މިހާރު އޮތް ކޯލިޝަން ސަރުކާރު އުފެދުނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށާ ކޯލިޝަން ސަރުކާރު ބަލިކަށިވާނެ އެއްވެސް ކަމެއް އެއްވެސް ޕާޓީއަކުން ނުކުރެއްވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން އެމްއާރްއެމްއަށް އެއް އަހަރު ފުރުމާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޮންލައިންކޮށް ކުރިއަށް ގެެންދިޔަ އެ ޖަލްސާގައި މައުމޫން ވިދާޅުވީ މިހާރު އޮތް ކޯލިޝަނަކީ ގައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް އެކުލަވައިލި ކޯލިޝަނެއް ކަަމަށެވެ. މީގެ ކުރިން އޮތީ އަނިޔާވެރި ކަމާއި ކޮރަޕްޝަނާއި ހިޔާނާތް އާންމުވެފައި އޮތް ދުވަސްތަކެއް ކަމަށާ މި ސަރުކާރު ވުޖޫދު ވެގެން އައީ އެކަންކަން ނިމުމަކަށް ގެނައުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަލުން އަނިޔާވެރި ދުވަސްތައް ދެކެން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ. ރައްޔިތުން ވެސް ތިބީ އެ މާޒީއަށް ދާން ބޭނުން ވެެގެން ނޫން ކަމަށާ ރައްޔިތުން ބޭނުން ވަނީ ވައްކަމާއި ކޮރަޕްޝަން ނައްތާލާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގާއިމު ކުރުމަށެވެ. އެކަން ކުރެވޭނީ ކޯލިޝަން ސަރުކާރު ދެމި އޮވެގެން ކަމަށާ ކޯލިޝަން ވަރުގަދަ ކުރުމަށް ހުރިހާ ޕާޓީތަކުން މަސައްކަތް ކޮށްދެއްވުމަށް ވެސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު އެދެނީ ކޯލިޝަންގެ ހުރިހާ ހިއްސާދާރުން ވެސް މި ކޯލިޝަން ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް. މި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ އެމްއާރްއެމް އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ. އެހެންވީމަ މި ޕާޓީތަކުން އަޅުގަނޑު އެދެނީ މި ކޯލިޝަން ވަރުގަދަ ކުރުމަށްޓަކައި މަަސައްކަތް ކޮށްދެއްވުން. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި މަސްލަހަތު ގެއްލޭ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުން. ހަމަ ގައިމުގެ މިހާތަނަށް އަޅުގަނޑުމެން އެފަދަ ކަމެއް ނުކުރަން. އިރާދަ ކުރެއްވިއްޔާ ނުވެސް ކުރާނަން. ނަމަވެސް ބައެއް އެހެން ފަރާތްތަކުން އެއް ފަހަރު ދައްކަވާ ވާހަކަތަކުން ނުވަތަ ކަންތައްތައް ކުރައްވާ ގޮތުން މަސްލަހަތު ގެއްލޭ ގޮތް ވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އެ އިޝާރާތް ކުރައްވާ ރައީސް ނަޝީދު އަދި އެމްޑީޕީގެ ބައެއް އިސްވެރިން ރައީސް މައުމޫނާއި އެމްއާރްއެމްއަށް އަމާޒުކޮށް ތަފާތު ތުހުމަތުތައް ކުރައްވާ ކުރެއްވުމަށް ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު މިފަހުން ވެސް ވަނީ ރައީސް މައުމޫނަށް އެތައް ފަހަރަކު ފާޑުވިދާޅުވެފަ އެވެ. އަދި ނަޝީދަށް ވަފާތެރި މަޖިލީސް ބައެއް މެންބަރުން ތަޅުމުގައި ދޭތެރެ ދޭތެރެއިން މައުމޫނަށް ފާޑުވިދާޅުވެ ތަފާތު ތުހުމަތުތައް ކުރައްވައެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އުފެދުމުގައި އެންމެ މުހިންމު އެއް ހިއްސާދާރަކީ އެމްއާރްއެމް އެވެ. އެއީ މުޅި ގައުމު ހެކިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އެމްއާރްއެމް އަކީ މިހާރު އުފެދިފައި މިއޮތް ކޯލިޝަން ސަރުކާރުގެ މުހިންމު ހިއްސާދާރެއް. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމުގައި އަޅުގަނޑުމެން ކޮށްފައިވާ މަސައްކަތްތަކަށް މުޅި ގައުމު ހެކިވާނެ. އަޅުގަނޑުމެންނަކީ ސަރުކާރުގެ ވަރަށް މުހިންމު ހިއްސާދާރެއް. އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނީ އަޅުގަނޑުމެންގެ އަސާސްތަކުގެ ތެރޭގައި،"
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް މައުމޫން ޖަލަށް ލެއްވުމުން ވެސް އިސްލާހީ މަސައްކަތުގައި އެމަނިކުފާނު ދެއްކެވި ހިތްވަރަށް ތައުރީފު ކުރައްވާ ވާހަކަދައްކަވާފަ އެވެ.
މިނިސްޓަރު އިބްރާހިމް ހަސަންގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޖަލަށްލައްވާ އަނިޔާ ލިބިވަޑައިގެންފައި ވަނީ ދާދި ފަހުން ނޫން ކަމަަށެވެ. ރައީސް ނާސިރުގެ ދުވަސްވަރު އެމަނިކުފާނު ގޭގައި ބަންދުކޮށް ޖަލުގެ ކުޑަގޮޅިއަށްލާ އަރުވާލެއްވި ކަމަށްވެސް ވިދާޅުވިއެވެ. ޖަލުގެ އަނިޔާ މާކުރިން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ދެން ޖަލަށް ލެއްވި ނަމަވެސް ކުރާނެ އިތުރު އަސަރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ބަންދުގެ ހުރިހާ ކަމެއް ވަނީ ތަޖުރިބާ ކުރެވިފައި. މި ދުވަސްވަރަކު ނޫން އަދި ކުރިން ދިޔަ ދުވަސްތަކަކު ނޫން. މާ ކުރިއްސުރެ ފެށިގެން. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައިވެސް އަޅުގަނޑު ގޭގައިވެސް ބަންދުކުރި. ޖަލުގައި 50 ދުވަސް ވަންދެން ކުޑަގޮޅީގައި ބަންދު ކޮށްފައި ބޭއްވި. އޭގެ ފަހުން ޝަރީއަތް ކޮށްފައި އަޅުގަނޑު އަރުވާލި ހަތަރު އަހަރަށް. މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑަށް ވަނީ ދިމާވެފައި. އޭގެ ފަހުން ދެން އަޅުގަނޑު ޖަލަށްލިޔަސް ކުރާނެ އިތުރު އަސަރެއް ނޯންނާނެ ދެއްތޯ. އެ ހުރިހާ ކަމެއް އަޅުގަނޑު ވަނީ ކުރިން ތަޖުރިބާ ކޮށްފައި،"
ރައީސް ޔާމީންގެ ވެރިކަމުގަައި ހަތް މަހާއި 28 ދުވަހު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންއިރު އެކަމުން ސަލާމަތްވުމަށް އޮތް ފުރުސަތުތައް ބައެއް ބޭފުޅުން މެދުވެރިކޮށް ހުށައަޅަމުން ގެންދިޔަ ކަމަށާ ނަމަވެސް އެމަނިކުފާނަކީ ނުކުރައްވާ ކަމަކަށް ނުވަތަ އެއްބަސްނުވެވޭނެ ކަަމަކަށް ރުހިވަޑައިގެން ހުންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ނުކުރާ ކަމަކަށް އެއްބަސްވެވަޑައިގަތުމާއި ގެންގޮސްފައިވާ ތާއީދެއް އަނބުރާ ދެއްވުން ފަދަ ކަމެއް ޖަލުން ސަލާމަތްވުމަށްޓަކައި ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.