ސްޕެއިންގައި އޮތް ވަރުގެ ވަރުގަދަ ސްކޮޑެއް އިރާންގައި ނެތް ކަމަށާއި ނަމަވެސް ސްޕެއިން އާ ދެކޮޅަށް އިރާނަށްވެސް ވަރުގަދައަށް މަސައްކަތް ކުރެވޭނެ ކަމަށް އިރާންގެ ކޯޗް ކާލޯސް ކްއިރޯޒް ބުނެފި އެވެ.
ކުރިން ރެއާލް މެޑްރިޑަށް ކޯޗް ކޮށްދިން ކްއިރޯޒް ބުނީ، މޮރޮކޯ އަތުން ލިބުނު މޮޅާއެކު އިރާންގެ ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށެވެ. އަދި އިރާންގެ ޓީމުގައިވެސް ވަކިވަކި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށް އޭނާ ބުންޏެވެ.
"ސްޕެއިންގައި ތިބި ކަހަލަ ވަރުގަދަ ކުޅުންތެރިންނެއް އަހަރެމެންގެ ސްކޮޑްގައެއް ނެތް، ނަމަވެސް އަހަރެމެންނަށްވެސް ވަރުގަދަ ކަންތައްތަކެއް ކުރެވޭނެ،" ކުރިން މެންޗެސްޓާ ޔުނައިޓަޑްގައި އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައ މަސައްކަތް ކުރި ކްއިރޯޒް ބުންޏެވެ.
"އަހަރެން ވިސްނަން ޖެހޭ ކަމަކީ އަހަރެމެންގެ ކުޅުންތެރިން މެޗަށް ނިކުންނާނީ ވަރަށް ރަނގަޅަށް ސަމާލުވެ ތިބެ ޕޮޒެޓިވް ވިސްނުމަކާއެކު ކަން.
"އިސްކޯ، [މާކޯ] އެސެންސިއޯ އަދި [އެންޑްރެސް] އިނިއެސްޓާ އާ ބެހޭގޮތުން ބުނާ ހަމައެއްވެސް އެއްޗެއް ނެތް އޭގެއިން އެއް ކުޅުންތެރިޔަކު ނެތަސް އަނެއް ކުޅުންތެރިޔަކު ސްޕެއިންގައި ތިބޭނެ."
ސްޕެއިންގެ ކޯޗް ފެނާޑޯ އިއޭރޯ ބުނީ، ހުލެން ލޮޕެޓެގީ އަށް ފަހު އޭނާ ކޯޗް ކަމާ ހަވާލުވެ ކުރިމަތިވި ފުރަތަމަ ތިން ދުވަހަކީ އޭނާ އަށް ވަރަށް އުނދަގޫ ތިން ދުވަސް ކަަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބުންޏެވެ.
"އަހަންނަށް އެނގޭ އަހަރެން މި މަގާމުގައި ހުރީ އަހަރެންގެ އޮތް ކޯޗިން ތަޖުރިބާއަކުން ނޫންކަން، ފުރަތަމަ ތިން ދުވަހު އަހަންނަށް ނުވެސް ނިދޭ، ކުއްލިއަކަށް އައި ކަމަކަށް ވުމުން ވީޑިއޯތައް ބަލައި އެނަލިސިސް ކުރާކަށް އަހަންނަށް އެކަށޭނެ ވަގުތެއްވެސް ނުލިބުނު."
އޭނާ ބުނީ މުބާރާތުގެ މިހާހިސާބުން ފެށިގެން ސްޕެއިންގެ ޓީމަށް ކޮންމެ ގޮތެއްވީ ނަމަވެސް އެކަމުގެ ޒިންމާ އޭނާ ނަގާނެ ކަމަށެވެ.
ޕޯޗްގަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯސްތަކާ މެދު ޑެހެއާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. ނަމަވެސް ސްޕެއިންގެ ކޯޗް ބުނީ ޑެހެއާ މެދު އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.