ހަބަރު

މަޖިލިސް ބޮއިކޮޓްކުރި މެންބަރުން ޖަލްސާގައި ބައިވެރިވި ކަމަށް ހާޒިރީއިން ދައްކާ

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައިވާ އިދިކޮޅު މެންބަރުންތައް ޖަލްސާތަކަށް ހާޒިރުވާ ކަމަށް މަޖިލީހުގެ ފުރަތަމަ ދައުރުގެ ހާޒިރީ އިން ދައްކައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ބޭރުކޮށްލި ހިސާބުން މިދިޔަ އަހަރުގެ ފަހު ޖަލްސާއިން ފެށިގެން އިދިކޮޅު މެންބަރުން ވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފަ އެވެ. އެގޮތުން އެއްވެސް މެންބަރަކު މި އަހަރު ބޭއްވި ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައި ނުގަންނަވަ އެވެ. ނަމަވެސް މަޖިލީހުން އިއްޔެ އާންމު ކުރި ފުރަތަމަ ދައުރުގެ ހާޒިރިގައިވާ ގޮތުން އިދިކޮޅު މެންބަރުންތައް ޖަލްސާތަަަކަށް ވާނީ ހާޒިރުވެފަ އެވެ.

ހާޒިރީގައިވާ ގޮތުން ޖަލްސާތަކަށް ހާޒިރު ނުވަނީ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ދިއްގަރުު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެވެ. އޭގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް އެއް ދުވަހު މަޖިލީހަށް ހާޒިރުވި ކަމަށް ހާޒިރީ އިން ދައްކަ އެވެ.

އިދިކޮޅު މެންބަރުން ޖަލްސާތަކަށް ހާޒިރުވި ކަމަށް ހާޒިރީ އިން ދައްކާ އިރު އެ ދުވަސްވަރު ޕީޕީއެމް އިން ބުނަމުން އައި އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް ހާޒިރީގައި ސޮއި ކުރާ ކަމަށެވެ. އަދި ޖަލްސާގައި އަމަލީ ގޮތުން ބައިވެރިނުވެ ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވާ ކަމަށެވެ.