ހަބަރު

"އެއްލަކިން" ލައިސެންސް ކާޑުތައް ދޫކޮށް ނިމޭނީ މި ހަފްތާ

އެއް ދުވަސް ތެރޭގައި ލައިސެންސް ލިބޭ "އެއް ލަކިން" ޕްރޮގްރާމުން ފާސްވި ހުރިހާ ފަރާތްތަކަށް މި ހަފްތާގެ ތެރޭގައި ލައިސެންސް ދޫކޮށް ނިންމާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

މިދިޔަ މަހު ކުރިޔަށް ގެންދިޔަ އެއް ލަކިން ޕްރޮގްރާމުގެ ތެރެއިން ފާސްވެ، 3289 މީހުން ވަނީ ލައިސެންސް ކާޑު ހެއްދުމަށް ފައިސާ ދައްކާފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް ގިނަ ފަރާތަކަށް ކާޑު ދޫނުކޮށްގެން ޝަކުވާތައް އޮތީ ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ސުވާލު ކުރުމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ލައިސެންސް ކާޑުތައް ހުރިހާ ފަރާތްތަކަށް ދޫކޮށް ނުނިމޭ ކަމަށާއި ގިނަ އަދަދަކަށް މީހުން ލަައިސެންސް ނަގާފައިވާތީ އެއާ އެއްވަރަށް ޓްރާންސްޕޯޓުގައި ކެޕޭސިޓީއެއް ނެތް ކަމަށެވެ. އެގޮތުން ކާޑުތައް ޕްރިންޓު ކުރުމަށް އެންމެ މެޝިނެއް ހުންނަ އިރު އެކަމަށް ވެސް ހަތަރު ވަރަކަށް މުއްޒިފުން ބޭނުންވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ނަމަވެސް އެފަދަ ކަންކަން ހައްލުކޮށް، ބާރު ސްޕީޑެއްގައި ކުރިޔަށް އޮތް ތިން ދުވަސް ތެރޭގައި ލައިސެންސްތައް ދޫކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އީދުގެ ތެރޭގައި ވެސް ލައިސެންސް ދޫކުރާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުއައްޒިފުން އިތުރު ގަޑި ނަގައިގެން ހުކުރު ހޮނިހިރު އަދި އީދުގެ ތެރޭގައި ވެސް މަސައްކަތް ކުރާނެ، ވަރަށް ބާރު ސްޕީޑުގައި ހުރިހާަ ކާޑުތަކެއް ދޫކުރަން އަޅުގަނޑުމެން ވާނީ ނިންމާފައި، އެގޮތުން ކާޑު ޕްރިންޓު ކުރާ މެޝިނު ވެސް އިތުރު ކުރަން ވާނީ ނިންމާފައި،" އަބްދުﷲ ވިދާޅުވި އެވެ.

އެއްލަކިން ޕްރޮގްރާމުގެ ތެރެއިން 3289 މީހުން ލައިސެންސްސ ނަގާފައިވާ އިރު 1500 އަކަށް މީހުންނަކީ މުޅިން އަލަށް ލައިސެންސް ނަގާ މީހުންނެވެ. އަދި ބާކީ ތިބި މީހުންގެ ތެރެެއިން ގިނަ މީހުންނަކީ ކެޓަގަރީތައް އިތުރު ކުރަން ލައިސެންސް ނެގި މީހުން ކަމަށާއި 300އެއްހާ މީހުން ފެއިލްވި ކަމަށް އަަބްދުﷲ ވިދާޅުވި އެވެ.