ހަބަރު

ވިލާއާއެކު ހެދި އެއްބަސްވުންތައް އުފެދުމުގައިވެސް ބާތިލު: އޭސީސީ

Jun 14, 2018
7

ވިލާ ގްރޫޕަށް ދީފައިވާ ރަށްތައް އަތުލައި އެގްރިމަންޓްތައް ބާތިލް ކުރަން ހައިކޯޓުން ކުރި ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ ބަލައި އޭސީސީއިން އެކުލަވާލި ރިޕޯޓްގައި އެއީ ކުރެވޭނެ އެގްރިމެންޓްތަކެއް ނޫން ކަމަށާއި އެއީ އުފެދުމުގައި ބާތިލު އެއްބަސްވުންތަކަކަށްވާތީ ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން އެކަމަށް ގޮތެއް ނިންމަން ޓޫރިޒަމް މިނިސްޓްރީއަށް އަންގައިފި އެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އެގްރިމެންޓްތައް ބާތިލު ކުރި ކުރުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އޭގެ ފަހުން އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެކުލަވައިލި ރިޕޯޓްގައި ބުނަނީ އެއްބަސްވުންތަކަކީ އެކަމުގައި ވަރަށް ބައިވަރި ފައިސާ ހިމެމނޭ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށާށާއި އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން ކުރިޔަށް ގޮސް ގޮތެއް ނިންމައި އޭގައި ހިމެނޭ ދައުލަތަށް ލިބެންޖޭ ފައިސާ ހޯދުމަށެވެ.

އޭސީސީން މި މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ކ. ބޮލިދުއްފަރާއި ކ. ވާވެއްދި ފަޅުތަކުގެ މައްސަލަ ބެލި އިރު ސެޓްލްމެންޓް އަދި އެމެންޑްމެންޓް އެންޑް ރީސްޓޭޓެޑް އެގްރީމެންޓްތައް ހަދާފައި ވަނީ ސުޕްރީމް ކޯޓް 2013 އިގެ ގަޒިއްޔާއަކުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން އދ. ފެންފުށީ ފިވާގޭ އަލީ އިބްރާހީމަށް ދައުލަތުން 9،69277.00 މިލިއަން ޑޮލަރު ދޭން ޖެހުމާ ގުޅިގެން ކަމާއި އެ ބަވަތުގެ އެހެން މައްސަލަތަކެއް ކޯޓްގައި ހިނގަމުންދާތީ ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ކަމަށް އެއްބަސްވުންތަކުގައި ބުނި ނަމަވެސް ދޭންޖެހޭ ބަދަލާ ބަލާއިރު ނުބައްދަލު ފައިދާއެއް ސެޓްލްމެންޓް އެގްރީމެންޓްތަކުން ލިބިދޭ ކަމަށާއި އެގްރިމެންޓްތައް ހަދާފައި ވަނީ ފަހުން ދޭން ޖެހިދާނެ ބަދަލަކަށް ބަލައިގެން ކަމަށް ބުނި ނަމަވެސް އެއީ ދައުލަތުން ދައްކަން ޖެހިދާނެ ބަދަލެއް ކަން އެ މަރުހަލާގައި ކަށަވަރު ނުކުރެވޭ ކަމަށެވެ.

އަވަސް އަށް ވަނީ އޭސީސީގެ ރިޕޯޓްގެ ކޮޕީއެއް ލިބިފައެެވެ. އޭގައި ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ހެދިފައިވާ ސެޓްލްމެންޓް އެގްރީމެންޓްތަކާއި އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް އެގްރިމެންޓްތައް ހަދާފައި ވަނީ މާލިއްޔަތުގެ ގާނޫނާއި ޓޫރިޒަމް ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ އުސޫލުަތަކާ ހިލާފަށް ކަމަށް ކަމަށާއި އެހެންކަމުން އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު ނުވަތަ ވޮއިޑް އޮފް އިނީޝިއޯ އެއްބަސްވުންތަކެއް ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ޓޫރިޒަމް މިނިސްޓަށް ސުވާލު ދެއްނެވުމުން ވިދާޅުވީ އެ މައްސަލަ އޭސީސީން ބަލައި ރިޕޯޓެއް ހުށަހަޅުއްވާފައިވާ ކަމަށާއި އޭގައި ހުރި ހުށަހެޅުންތަކުގެ ތެރޭގައި ބަންޑާ ނައިބުގެ ލަފައެއް ހޯދައިގެން ކުރިޔަށް ދިއުމަށް އެދިފައިވާތީ އެކަން . މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އޭސީސީން އެބަ އޮތް އެކަމާ ގުޅިގެން ކަންތަތަކެއް ހިމަނާގެން ރިޕޯޓެއް ފޮނުވާފައި. އޭގެ ހިމެނޭ ބަންޑާރަ ނައިބުގެ ލަފައެއް ހޯދުން ވެސް އެކަންކަން ކުރަމުން މިގެންދަނީ،" މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވި އެވެ.

އޭސީސީގެ ރިޕޯޓްގައި އެހެން މުހިންމު ނުކުތާތަކަށް ވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ބުނެފައި ވަނީ އެގްރިމެންޓްތައް ހަދަން ޖެހުނު ސަބަބަކީ އަލީ އިބްރާހިމަށް ދޭން ޖެހުނު 9،69277.00 އެމެރިކާ ޑޮލާ ގުޅިގެން ކަމަށް އެއްބަސްވުންތަކުގައި ބުނި ނަމަވެސް އޭނާއަށް ދޭން ޖެހުނު އެ ފައިސާ، 9،69277.00 އެމެރިކާ ޑޮލަރު ވިލާ ކުންފުނިން އެދުނު ގޮތަށް ވިލާގެ ކުންފުނިތަކުން ދައްކަންޖެހޭ ޓީޖީއެސްޓީ އާއި ބެޑް ޓެކްސް ސެޓް އޮފް ކޮށްފައިވާކަން ތަހުގީގަށް އެނގުނު ކަމަށާއި އެ ފައިސާއާ ގުޅިގެން ސެޓްލްމެންޓްތަކެއް އިތުރަށް ހަދަން ނުޖެހޭ ކަން ވެސް އެނގޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެއިން ކޮންމެ އެގްރިމެންޓެއްގެ ކޮންސްޓަރަކްޝަން ޕީރިއެޑް ފަހެއް ނުވަތަ ހަތް އަހަރަށް މަގުބޫލް ސަބަބަކާއި ނުލައި ގާނޫނާ ހިލާފަށް އިތުރުކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ކޮންސްޓްރަކްޝަން ޕީރިއެޑްގެ ގޮތުގައި އިތުރު 24 އަހަރު ދީފައި އޮތުމުން 24 އަހަރުގެ ކުލި ދަައުލަތަށް ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން ބުނަނީ އެގްރިމެންޓްތަކާ ގުޅިގެން ޓޫރިޒަމާއި ޕްލޮޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކާމެދު އެމެންޑެޑް އެން ރީސްޓޭޓެޑް އެގްރިމެންޓްތަކެއް ހަދައި އޭގެ ދަށުން ޕްލޮޓްތައް 50 އަހަރަށް ކުއްޔަށް ދީފައިވާއިރު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް އަމަލި ކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށް ދެވޭނީ އަހަރަކަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ ފީއެއް ނެގުމަށް ފަހުގައި ކަމަށް ބުނާ ކަމަށެވެ. ނަމަވެސް ޑިސެމްބަރު 12، 2013 އަށް ޕްލޮޓްތަކުގެ ކޮމެންސްމެންޓް ޑޭޓް ބަދަލުކޮށްފައި ވަނީ އެ ފީ ނުނަގައި ޕްލޮޓްތައް 50 އަހަރަށް ދިނުމަށާއި އޭގެ ސަބަބުން މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 15 މިލިއަން ޑޮލަރު ދައުލަތަށް ނުލިބި އޮތް ކަމަށެވެ.

މި މައްސަލާއާ ގުޅިގެން އޭސީސީގެ ރިޕޯޓްގައި ހިމަނާފައި އެހެން ނުކުތާތަކަށް ދާއިރު ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް އަނބުރާ ނުލިބޭނެ ކަމަށް ދޫކޮށްލެވޭނީ އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި ހިމަނައި ރައީސުލްޖުމްހޫރިއްުޔާގެ ހުއްދަ ލިބިގެން ކަމަށް މާލިއްޔަތުގެ ގާނޫނުގައިވާ ކަމަށާއި ޕްލޮޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ތެރެއިން ފަސްކޮށްދީފައިވާ ޖޫރިމަނާ އާއި ކުލި، ޓޫރިޒަމުން ހަވާލާދޭ ޕްލޮޓްތަކުގެ އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓްތަކުގެ ދަށުން ނަގަން ނުޖެހޭ އެއްޗެއް ގޮތަށް ކަނޑަ އަޅާފައި ވަނީ އޮޑިޓަ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން ފިނޭންސްގެ ހިސާބުތަކުގައި ހިމަނައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދައިގެން ނޫނމް ކަމަށެވެ. އަދި އެކަމުގައި ބަންޑާރަ ނައިބުގެ އޮފީހާއި ރައީސް އޮފީހާއި އެކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މަޝްވަރާ އާއި ލަފާވެސް ހޯދާފައި ނުވާ ކަމަށެވެ.

ކޮމަންސްމަންޓް ޑޭޓް ބަަދަލިު ކުރުމުގެ ސަބަބުން ޕްލޮޓްތަކަށް ފަސްކޮށްދީފައިވާ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 95،748،358 އެމެރިކާ ޑޮލަރާއި މުއްދަތުު އިތުރު ކުރަން ދޭންޖެހޭ ފީގެ ގޮތު ދައުލަތަށް ލިބެންޖެހޭ 15،000،000.00 އެމެރިކާ ޑޮލަރާއެކު ޖުމްލަ 110،748،358.54 އެމެރިކާ ޑޮލަރު ދައުލަތަށް ނުލިބިވާ ކަމަށާއި ގާނޫނުތަކާއި ހިލާފަށް ކޮންސްޓްރަކްޝަންގެ މުއްދަތު އިތުރު 24 އަހަރަށް އިތުރު ކޮށްދީފައިވާތީ އެ މުއްދަތުގެ ކުލިވެސް ދައުލަތަށް ނުލިބިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ވަކި ފަރާތަކަށް އެއްވެސް މަޝްވަރާއަކާ ނުލައި ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ވަކި ގާނޫނީ އެހެން ޝަހުސްތަކަކަށް ލުޔާއި މަންފާ ހޯދައި ދިނުމަށް ކަމަށެވެ. އަދި ކޮންމެން އެގްރިމެންޓަކާ ގުޅިގެން ދައުލަތަށް ދޭންޖެހެ އެތައް ފައިސާއެއް ގާނޫނަށް ހިލާފަށް، ދައުލަތަށް ގެއްލުންވާ ގޮތަށް މާފު ކޮށްދީފައިވާ ކަމަށެވެ.

"... މިކަމުގެ ސަބަބުން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބިދީފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާތީ ތ. އެލާ، ގދ. ގަޒީރާ، ރ. މާނެންފުށި ކ. ބޮލިދުއްފަރު ފަރު، ކ. ވާވެއްދި ފަޅު އަދި ކ. މާދިއްގަރު ފަޅުގެ ސެޓްލްމެންޓް އެގްރިމެންޓްތަކާއި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓްތަކާމެދު ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފައެއް ހޯދައިގެން ގޮތެއް ނިންމަން މިނިސްޓްރީ އިފް ޓޫރިޒަމަށް އެންގުމަށް ނިންމީ އެވެ،" ރިޕޯޓްގައި ވެއެވެ.

އަދި މިކަން ކަމާ ގުޅިގެން އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އަހުމަދު އަދީބު އެ ފަރާތްތަކާއެކު ގާނޫނާއި އުސޫލުތަކާއި ހިލާފަށް ހެދި ސެޓްމެންޓް އެގްރިމެންޓްތަކާއި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓްތަކުގެ ސަބަބުން އެ ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބިފައިވާތީ މިކަމާ ގުޅޭ ހުރިހާ މުއާމަލާތެއްގައި އަދީބުގެ ބައިވެރިވުން ހިމެނޭތީ އާއި އޭގެ ސަބަބުން ވަކި ފަރާތަކަށް ނާޖާއިރު ފައިދާ ލިބިފައިވާތީ އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވަންވެސް އޭސީސީން ނިންމާފައި ވެއެވެ.

އަދި މި މައްސަލާގައި ދައުލަތަށް ލިބުނު ގެއްލުން ހިސާބު ކުރުމަށްފަހު ލީސް ހޯލްޑް ރައިޓްސް ގަތް ފަރާތްތަކުގެ އަތުން އެ ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް އަންގާފައި ވެއެވެ. މީގެ އިތުރުން ރަށްތަކާއި ފަޅުތަކުގެ ލީސް ހޯލްޑް ރައިޓްސް ގަތް ފަރާތްތަކަށް ނާޖާއިޒު މަންފާއެއް ހޯދުމަށް ނުފޫޒު ފޯރުވައިގެން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް އެނގޭތީ އެ ފަރާތްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ބެލުމަށް ވެސް އަންގާފައި ވެއެވެ.