ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހުކުމް ކުރީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެ ރާއްޖެއިން އިންޑިއާގެ ބަޔާނަށް ރައްދު ދީފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ހުކުމް ކުރުމާ ގުޅިގެން އިންޑިއާ ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ކަމަށާއި، ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ޖަލަށް ލުމަށް ހުކުމް ކުރީ ވަނީ އިންސާފުވެރި ޝަރީއަތަކާ ނުލާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަން ކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާ ސަރުކާރުގެ ބަޔާނަށް ރައްދުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކުރީގެ ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ދަށުން ޖިނާއީ އަދުލުގެ ނިޒާމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ރާއްޖޭގައި ގާނޫނުގެ ހުކުމް ތަންފީޒު ވެގެންދާކަމާއި، އަމަލު ކުރެވެމުންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ އުސޫލުތަކާއި އެއްގޮތައް ގާނޫނޫތަކާއި ގާނޫނޫ އަސާސީއަށް ކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި އަދި ބުނީ، ރާއްޖޭގެ ގާނޫނީ ނިޒާމު ނެގެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައްވެސް ކުރިއަށްދަނީ ޤާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެ އެވެ.