ކުޅިވަރު

އިރާންގެ ލަނޑު ވީއޭއާރް ގަބޫލު ނުކުރި، ސްޕޭންއަށް މޮޅު

ސްޕެއިން އިން ލީޑް ނަގާފައި ވަނިކޮށް، އިރާނުން ޖެހި ލަނޑު ވީއޭއާރް ޓެކްނޮލަޖީން ގަބޫލު ނުކުރުމުން 1-0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެއްޖެ އެވެ.

މި މޮޅާއެކު، ސްޕެއިން ވަނީ ހަތަރު ޕޮއިންޓާއެކު، ދެ ވަނަ ބުރަށް ދިއުމާ ގާތަށް ޖެހިލާފަ އެވެ. މެޗު އިރާނުން ފެށީ ވަރުގަދަ ޑިފެންސިވް ޕްލޭނަކާއެކު އެވެ. ފުރަތަމަ ހާފުގައި ސްޕެއިންއިންގެ ކީޕަރު ޑޭވިޑް ޑެހާއާ ފިޔައި އަނެއް 10 ކުޅުންތެރިން މުޅިންހެން ކުޅެމުން ދިޔައީ އިރާންގެ ހާފުގެ ތެރޭގަ އެވެ.

ފުރަތަމަ ހާފުގައި، އިރާންގެ ޑިފެންސް ފޫއަޅުވާލާފައި ސްޕެއިން އަށް ފޮނުވާލެވުނީ ދެ ހަމަލާއެވެ. އޭގެ ތެރެއިން ގޯލައާ އަމާޒުވީ އެންމެ ހަމަލާއެކެވެ. ހިލޭ ޖެހުމަކުން، ޑޭވިޑް ސިލްވާ ފޮނުވާލި ބޯޅަ ސޭވް ކުރީ އިރާންގެ ކީޕަރު އަލީ ރެޒާ ބީރަންވަންޑް އެވެ. ދެ ވަނަ ހަމަލާ ޑިއޭގޯ ކޮސްޓާ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު އިރާންގެ ޑިފެންސް އޮތީ ކޮންމެވެސް ވަރަކަށް ރޫޅިފަ އެވެ. މެޗުގެ 54 ވަނަ މިނެޓްގައި ސްޕެއިންގެ ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ކޮސްޓާ އެވެ. އެ ލަނޑު ޖެހުމުގައި ވައިސް ކެޕްޓަން އަންޑްރޭ އިނިއެސްޓާ ދިން ހިތްގައިމު ޕާސް ފާހަގަ ކޮށްލަން ޖެހެ އެވެ.

އިނިއެސްޓާ ޕާސް ފޯރު ކޮށްދިނީ ވަރަށް ބަލާލަފައި އިރާންގެ ޑިފެންސް ފޫ ވެއްޓިފައި އޮތް ދިމާލުންނެވެ. ކޮސްޓާއަށް ބޯޅަ ދިނުމުން، އޭނާ ހުއްޓުވަން އިރާންގެ ދެ ޑިފެންޑަރުން ކައިރިވި ވަގުތު ކޮސްޓާ ކޮންޓްރޯލް ކޮށްލަން އުޅުނު ބޯޅަ އިރާންގެ ކުޅުންތެރިޔާގެ ފައިގައި ޖެހިފައި ރީބައުންސް ވެގެން އަލުން ޑިއޭގޯ ކޮސްޓާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ އިރާންގެ ގޯލަށެވެ.

މެޗުގެ 64 ވަނަ މިނެޓްގައި އިރާންގެ ބޯޅަ ގޯލަށް ވައްދާލީ ސައީދު އިއްޒަތުﷲ އެވެ. އިރާނުން ޖެހި ހިލޭޖުމުން ތަނަވަސްވި ބޯޅަ އިއްޒަތުﷲ ގޯލްގެ ތެރެއަށް ފޮނުވާލީ ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ. ބޯޅަ ގޯލް ވައްދާލައި އިރާންގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާ ފާޅު ކުރި އެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު މެޗުގެ ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ ލަނޑު ޖަހަން ބޯޅައަށް އެރުމުގެ ކުރިން އިއްޒަތުﷲ އޮފްސައިޑް ވެފައި ހުރުމުންނެވެ.

އޭގެ ކުރިންވެސް، އިރާންގެ ކަރީމް އަންސޯރީ، ސްޕެއިންގެ ޑިފެންސްގެ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ބޭރުން އަރިމަތީ ދާގަނޑަށެވެ.

ލަނޑަށް ފަހު ސްޕެއިން ކުޅުންތެރިންނަށް ނުރައްކާ ހީވުމުން ކުރިއަށްވުރެ ބޮޑަށް ބޯޅަ އަމިއްލަ ޓީމު އަތުގައި ބޭއްވުމަށް ސްޕެއިންގެ ކުޅުންތެރިން މަސައްކަތް ކުރި އެވެ. ނަމަވެސް ކައުންޓަ އެޓޭކުގައި އިރާނުން ތަނަވަސް ކުރި ފުރުސަތުގައި ވާހިދު އަމީރީ، ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް މަހްދީ ޓެރިމް ބޮލުން ފޮނުވާލުމުން އެ ބޯޅަ ދިޔައީ ހުރަސް ދަނޑި އާ އިންޗިއެއްހައި މަތިން ބޭރަށެވެ.