ހަބަރު

ޒަކާތު ފަންޑުން ފަރުވާގެ އެހީދޭ އުސޫލު ނެރެފި

މާލީ ތަނަވަސްކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ލިބޭނެ އުސޫލެއް އިސްލާމީކް މިނިސްޓްރީން އާންމުކޮށްފި އެވެ. އެ މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ބޭނުންވެފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދެން ނިންމީ އާސަންދާ އާއި އެނޫންވެސް ގޮތްގޮތުން އެހީ ނުލިބޭ މީހުނަށް އެހީވުމުގެ ގޮތުން ކަމަށެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ލިބޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްކުރާއިރު އާސަންދައިން ނުފުދޭ ފަރާތްތަކަށާއި އަތޮޅު ތެރޭ ރަށްރަށުން އިމަޖެންސީގެ ހާލަތެއްގައި ނުވަތަ ރަށުން ފަރުވާ ނުލިބިގެން މާލެ ގެންނަ މީހުންނަށެވެ. މީގެ އިތުރުން ރާއްޖެއިން ފަރުވާކުރެވެން ނެތް ބަލިތަކަށް ފަރުވާކުރަން ބޭނުންވާ މީހުނަށްވެސް އެހީތެރިކަން ލިބޭނެ އެވެ.

އެހީއަށް އެދޭ ފަރާތްތަކުން އެހީއަށް އެދޭ މީހުން ހުށަހަޅަންޖެހޭ ފޯމާއެކު އާސަންދައިން އެހީދިނުމާއި މެދު ބަޔާންކޮށްފައިވާ ލިޔުމަކާއި ޑޮކްޓަރުގެ ލިޔުމަކާއި އަދި އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތު ބަޔާކޮށް އަމިއްލަ ލިޔެފައިވާ ސިޓީއެއް ހުށަހަޅަންޖެހެ އެވެ.

ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ދޫކުރާނީ 25،000 ރުފިޔާ އެވެ. ނަމަވެސް އެހީއަށް އެދޭ ފަރާތްތަކުގެ ފޯމުތަކާއި ލިޔެކިޔުންތަކަށް ބެލުމަށްފަހު އެ އަދަދު އިތުކުރެވިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެހީ ދިނުމުގައި ހާއްސަ ބަލިތަކަށް އެންމެ ގިނަވެގެން ދޫކުރަން ނިންމާފައި ވަނީ 50،000 ރުފިޔާ އެވެ. މި އަދަދުވެސް ހުށަހަޅާ ފޯމާއި ލިޔެކިޔުންތަކަށް ބެލުމަށްފަހު އިތުރުކުރެވިދާނެ ކަމަށް އެ މިނިސްޓްރީ ބުނެ އެވެ. ހާއްސަ ބަލިތަކުގެ ގޮތުގައި ލިސްޓުކޮށްފައި ވަނީ ކިޑްނީގެ ބަލިތަކާއި ކެންސަރާއި ބޯންމެރޯ ހެއްދުމާއި ހިތުގެ ބަލިތަކަށް ފަރުވާކުރުމެވެ.