ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުމާއި ހިތާމަ ފާޅު ކުރަމުން ދެ އެވެ. ނަމަވެސް ސަރުކާރާއެކު މިހާރު ވެސް މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާ އެމަނިކުފާނުގެ ހަގު ދަރިކަލުން އަދި ގައްސާން މައުމޫން ވަކި އެއްޗެއް ވިދާޅެއް ނުވެ ހުންނެވީ ހިމޭނުންނެވެ.
ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ ރައީސް މައުމޫންގެ މައްޗައް ހުކުމް އިއްވީ ދައުލަަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެގެނެވެ. ހުކުމް އިއްވީ، މައުމޫންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން ވަކީލުން މައްސަލަ ދޫކޮށްލުމުން ވަކީލެއް އައްޔަން ކުރަން ވެސް އެކަށީގެންވާ ފުރުސަތު ނުދީ އަދި ހުށަހެޅި ދިފާއީ ހެކިތައް ވެސް ގަބޫލު ނުކޮށެވެ.
އެމަނިކުފާނަށް ހުކުމް ކުރެއްވި ގޮތާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރެ އެވެ. އެގޮތުން ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވީ އެ ހުކުމާ ގުޅިގެން ދައްތަ ޔުމްނާ މައުމޫން އާއި ނަސްރީނާ އިބްރާހިމަށް ބޮޑު ސިހުމެއް ލިބި ފުން ހިތާމައިގައި ތިއްބެވި ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް ވެސް ގައްސާން މައުމޫން ވަަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ސަރުކާރަށް ކުރާ ތާއީދު ރައީސް މައުމޫން ގެންދިޔަ ފަހުން ވެސް ގައްސަން ހުންނެވީ ރައީސް ޔާމީންއާއެކުގަ އެވެ. ނަމަވެސް އާއިލީ ބައްދަލުވުންތަކަށް ގައްސާން ޖަލަށް ވަޑައިގަންނަވާ ކަމަށްވެ އެވެ.
ރައީސް މައުމޫންގެ މައްޗައް ވަނީ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެމަނިކުފާނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަނީ ބާތިލުކޮށްފަ އެވެ.