖެހެ އެވެ.

ކޮންމެއަކަސް ރޯދަ މަސް ނިމި، މިއަދަކީ އީދު ދުވަހެވެ. އީދު ދުވަހުވެސް މި ފެންނަނީ ހޭދަތައް މަތިކޮށެވެ.