ކުޅިވަރު

އިރާންގެ ކުޅުންތެރިންނަށް ބޫޓެއް ނުލިބުނު

ވޯލްޑްކަޕުގައި ވާދަ ކުރާ އިރާންގެ ޓީމަށް، ސްޕޯޓްސް ތަކެތި އުފައްދާ އެމެރިކާގެ ކުންފުނި، ނައިކީން ބޫޓު ފޯރުކޮށްދެވެން ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިރާންގެ ކުޅުންތެރިންނަށް ބޫޓު ފޯރުކޮށް ދެވެން ނެތް ކަމަށް ނައިކީން ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ދެކޮޅަށް އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިރާނާއެކު އިގްތިސޯދީ އެއްވެސް މުއާމަލަތެއް ނުކުރުމަށް އެމެރިކާގެ ކުންފިނިތަކަށް ގާނޫނުން ވަނީ އަންގާފަ އެވެ. އިރާންގެ ނިއުކުލިއަ ޕްރޮގްރާމާ ބެހޭގޮތުން ފަށާފައިވާ މަޝްވަރާތަކުން އެމެރިކާ މިދިޔަ މަހު ވަނީ ވަކި ވެފަ އެވެ.

"އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުގެ މާނައަކީ އެމެރިކާގެ ކުންފުންޏަކަށް ވާތީ، ނައިކީ އަށް އިރާންގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިފަހަރު ބޫޓު ފޯރުކޮށް ދެވޭކަށް ނެތޭ." ނައިކީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިރާންގެ ކޯޗް ކާލޯސް ކްއިރޯޒް ބުނީ މެޗު މިހާ ކައިރިވެފައި ވަނިކޮށް ބޫޓު ފޯރުކޮށް ދެވެން ނެތް ކަމަށް ބުނުމަކީ ޓީމަށް އުނދަގޫ ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އީއެސްޕީއެންގައި ކްއިރޯޒް ބުނެފައިވަނީ 2014 ވަނަ އަހަރު ވޯލްޑްކަޕުގައިވެސް އިރާންއަށް އެގޮތަށް ކަންތައް ކުރި ކަމަށެވެ.