ހަބަރު

ވިލާއަށް ލުއިތައް ދިން އެއްބަސްވުންތަކާ ގުޅިގެން އަދީބާ ސުވާލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި، ވިލާއަށް ދައުލަތުން ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކަކާ ގުޅިގެން ބައެއް ލުއިތައް އެ ކުންފުންޏަށްދީ ޓޫރިޒަމް މިނިސްޓްރީން ހެދި ސެޓުލްމަންޓް އެގްރިމަންޓްތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން މިއަދު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ސުވާލުކޮށްފި އެވެ.

އެ އެގްރިމެންޓްތަކަކީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓަށް ދޫކޮށްފައިވާ ރަށްތަކުގެ މައްސަލައިގައި ހަދާފައިވާ ސެޓުލްމަންޓް އެގްރިމަންޓްތަކެކެވެ. އެ އެގްރިމެންޓްތައް ފަހުން އަދީބު މިނިސްޓަރުކަމުގައި ހުންނަވާ ބާތިލު ވެސް ކުރެއްވި އެވެ. ސެޓުލްމަންޓް އެގްރިމަންޓްތައް ބާތިލް ކުރުމަށް ފަހު، ދައުލަތަށް އަތުލާފައި ވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވިލާއަށް ދޫކޮށްފައިވާ ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅުގެ އެވެ.

އެ މައްސަލާގައި ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ ހުކުމް ވެސް އިއްވާފަ އެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ، އެގްރިމެންޓްތައް ބާތިލްކޮށް އެތަންތަން ވިލާގެ އަތުން އަތުލީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ އެގްރިމެންޓްތައް ހަދާފައިވަނީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު މިއަދު ވިދާޅުވީ، އަދީބު މިހާރު ދޫނިދޫ ބަންދުގައި ހުރީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ އޭސީސީގެ ތަހުގީގަށް އަދީބު އެއްބާރުލުން ދެއްވާފައިނުވާ ކަމަށެވެ. ގާނޫނާއި ގަވައިދާ އެއްގޮތަށް އޭސީސީއަށް ހާޒިރުކޮށް ސުވާލުކުރުމުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ ކަމަށެވެ. އެ އެގްރިމެންޓްތަކަކީ މީގެ ހަތަރު އަހަރު ކުރީގެ އެގްރިމެންޓްތަކަށްވާތީ އެކަމާ ގުޅޭ ގޮތުން ވަކީލުންނާ މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދެއްވުމަށް ވެސް އަދީބު އެދިވަޑައިގަތް ކަމަށެވެ.

އަދީބު ގަބޫލު ކުރައްވާ ގޮތުގައި މި ތަހުގީގަކީ ގާސިމަށް އިތުރު ގޯނާއެއް ދިނުމުގެ ގޮތުން ސަރުކާރުން ހިންގާ އާ ޖަރީމާއެއް ކަމަށާއި އެ އެގްރިމެންޓްތަކަކީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ހަދާފައިވާ ސައްހަ އެގްރިމެންޓްތަކެއް ކަމަށް ވެސް އަދީބު ވިދާޅުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދިޔައިރު ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވެފައިވަނީ، ސެޓެލްމެންޓް އެގްރިމެންޓްތަކުގައި އެ ކުންފުނިތަކަށް ދީފައިވަނީ ދޭން ނުޖެހޭ ވަރަށްވުރެ ބޮޑެތި އިމްތިޔާޒުތަކެއް ކަމަށެވެ.

އެ އެގްރިމެންޓްތަކަކީ ބަންޑާރަ ނައިބު އޮފީހުގެ ލަފާ ހޯދުމެއް ނެތި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ގާސިމް އިބްރާހިމްއާއެކު ވެފައިވާ އެގްރިމެންޓްތަކެއް ކަމަށާއި އެ އެގްރިމެންޓްތަކުގައި މައްސަލަތަކެއް ހުރިކަން ބަންޑާރަ ނައިބު އޮފީހުން ގަބޫލުކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެއީ އެހާ ބޮޑު އިމްތިޔާޒުތަކެއް ދޭން ނުޖެހޭ ހާލަތުގައި ވެސް އެފަދަ ބޮޑެތި އިމްތިޔާޒުތަކެއް ދީފައިވުން ކަމަށެވެ. އިމްތިޔާޒުތަކުގެ ތެރޭގައި ބިންތައް ކުއްޔަށް ދޭ މުއްދަތު 50 އަހަރަށް އިތުރުކޮށް ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރާއި ހަތް އަހަރުގެ ދެމެދުގެ މުއްދަތެއް ދީފައިވެ އެވެ. އަދި އެ މުއްދަތުގައި ކުއްލި ދައްކަން ނުޖެހޭ ގޮތަށް ހެދި އެވެ. ކުރިން ކުއްޔެއް ދައްކާފައިވާނަމަ އެއީ އެޑްވާންސް ކުއްޔަށް ވެސް ހެދި އެވެ. އާންމުކޮށް ކޮންސްޓްރަކްޝަން މުއްދަތަކަށް މިނިސްޓްރީން ދެނީ ދެ އަހަރެވެ.