ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަސްދުވަހަށް ޖަލަށް ލުމަށް ކްރމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އާއިލާއަށް ޝޮކެއް ލިބިފައިވާ ކަމަށް މައުމޫންގެ ދަރިކަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އެ ހުކުމް އިއްވީ، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެގެން އެވެ. މިއަދު ހުކުމް އިއްވީ، މައުމޫންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން ވަކީލުން މައްސަލަ ދޫކޮށްލުމުން ވަކީލެއް އައްޔަން ކުރަން ވެސް އެކަށީގެންވާ ފުރުސަތު ނުދީ އަދި ހުށަހެޅި ދިފާއީ ހެކިތައް ވެސް ގަބޫލު ނުކުރަން ނިންމުމަށް ފަހު އެވެ.
އެ ހުކުމާ ގުޅިގެން ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްޕަ މައުމޫންގެ މައްޗަށް އިއްވި ހުކުމުގެ ސަބަބުން މަންމަ އާއި އެއްބަނޑު އެއްބަފާ ދައްތަ ޔުމްނާ މައުމޫނަށް ފުން ހިތާމައެއް ގެނުވާފައިވާ ކަމަށެވެ. އަދި އެ ހުކުމުގެ ސަބަބުން އާއިލާއަށް ޝޮކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ދުންޔާ ވަނީ ޓްވީޓްގައި ވިދާޅުވެފަ އެވެ. އަދި އިންސާނިއްޔަތަށްޓަކާ ބައްޕަގެ މުސްކުޅި އުމުރާއި ބަލިހާލަތަށް ބަލައި ވަގުތުން ގެއަށް ބަދަލުކޮށް ދިނުމަށް ވެސް ދުންޔާ ވަނީ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ.
"މާތްﷲ ބައްޕައަށް ރައްކާތެރިކަން ދެއްވާށި،" އަނބިކަބަލުން ނަސްރީނާއާ އެކު މައުމޫން ނަންގަވާފައިވާ ފޮޓޯއަކާ އެކު ދުންޔާ ޓްވީޓް ކުރައްވާފައިވެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން މައުމޫން ވަނީ ޝަރީއަތް އަޑުއަހަށް ތިބި މީހުންނަށް މުހާތަބު ކުރައްވާ، އީދުގެ ތަހުނިޔާ އެންމެ ރައްޔިތުންނަށް ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ހުލާސާ ބަޔާން އިއްވަން ދިން ފުރުސަތުގައި މައުމޫން ވަނީ އެމަނިކުފާނު ދުވަހަކު ވެސް ޖިނާއީ ކުށެއް ނުކުރައްވާ ކަމަށާއި ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މައުމޫން ވިދާޅުވީ؛ އެމަނިކުފާނާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށާއި ހުށަހެޅި ހެކިންގެ ހެކި ބަހުން ވެސް އެނގުނީ ފޯނު ދެއްވަން އެމަނިކުފާނު ދެކޮޅު ހައްދަވާފައި ނެތްކަން ކަމަށެވެ. އަދި ފޯނަކީ އޭގެ ޒާތުގައި ހެއްކަކަށް ނުވާއިރު އޭގައި ހެކި ހުރިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ހެކި ހުރެދާނެ ކަމަށް ބެލުމަކީ ގާނޫނީ ބާރު ލިބޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ފުލުހުންގެ ގާނޫނު ސަސްޕެންޑް ނުކުރާ ކަމަށެވެ. އެ ގާނޫނުގެ ދަށުން ހަދާފައިވާ ފުލުހުންގެ ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ގެޔަކަށް ފުލުހުން ވަންނަން ޖެހޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށާއި ނަމަވެސް އެ ރޭ އެންދެރިމާގެ ދޮރު ވައްޓާލައި ފުލުހުން ވަނީ އެއްވެސް އަމުރެއް ނެތި ކަމަށެވެ. އެހެންވެ އެއީ ބާތިލު އިޖުރާއަތެއްގެ މައްޗަށް ހިންގި ތަހުގީގެއް ކަމަށާއި ބާތިލު އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ބާތިލުވާނެ ކަމަށެވެ.