ހަބަރު

މައުމޫންއަށް ހުކުމް ކުރުމުން ނަޝީދުގެ ކެމްޕެއިން ލޯންޗު ކުރުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށްލުމަށް ހުކުމް ކުރުމުގެ ހިތާމާގައި ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސަ ލޯންޗު ކުރުން ފަސްކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ހޮވުން ރައީސް ނަޝީދުގެ "ޖަޒީރާ ރައީސް" ޖަލްސާ އިފްތިތާހު ކުރުން އޮތީ މިރެއެވެ. ނަމަވެސް އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން އެއްވެސް އުސޫލެއް، ހަމައެއް، ލަމައެއް ނެތި ރައީސް މައުމޫންގެ މައްޗަށް ހިންގަމުން ދިޔަ ޝަރީއަތް ނިންމައި ހުކުމް ކުރުމާ ގުޅިގެން މިރޭ އެ ޖަލްސާ ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ޖަލްސާ ބާއްވާނީ މާދަމާ ރޭ ކަމަށް އެ ޕާޓީ އިން ބުންޏެވެ.

މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އެ ހުކުމް އިއްވީ، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެގެން އެވެ. މިއަދު ހުކުމް އިއްވީ، މައުމޫންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން ވަކީލުން މައްސަލަ ދޫކޮށްލުމުން ވަކީލެއް އައްޔަން ކުރަން ވެސް އެކަށީގެންވާ ފުރުސަތު ނުދީ އަދި ހުށަހެޅި ދިފާއީ ހެކިތައް ވެސް ގަބޫލު ނުކުރަން ނިންމުމަށް ފަހު އެވެ.