ރިޕޯޓް

ގޯހިއްޔާ ނައިބު ރައީސް އިންޕީޗް ކުރުމުން އޮތީ ކޮން ގޯހެއް؟

May 26, 2015
16

މިވަގުތު އެންމެނަށް ވެސް ގެޓްވާންޖެހޭ ދެ ކަމެއް އެބައޮތެވެ. އެކަމަކީ ރާއްޖޭގެ ނައިބު ރައީސުންގެ ތާރީހެވެ. އެއީ މާ ތާހިރު ތާރީހެއް ނޫނެވެ. ރައީސް އަމީނާއެކު ރަނގަޅަށް ހިނގަ ހިނގާ އޮތް ސަރުކާރެއް ނައިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިންގިލާބު ކޮށްލެވި އެވެ. ނައިބު ރައީސެއް ނޫން ނަމަވެސް ރައީސް އިބްރާހިމް ނާސިރު ބޮޑުވަޒީރަކަށް ހިޔާރު ކުރެއްވި އަހުމަދު ޒަކީ "ދުއްވާލަން" ޖެހުނީ ވެސް އެފަދަ ސަބަބުތަކާ ހުރެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް، ޑރ. މުހައްމަދު ވަހީދާ ދެބޭފުޅުންގެ މެދުގައި ގުޅުމެއް ނެތެވެ. ރައީސަށް މާ ބޮޑު އެހީތެރި ކަމެއް ނުދެއްވަ އެވެ. ފަހުން އެދިމާވި ގޮތެއް ދިމާވެގެން ރައީސް ވަހީދު ވެރި ކަމަށް ވަޑައިގަތީ އެވެ. އެހެންވީމާ ރާއްޖޭގެ ސެކަންޑް އިން ކޮމާންޑަކީ މާ ކާމިޔާބު މާޒީއެއް އޮތް މަގާމެއް ނޫނެވެ.

ހުރިހާ ވެސް މައްސަލައަކީ ނައިބު ރައީސެއްގެ ގާނޫނީ އެޖެންޑާ ދޫކޮށްލައްވައި އަމިއްލަ އެޖެންޑާއާއެކު ނައިބު ރައީސުންނަށް ކުރިޔަށް ވަޑައިގެންނެވޭ ގޮތްވުމެވެ. ރިޔާސީ ހުވަފެން ދުށުމަކީ މައްސަލައެއް ނޫނެވެ. ޝައުގުވެރިވާ ބޭފުޅުން އެކަން ކުރައްވާނެ އެވެ. އެކަމަކު ބޭފުޅެއްގެ ގާނޫނީ ޒިންމާއަށް "ފައިން އަރާފައި" އެކަން ކުރުމަކީ ސަރުކާރަކަށް، އަދި ރައީސަކަށް ވެސް ތެދުވެރި ނުވުމެވެ. ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފުވުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ޔޫތު މިނިސްޓަރު ކަމުން މުހައްމަދު މަލީހު ޖަމާލު ވަކި ކުރުމާއި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ނިންމަން ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅުމުން މިދުވަސްކޮޅު ވަނީ ކުރިން ވެސް އޮންނަ ވާހަކައެއްގެ އަޑު ގަދަވެފަ އެވެ. ބުނަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ބޭރުކޮށްލަނީ ކަމަށެވެ.

ގާނޫނު ހަދާ ބާރަށް ލިބޭ ބާރުގެ ދަށުން ރައީސަކު ނުވަތަ ނައިބު ރައީސަކު ވަކި ކުރުމަކީ ކުރެވެން އޮތް ކަމެކެވެ. އެއީ ރައްޔިތުންގެ ބާރަކަށް ވާތީ އެވެ. އަދި އެެކަން ގާނޫނުގައި ހިމަނާފައި އޮތީ ވެސް އަތުވެދާނެ ހާލަތަކަށް ބަލައިގެނެވެ. ރައީސަކު ނުވަތަ ނައިބު ރައީސަކު ބޭރު ކުރެވޭނެ ހާލަތެއް ނާންނެ ކަމަށް ނުވަތަ އެކަން ކުރަންޖެހޭނެ ކަމަށް ބަލައިގެން އެއްވެސް ސިޔާސީ ނިޒާމެއް ވެސް ދުނިޔެވީ އުސޫލެއް ވެސް ނޯންނާނެ އެވެ.

ނަައިބު ރައީސެއް ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ގާނޫނު އަސާސީގެ 112 ވަނަ މާއްދާގެ އަކުރު (ހ) ގައި ބުނާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމަށް އެހީތެރިވެ ދިނުމަށް ރައީސުލް ޖުމްހޫރިއްުޔާގެ ނައިބަކު ހުންނަންވާނެ އެވެ. ވަރަށް ސާފެވެ. އަދި ގާނޫނު އަސާސީ 117 ވަނަ މާއްދާގެ އަކުރު (ހ) ވެސް ބަލައިލާށެވެ. އެ އަކުރުގައި ބުނަނީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ނައިބާ ރައީސްލް ޖުމްހޫރިއްޔާ ހަވަލު ކުރާ ކަންކަން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކުރަންވާނެ ކަމަށެވެ.

އަދި ގާނޫނު އަސާސީގެ  100 ވަނަ މާއްދާގައި ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވިދާނެ ގޮތް ވެސް އެބައޮތެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ވަރަށް ނާދިރު ހާލަތެގައި ނޫނީ ނާންނާނެ ހާލަތްތަކެވެ. އެކަމަކު އެ މާއްދާގެ ތިން ވަނަ ނަމްބަރުގައި "މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާ ގާބިލުވުން" ހިމަނާފައިވެ އެވެ. މިއީ ޑިބޭޓަކަށް ދެވިދޭނެ އިޝޫއެކެވެ. ލީޑަޝިޕް ނެތުމަކީ ވެސް ނާގާބިލުވުން ކަމަށް ބެލެވިދާނެ އެވެ. ރައީސަށް ދޭންޖެހޭ އެއްވެސް އެހީތެރި ކަމެއް ނުދީ "ސައިލެންޓް"ވެ، ހަމަ އެކަނި ރަސްމިއްޔާތުތައް ފަޅުފިލުވައިދޭ ބޭފުޅެއްގެ ގޮތުގައި ހުންނެވުމަކީ ވެސް ނާގާބިލުވުން ކަމަށް ބަލައިގެން ވާހަކަ ދެއްކިދާނެ އެވެ. އޭން ކޮންމެ ހާލަތުގައި ވެސް އެކަން މާނަ ކުރާނީ އެކަމެއް ބެލެނިވެރި ފަރާތުންނެވެ. އެކަމަކު މިއީ އާންމުންނަށް ޑިބޭޓް ކުރެވިދާނެ އިޝޫއެކެވެ.

ގާނޫނު އަސާސީގައި ނައިބު ރައީސްގެ ހުވާއެއްވެސް އޮވެ އެވެ: "އަހަރެން (ނަން) އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާ ކުރުން މަތީ ދެމި ހުރުމަށް މާތް ﷲ ގަންދީ ހުވާ ކުރުމަވެ."

މި ހުރިހާ ކަމެއް އޮވެފައިމެ، ރައީސް ޔާމީން މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު "ދުއްވާލަން" މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާކަތަކާ ގުޅުވާލާއިރު ނައިބު ރައީސް އޭނާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާ ކުރޭތޯ ފުރަތަމަ ސުވާލު ކުރަމާ ހިނގާށެވެ.

ދުސްތޫރީ މައްސަލައަކަށްވާތީ މި ކަމުގައި ބަލަން ޖެހޭނީ އެ ސުވާލަށް ލިބޭ ޖާވާބުތަކުން ތިލަފަތް ބަރުވާ ކޮޅެކެވެ. މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކޮޅަކަށް ބުރަވަންޏާ ނައިބު ރައީސަކު މަގާމުން އިމްޕީޗް ކުރުމަކީ މައްސަލަ އެއް ނޫނެވެ. އެހާލަތުގައި އިމްޕީޗް ނުކުރާނަމަ އެއީ މާ ބޮޑު މައްސަލައެކެވެ.

ނައިބު ރައީސް ޖަމީލަކީ އެމަނިފާނުގެ ތޮބީއަތުގައި ވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ޖޯޝްހުރި އަޑުހަރު ބޭފުޅެކެވެ. އިލްމީ ބޭފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާއަކަށް އެހީތެރިވެދެއްވަން ވަރަށް އެކަށީގެންވާ ބޭފުޅެކެވެ. އެކަމަކު އެ މަސްއޫލިއްޔަތާ ޒިންމާ އަދާ ކުރައްވާތޯ މިއީ ވިސްނައިލަން އެންމެ ރަނގަޅު ކަމެކެވެ.

ޖަމީލްގެ ޖޯޝާއި އޭނާގެ ހަރު އަޑު ވަރަށް ސަމާސާކޮށް ސިފަ ކުރައްވާ ޖަލްސާއެއްގައި ރައީސް މައުމޫން މިހެން ވިދާޅުވެ އެވެ:

"ދެންމެ މިތަނުގައި ވާހަކަފުޅު އެ ދެއްވި ބޭފުފުޅުން [ހޯރަފުށީ ސަލީމް، މުހައްމަދު އިކްރާމް އަބްދުއް ލަތީފު، ޑރ. އަހުމަދު ޝަހީދު، ޑރ. މުހައްމަދު ޖަމީލް އަހުމަދު] އެ ވާހަކަ ދެއްކެވި ހާ މަޑުމަޑުން، ވަކިން ހާއްސަކޮށް ޑރ. ޖަމީލް އެ ވާހަކަފުޅު ދެއްކެވިހާ އަޑު މަޑުކޮށް، އެހާ މަޑުމައިތިރިކޮށް އަޅުގަނޑަށް ވާހަކަ ނުދެއްކިދާނެތީ ތިޔަބޭފުޅުންގެ އަރިހުން ދީލަތި މާފަކަށް އެދެމެވެ،"

ރައީސް ޔާމީނާއެކު ޑރ. ޖަމީލް ވަޑައިގެންނެވީ އެ "މަޑުމައިތިިރި" އަޑުން  ވާހަކަފުޅު  ދައްކަވައިގެނެވެ. ވެރި ކަމަށް ވަޑައިގަތުމަށްފަހު ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަން ޕޮޒިޝަން ކުރައްވާފައި ވަނީ ކެބިނެޓްގެ ދެ ކައުންސިލެއް ހިމެނޭ ގޮތަށެވެ. އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަ ގޮތުން އެމަނިކުފާނަށް ވުރެ ކުރީގައި ނައިބު ރައީސް ބަހައްޓަވައިގެނެވެ. އެ ގޮތުން ސަރުކާރެއްގެ އެންމެ މުހިންމު އެއްބައި ސޯޝަލް ކައުންސިލްގެ އިހްތިސޯސްތެރެއަަށް ލައި އެ ކައުންސިލްގެ ޗެއާ ކުރައްވާ ބޭފުޅަކީ ނައިބު ރައީސް ކަމަށް ހަމަޖެއްސެވި އެވެ.

ރާއްޖޭގެ އެންމެ މައްސަލަ ބޮޑު ސިއްހީ ދާއިރާ ތަރައްގީކޮށް ހަރަދުނާ ކުރުމުގެ ޒިންމާ އޮތީ ނައިބު ރައީސްގެ އިސްތަށިފުޅުގަ އެވެ. ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ ދިނުމުގެ ޒިންމާ އޮތީ އެމަނިކުފާނަށެވެ. މިހެންހުރި ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެއީ މުޅިން ވެސް ސޯޝަލް ކައުންސިލްގެ ތެރެއިން ދާން ޖެހޭ ކަންކަމެވެ. ހަގީގަތުގައި އެއީ ސަރުކާރު ހިނގުމަށް ވަރަށް އިފެކްޓިވް ގޮތެކެވެ. ސަބަބަކީ ކެބިނެޓްގެ ދަށު ކައުންސިލަކު މަސައްކަތަށް ނުކުތުމުން ޒާތުގައި ނަތީޖާ ނެރުމުގެ ވާދަވެރިކަން އުފެދޭނެތީ އެވެ. ދެ ކައުންސިލްގެ މަސައްކަތް ފުރަތަމަ ފެނުނީ ވެސް އެގޮތަށެވެ. ނަމަވެސް ފަހުން ސޯޝަލް ކައުންސިލްގެ ބުރަކި ޖެހުމުން އިކްނޮމިކް ކައުންސިލް ވެސް އޮތީ "މުސަޅަ" ކަށް ވެގެނެވެ.

ސޯޝަލް ކައުންސިލް ފޭލްވީ އޭ ބުނެވެން އެބައޮތެވެ. މިސާލަކަށް އިދިކޮޅު ފަރާތްތަކުން ސަރުކާރުން  "އަނިޔާވެރިވާ" ކަމަށް ބުނެ ފަށާފައިވާ ހަކަރާކާތްތަކަށް ބަލާއިރު އެކަން ކަމުގައި މާ ބޮޑު ސަބްސްޓޭންސް އެއް ނެތެވެ. ނައިބު ރައީސަކީ "އަނިޔާ" ޑިފައިން ކޮށްދެއްވިދާނެ އަދި އިދިކޮޅު އަޑު ތަކުގައި ގާނޫނީ ގްރައުންޑެއް ނެތް ކަން އިލްމީ ބަހުސެއްގައި ސާބިތުކޮށްދެވިދާނެ ބޭފުޅެކެވެ. އެޑްމިނިސްޓްރޭޝަންގެ ތެރެއިން އެކަން ކުރައްވަން ހުންނެވި ކޮމާންޑަރަކީ އެއީ އެވެ. އެކަމަކު މިހާތަނަށް 27 ފެބުރުއަރީ މުޒާހަރާ ކުޑަތަންވެފައި ވަނިކޮށް ފެން ގޮތަކަށް ބަސްފުޅެއް ވިދާޅުވުން ފިޔަވައި ރައީސަށް ސަރުކާރަށް އެހީތެރިވެ ދެއްވުމަށް ހަގީގަތެއް ހާމަކޮށް ދެއްވަން ކުރެއްވެވި ކަމެއް އެޅުއްވެވި ފިޔަވަޅެއް ނުފެނެ އެވެ.

"އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ހަމަލާދޭ އިރު ނައިބު ރައީސް އެއްވެސް ކަމެއް ނުކުރައްވާ މަޑުން ހުންނަވަނީ. ސަރުކާރުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރޭ، ލޮނު މަޑު ނައިބު ރައީސްއެއް ގޮތުގައި މި ފެންނަނީ، އެހެންވީމާ ނައިބު ރައީސްގެ މަސައްކަތުގެ ގާބިލު ކަމާއި ޝައުގުވެރި ކަމާމެދު ސުވާލު އުފެދޭ. ނައިބު ރައީސް އިމްޕީޗް ކުރުމަކީ، ރައީސް އިމްޕީޗް ކުރުމަކީ މަޖިލީހުގެ ކަމެއް. އެއީ އެހެން ވާހަކައެއް. އެކަމަކު ނައިބު ރައީސް އޭނާގެ ޒިންމާ އަދާ ކުރައްވާތޯ މިއީ ސުވާލެއް ނޫންތޯ؟" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސިޔާސީ  ވާހަކައި އަޑުތަކަށް ބަލާއިރު އާންމުންނާ ހަމައަށް ފޭދިގެން އަންނަ އަޑުތަކުގެ ތެރޭގައި ރައީސާ ގުޅިވަޑައިގެން ނައިބު ރައީސް މަސައްކަތް ކުރައްވަން ނޫޅުއްވާ ވާހަކަ އޮވެ އެވެ. އެކުގައި މަސައްކަތް ކުރައްވަން ބައެއް ފަހަރު އިންކާރުކުރައްވާ ކަމަށް އެތެރޭގެ ބައެއް މުވައްޒަފުން ނުކުމެ ކިޔައިދެ އެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.

ސަރުކާރުގެ ސޯޝަލް ކައުންސިލަކީ ރައީސް ޔާމީންގެ ސަރުކާރުގެ މައި އެއް މެޝިނެވެ. އިކޮނޮމިކް ކައުންސިލުން ނަތީޖާތަކެއް ނެރުނު އިރު ސޯޝަލް ކައުންސިލް ޑެލިވާ ކުރި ކަމެއް ވަރަށް މަދެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ ސޯޝަލް ކައުންސިލަކީ ގާތްގަނޑަކަށް "ޕެރައިލައިޒް" ކައުންސިިލެކެވެ. އެ ކައުންސިލް ބައްދަލުވުންތައް ބާއްވާ ހަދާކަން ނޭނގޭ އިރު ގައިމު، ނޫސްވެރިންނާ ބައްދަލެއް ނުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުން ވެސް އަދި ބައިނަލް އަގުވާމީ ދުނިޔެއިން ވެސް ރާއްޖެއިން އެންމެ ފާޑު ކިޔާ ދިމާއަކީ  ޖުޑިޝަރީ އެވެ. ޖުޑިޝަރީގައި އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. އެއީ ސަރުކާރުން ވެސް ގަބޫލު ކުރާ ކަމެކެވެ.

ނައިބު ރައީސް ޖަމީލަކީ ރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ޝަރުއީ ދާއިރާގެ އިލްމުވެރި އެކެވެ. އިނގިރޭސި ބަހާއި އަރަބި ބަހުން ޝަރުއީ ދާއިރާގެ ދެވައްތަރު އިލްމު ލިބި ވަޑައިގެންފައިވާ "ދެ ކަނޑު އެއްކޮށްލައިގެން" (އިނގިރޭސީ ބަހާއި އަރަބި ބަހަށް މޮޅުވުން) ހުންނެވި އިލްމުވެރިއެކެވެ. އެހެން ނަމަވެސް ޖުޑިޝަރީގެ އިސްލާހަށް ވެސް، އަދި ޖުޑީޝަރީއާ ބެހޭ ގޮތުން ދެކެވޭ ތާކުން ތާކު ނުޖެހޭ ވާހަކަތަކުގެ ދިފާއުގައި ވެސް އެއްވެސް ކަމެއް ކުރައްވާ ތަނެއް ނުފެނެ އެވެ. އެ "މަޑުމައިތިރި" އަޑުން ބަސްފުޅެއް ވެސް ވިދާޅެއް ނުވެއެވެ.

އާންމުނަށް އެހާ ބޮޑަށް ނޭނގި އޮތް ނަމަވެސް ޖުޑިޝަރީ އިސްލާހުކޮށް ގެންނަން ޖެހޭ ބަދަލުތައް ކޯޑިނޭޓް ކުރަން ރައީސް ޔާމީން ހަވާލު ކުރައްވާފައި ވަނީ ވެސް ނައިބު ރައީސާ އެވެ. އެހެން ނަމަވެސް އެއިން ކަމެއް ވެސް ނުކުރައްވަ އެވެ. ޖުމްލަކޮށް ބަލާއިރު ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކި ވާހަކަފުޅު ތަކާއި އަޅާ ބަލާއިރު މަސައްކަތުގެ ގޮތުން ނައީބު ރައީސަށް ދެވޭވެރު މާކުހެއް ނެތެވެ.

މިހެން ހުރި ވަރަށް ގިނަ ކަން ކަމަކީ ނައިބު ރައީސް ޖަމީލުގެ "މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާ ގާބިލުވުން" ކަމަށް ބާލާނެ މީހުން ތިބޭނެ އެވެ. މި ސުވާލު އުފެއްދާނެ ޖާގަވެސް ލިބެ އެވެ.

ވީމާ މަޖިލީހަށް ވަދެގެން އުޅޭ "30 -65"  ގެ މާނަ އެހެން އަތަކަށް ފުރޮޅައިލުމުގެ ބޭނުމެއް ނެތެވެ. މީގެ މާނައަކީ "30-65" ދިރާސާ ކުރުމުން އޭގެ އަޑީގައި އެހެން ކަމެއް ނެތުމެއް ނޫނެވެ. އަދި ރައީސް ޔާމީން އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން، އަދި އެމަނިކުފާނުގެ ޕާޓީއަށް މެޖޯރޮޓީ އޮތް މަޖިލީހުން ނިންމާ ނިންމުމެއްގެ ސަބަބުން އެމަނިކުފާނަށް ރަނގަޅުތަކެއް ވުމެއް ވެސް ނޫނެވެ. "ފޯސް" ހުރި "އިނެމީސް" އުފެއްދުމަކީ ސިޔާސީ ގޮތުން ޗެލެންޖާ ކުރިމަތިވާނެ ކަމެއްކަން ރައީސް ޔާމީނަށް ވެސް ގެޓްވާން ޖެހޭނެ އެވެ.

ދުވަސްކޮޅެއް ކުރިން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީނާއި ނައިބު ރައީސް ޑރ. ޖަމީލާ ދެމެދު އެއްވެސް މައްސަލައެއް ޖެހިވަޑައިގެން ނޫޅުއްވަ އެވެ. ނައިބު ރައީސް ބަރާބަރަށް އޮފީހަށް ވަޑައިގަންނަވަ އެވެ. އެމަނިކުފާނާ ކެބިނެޓުގެ އެއްވެސް ވަޒީރަކާ ދެމެދު އެއްވެސް މައްސަލައެއް ނެތެވެ.

އެއީ ތެދެކެވެ. ނައިބު ރައީސް އޮފީހަށް ވަޑައިގަންނަވަ އެވެ. ރައީސްގެ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާއިރު އަލްވަދާއު ވިދާޅުވާން ވަޑައިގަންނަވަ އެވެ. އެނބުރި ވަޑައިގަތުމުން އިސްތިގުބާލަށް ވެސް ވަޑައިގަންނަވަ އެވެ. ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު މިއުޅެނީ މައްސަލަ ޖެހިގެނޭ ވިދާޅުވެ "ޑިކްލެއާ" އެއްވެސް ނުކުރައްވަ އެވެ. އެހެން ނަމަވެސް މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި އެކަން ކަމާ ގުޅިގެން ސަރުކާރުން އަދާ ކުރަން ޖެހިފައިވާ މުހިންމު ދައުރުގެ ތެރޭގައި އެންމެ ބޮޑު ރޯލެއް އަދާ ކުރެއްވިދާނެ ބޭފުޅަކީ ނައިބު ރައީސް ކަމަށް ވާއިރު އެމަނިކުފާނުގެ އެ ދައުރު އަދާ ނުކުރައްވާނަމަ ކީއްކުރާ ނައިބު ރައީސެއް ހެއްޔެވެ؟ އެކަން ގޯހިއްޔާ ނައިބު ރައީސަކު އިމްޕީޗް ކުރުމުގައި އޮތީ ކޮން ގޯހެއް ހެޔެވެ؟