ބޮޑު ބަންދެއް އަންނައިރަށް ދިވެހިން ފުރަ ފުރައިގެން ދަނީ އަވަށްޓެރި ގައުމުތަކަށެވެ. ހާއްސަކޮށް ސްރީލަންކާ އަށެވެ. ނޫނީ އިންޑިޔާ އަށެވެ. ޗުއްޓީ އަށް ނޫނީ ބޭހަށް ވިއަސް އެކަން އޮތީ އެގޮތަށެވެ. ނަމަވެސް މިވޭތުވެދިޔަ ހަތަރު އަހަރެއްގެ ތެރޭގައި ދިވެހިންގެ "ޗުއްޓީ ޓްރެންޑަށް" ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. މިއާއެކު ރާއްޖޭގައި މިދަނީ އިން-ބައުންޑް ޓޫރިޒަމް [ގައުމުގައި ޗުއްޓީ ހޭދަ ކުރުން ] ފުޅާވަމުންނެވެ. ސުވާލަކީ ދިވެހިންގެ ޗުއްޓީ އަށް މި އައީ ކޮން ބަދަލެއް ހެއްޔެވެ؟
"ދިވެހިން ދަތުރު ކުރުމުގެ އާ ގޮތެއް ފެށިގެން މި އުޅެނީ. ގެސްޓްހައުސްތައް އައުމާއެކު ގިނަ ބަޔަކު މިހާރު ދަނީ ދަތުރު ކުރަމުން،" ގެސްޓްހައުސް އެސޯސިއޭޝަން މޯލްޑިވްސް (ގޭމް) ގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި އެވެ.
ރާއްޖޭގެ އާ އިން- ބައުންޑް ޓޫރިޒަމް
އިން-ބައުންޑް ޓްރެވަލް ޓްރެންޑެއް ރާއްޖޭގައި ފެށިފައި މިވަނީ 2009 ވަނަ އަހަރުން ފެށިގެން އުފެދިގެން އައި ގެސްޓްހައުސް ވިޔަފާރިއާއެކުގަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި 500 އެއްހާ ގެސްޓްހައުސް ހިދުމަތް ދެމުންދާއިރު، މި ވިޔަފާރި ވެގެން ގޮސްފައިވަނީ ދިވެހިންނަށް ވެސް ހުޅުވުނު އާ ފުރުސަތަކަށެވެ. އެހެންވެ، ގެސްޓްހައުސްތަކުން ވެސް ދިވެހިންނަށް ހާއްސަ ސަމާލުކަމެއް ދެ އެވެ. ދިވެހިންނަށް ހާއްސަކޮށް ހާއްސަ އަގުތަކެއްގައި ކޮޓަރި ވިއްކަ އެވެ. ދަތުރުފަތުރާއި ތިންއިރުގެ ކޮއްތު ހިމަނައިގެން ދިވެހިންނަށް ހާއްސަކޮށް ތައާރަފުކުރާ މި ޕެކޭޖުތަކުގެ ޑިމާންޑު ވެސް ވަރަށް ބޮޑެވެ.
ކުރިން ވާހަކަ ދެއްކެވި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ކަރަމް ވިދާޅުވީ ކުރިންވެސް މި ފުރުސަތު ބޭނުންވާ ކަމަށާއި، ނަމަވެސް އޭރު ނުލިބެނީ ކަމަށެވެ.
"ކޮންމެ މީހަކީ ޗުއްޓީގައި ބޭރަށް ދެވޭނެ މީހެއް ނޫން. ކުރިން ޗުއްޓީގައި ގޮސް ތިބެން ޖެހެނީ ރައްޓެއްސެއްގެ ގޭގައި. އެކަމަކު މިހާރު ފުރުސަތު އޮވޭ،" ކަރަމް ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެކޭޝަން އެކްސްޕޯއެއް އިންތިޒާމު ކުރި އަދި ބާއްވަމުން ގެންދާ، އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ ވެކޭޝަންސް އެކްސްޕޯތައް ބާއްވާއިރު ވެސް، ގެސްޓްހައުސްތަކުގެ ޑިމާންޑް ފާހަގަވާ ކަމަށެވެ.
"ވެކޭޝަންސް އެކްސްޕޯއަށް ވެސް ދިވެހިން އައިސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ހުރި ފުރުސަތުތައް ބަލައި ހަދާ. ވެކޭޝަންސް އެކްސްޕޯ އިން އަޅުގަނޑުމެން މި ދެނީ ކޮމްޕެއާ ކޮށްލަން ފުރުސަތެއް. ވެކޭޝަންސް އެކްސްޕޯއިން އެނގުނީ ދިވެހިންނަކީ ވަރަށް ޓްރެވަލް ކުރަން ބޭނުންވާ ބައެއްކަން. އެހެންވެ ވެކޭޝަންސް އެކްސްޕޯގައި ތައިލެންޑާއި ލަންކާ އަދި އިންޑިޔާ ފަދަ ތަންތަނުން ބައިވެރިވޭ. އެހެންވެ އެ ތަންތަނުގައި ހުރި އަގުތަކާއެކު ގެސްޓްހަސްތަކާ ކޮމްޕެއާ ކޮށްލުމުގެ ފުރުސަތު ލިބިގެންދޭ،" އިއްސެ ވިދާޅުވި އެވެ.
ހަފުތާ ބަންދުގެ ޗުއްޓީއެއް އުފެދުން
ގެސްޓްހައުސް ވިޔަފާރި ފެށުން ވެގެން ދަނީ ހަފުތާ ބަންދުގައި ވެސް ދިވެހިންނަށް ޗުއްޓީ ހޭދަކުރަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެހެންވެ، މާލެ އަތޮޅުގެ ގިނަ ގެސްޓްހައުސްތަކަށް ކޮންމެ ހަފުތާ ބަންދެއްގައި ވެސް ދިވެހިން ޒިޔާރަތް ކުރެ އެވެ. މި ގެސްޓްހައުސްތަކުގެ ހަފުތާ ބަންދުގެ އޮކިއުޕެންސީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ދިވެހިން އެވެ. ދިވެހި ގިނަ އާއިލާތަށް މިހާރު ހަފުތާ ބަންދުގައި ތިބެނީ ގެސްޓްހައުސްތަކުގަ އެވެ.
ކުރިން ވާހަކަ ދެއްކެވި، ހައިރައިޒް އިއްސެ ވިދާޅުވީ ގައުމުގެ ތެރޭގައި ހުންނަ މަންޒިލްތަކުގައި ޗުއްޓީ ހޭދަކުރުމަކީ އަވަށްޓެރި ގައުމުތަކުގައި ވަރަށް އާއްމު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިންނަށް މިކަމެއް ތައާރަފްވީ މި ފަހުން އެވެ.
"މި މޮޑެލް [އިންބައުންޑް ޓޫރިޒަމް] އިންޑިޔާ އާއި ލަންކާގައި އޮވޭ. އެ ގައުމުތަކުގެ މީހުން އެހެން ހިސާބުތަކަށް އާއިލާއާއެކު ގޮސް ޗުއްޓީ ހޭދަ ކުރޭ. ދިއްލީ މީހުން ކެރެއާއަށްދޭ. ނަމަވެސް ރާއްޖެއާ ކަމަށް މިވަނީ. މިހާރު ރާއްޖޭގައި ޗުއްޓީއަށް ދިވެހިން މި ދަނީ ގެސްޓްހައުސް ތަކަށް،" އިއްސެ ވިދާޅުވި އެވެ.
އިގްތިސާދީ ފައިދާ ބޮޑު
ދިވެހިންނަކީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންނަށްވުރެ "ސްޕެންޑިން ޕަވާ" މަތީ ބައެކެވެ. އެކަން އެނގެނީ ޑޮލަރު ރޯލްކޮށްލާ ވަރުންނެވެ. ގައުމީ ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އޭޓީއެމްތަކުން އެކަނި 300 މިލިއަން ޑޮލަރު ނެގި އެވެ. ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު އެއް "ބައްޔަކީ" ބޭރު ފައިސާ ގައުމުގައި ހަރުނުލުމެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރެމިޓެންސްގެ ގޮތުގައި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ބޭރު ކުރެ އެވެ. އަދި މި "ބަލި" އިތުރަށް ބޮޑު ވަނީ ދިވެހިން ބޭރަށް ދަތުރު ކުރުން މަތިވުމެވެ. މިކަމަކީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް ކަންބޮޑުވާ ކަމެކެވެ. ކުރިން ، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެފައިވާ ގޮތުގައި ޑޮލަރަށް އޮތް ޑިމާންޑް ދަށް ކުރަން ބޭނުންނަމަ، ބޭރަށް ކުރާ ދަތުރުތައް މަދުކުރުން މުހިންމެވެ.
ދިވެހިން ބޭރުގައި ކުރާ ހޭދަ ދެނެގަތުމަށް އެމްއެމްއޭއިން ހަދާފައިވާ ސާވޭއިން ދައްކާ ގޮތުން ސްރީލަންކާއަށްދާ މީހަކު އާއްމު ގޮތެއްގައި 500 ޑޮލަރު (7،710ރ) ހޭދަ ކުރެ އެވެ. ނަމަވެސް ލޯކަލް ގެސްޓްހައުސްއެގައި ޗުއްޓީ ހޭދަކުރާނަމަ 2000ރ. އިންވާނެ އެވެ. އެހެންވެ ޖީބަށް ކުރާ ބާރުގެ ގޮތުން ބަލާނަމަވެސް މިވާނީ ލުއި ކަމަކަށް ނޫނީ ނުވާނެ އެވެ. ދިވެހިންގެ ޗުއްޓީ ޓްރެންޑަށް މި ބަދަލު އައި އެއް ސަބަބަކީ މިއީ ކަމަށްވެދާނެ އެވެ.