މިއުޒިކް

ޝަލަބީ އާއި މައީޝާގެ އީދު ޝޯ ބަރިސްތާގައި

މޯލްޑިވިއަން އައިޑޮލްއިން ވިދާލި ކުޅަދާނަ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝަލަބީ އިބްރާހިމް އާއި މަރިޔަމް މައީޝާއަކީ ހިތްތަކުގެ އައިޑޮލުންނެވެ. އައިޑޮލްގެ ތިން ސީޒަނެއް ގެނެސްދިންއިރުގައި އެންމެ ގިނަ ބައެއް މަގުބޫލުކަމާއި ލޯބި ލިބުނު ދެ ފަންނާނުންނަށް ވާނީ މި ދެ ލަވަކިޔުންތެރިންނެވެ.

މި ދެ ފަންނާނުންނަށް ލޯބިކުރާ ފަރާތްތަކަށް މި އަންނަ ކުޑަ އީދުގައި މިއޮތީ ބޮޑު ހަދިޔާއެކެވެ. މާލޭގެ އެންމެ މަޝްހޫރު އެއް ކޮފީ ހައުސް ކަމަށްވާ ބަރިސްތާގައި މި ދެ ފަންނާނުންގެ ހާއްސަ ދެ ޝޯއެއް މި އީދުގައި އޮންނާނެ އެވެ.

ފުރަތަމަ ޝޯ އޮންނާނީ އީދު ދުވަހު ބަރިސްތާގެ މާފަންނު ކޮފީ ހައުސްގަ އެވެ. ދެ ވަނަ ޝޯ އޮންނާނީ ވަޅު އީދު ދުވަހު ބަރިސްތާގެ ހެންވޭރު ކޮފީ ހައުސްގަ އެވެ.

ބަރިސްތާއިން ބުނީ މި ޝޯއަކީ އެ ކޮފީ ހައުސްއިން ލޯކަލް އާޓިސްޓުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނެސްދޭ ޝޯއެއް ކަމަށެވެ. ރޯދައިގެ ކުރިން ކޮންމެ ހަފްތާ ބަންދަކުންހެން ބަރިސްތާއިން އަންނަނީ އެކި ލޯކަލް އާޓިސްޓުންނަށް އެ ކޮފީ ހައުސްގައި ޕާފޯމްކުރުމުގެ ފުރުސަތުތައް ދެމުންނެވެ.

އަލަށް ދާއިރާއަށް ނިކުންނަ ކުދިންނަށް އިސްކަންދޭ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު އާޓިސްޓުންނަށްވެސް މިފަދަ ގިނަ ފުރުސަތުތަކެއް ދޭނެ ކަމަށް ބަރިސްތާއިން ބުނެ އެވެ.

ލޯބިވާ ފޭނުންނާއެކު އީދު ދުވަހު މި ޝޯތައް ހުށަހަޅާދިނުމަށް ޝަލަބީއާއި މައީޝާވެސް ތިބީ ކެއްމަދުވެފަ އެވެ.

"ޕްރެކްޓިސް ވަރަށް ރަނގަޅަށް ކުރިއަށްދަނީ. ދެމީހުން އެކުގައި ޕާފޯމްކޮށްލަން ވަރަށް ކެއްމަދުވެފައި މިހުރީ. އަދި ހާއްސަކޮށް މައީއާއެކު ވީމާ. މައީ އަކީ ވަރަށް ޓެލެންޓެޑް އަދި ޑެޑިކޭޓެޑް ކުއްޖެއް. ވަރަށް އުފާވެއްޖެ އެނާއެކު ޕާފޯމުކުރަން ފުރުސަތު ލިބުނީމަ." މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ރަނަރަޕް ޝަލަބީ ބުންޏެވެ.

މި ޝޯ މައީޝާއަށް ވަރަށް ހާއްސަވާނެ އެވެ. ސަބަބަކީ މިއީ އައިޑޮލްއަށްފަހު އައުޓްޑޯ ތަނެއްގައި މައީޝާ ހުށަހަޅާ ފުރަތަމަ ލައިވް ޕާފޯމަންސްއަށް ވުމުންނެވެ.

"ބޭރުތަނެއްގައި ދޭ ފުރަތަމަ ލައިވް ޕާފޯމަންސްއަށް ވީމާ ވަރަށް އެކްސައިޓެޑްވެފައި މިހުރީ މި ޝޯއަށް. އަދި އެއަށްވުރެވެސް ބޮޑަށް ޝަލަބީއާއެކު މި ޝޯ ހުށަހަޅަން ފުރުސަތު ލިބުނީމަ ވަރަށް އުފަލުން މިހުރީ." މައީޝާ ބުންޏެވެ.