ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އެމަނިކުފާނާއި ގުޅޭގޮތުން ދެއްކެވި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކަށް ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ރައްދު ދެއްވައިފި އެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ މިރޭ އެ މަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެއާއެކު ޖާބިރު ވަނީ ޣައްސާނަށް މެސެޖެއް ދެއްވާފަ އެވެ. އެ މެސެޖްގައި އޭނާ ވިދާޅުވީ ރައީސް މައުމޫން އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށެވެ. -- މިއީ ފަހަކަށް އައިސް ޖާބިރު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކެކެވެ.
ޖާބިރު ވަނީ ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީއަށް އޭނާއަށް ދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މަނިކުފާނު ހަނދާން ބަހައްޓަވަންޗޭ، ތަރިކަ މުދަލުން އަޅުގަނޑުމެންގެ ހައްގު ދޭން ޖެހޭނެ. 29 މިލިއަންތާ ބައްޕަ ނަގާފައި ވަނީ. އެކަން ހަނދާން ކޮށްދެއްޗޭ،" ޣައްސާން ކުރެއްވި ޓްވީޓާއެކު ހިމަނާފައިވާ އޯޑިއޯއެއްގައި ޖާބިރު ވިދާޅުވެއެވެ.
ޣައްސާންގެ އެ ޓްވީޓެއްގައި ވިދާޅުވީ މަޖިލިސްތެރޭގައި ޖާބިރު ދައްކަވާ ގިނަ ވާހަކަތައް އެއީ ސަމާސާ ކަމަށް ހީކުރެއްވި ކަމަށާއި ނަމަވެސް އާއިލާއަށް ދިމާވެފައިވާ ހާސް ކަމުގެ ވަގުތު ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވާފައިވާ ކަމަށެވެ.
"ވަރަށް ދެރަވެއްޖެ، ކޮންމެ ދިރުމެއްވެސް ނިމިދިއުން ހުރީ އެކަނލާންގެ ހަޒުރަތަށް،" ޖާބިރު ވިދާޅުވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.
މި ފަހުން ޖާބިރު ގެންދަވަނީ ސިޔާސީ އެކި ބޭފުޅުންނަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވަމުންނެވެ. އަދި އަހުލާގީ ގޮތުން ދަށް ފެންވަރުގެ އެތައް ވާހަކަތަކެއްވެސް އޭނާ ދަނީ ދައްކަވަމުންނެވެ.