ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އަށް ޖަލު ހުކުމް ކުރުމުން އިނގެނީ ރައީސް އަބުދުﷲ ޔާމީންގެ ކުލުނެއް އިންސާނިއްޔަތު ކަމެއް ނެތްކަން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
މައުމޫން އާއި ދެ ފަނޑޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން އަދާލަތު ޕާޓީން ބުނީ، ރައީސް މައުމޫނަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި އީދަށް އެއް ދުވަހަށްވެފައި ވަނިކޮށް އެމަނިކުފާނަށް ހުކުމް ކުރުމުން އިނގޭ ކަމަކީ ރައީސް ޔާމީންގެ އެއްވެސް ކުލުނެތް އިންސާނިއްޔަތު ކަމެއް ނެތް ކަން ކަމަށެވެ. އަދި ރައީސް މައުމޫން ވަގުތުން ދޫކޮށްލުމަށް ވެސް އަދާލަތުން ގޮވާލާފައި ވެއެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައި ހުކުމް ކުރެއްވި އިރު ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވާފައިވާ ރައީސް މައުމޫންއާ ދެ ފަނޑިޔާރުންނަށް ދީފައިވާ ދީނީ އަދި ގާނޫނީ ހުރިހާ ހުއްދަތެއް ކުރިމިނަލް ކޯޓުން ބާތިލު ވެސް ކުރެއްވި އެވެ.