ބޮލީވުޑް

"ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ގެ މިސްރާބު 100 ކްރޯޑާ ދިމާލަށް

May 27, 2015

މިއަހަރުގެ މިހާތަނަށް ބޮކްސް އޮފީސް ގުގުމާލާނެ ފަދަ މޮޅު ފިލްމެއް ނިކުމެފަ އެއް ނުވެ އެވެ. އެހެންނަމަވެސް ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު އަނަންދު އެލް ރާއި ގެ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަންނަނީ ބެލުންތެރިންގެ ހިތް ފަތަހަ ކުރަމުންނެވެ.

ކަންގަނާ ރަނާވަތު އާއި އާރް މާދަވަން ލީޑްރޯލުން ފެނިގެންދާ މިފިލްމު ރިލީޒްކުރި ވަނީ 47 ކްރޯޑް (470 މިލިއަން ރުޕީޒް) ލިބިފަ އެވެ.

ރިލީޒްކުރި ފުރަތަމަ ދުވަހު މިފިލްމަށް 8 ކްރޯޑް (80 މިލިއަން ރުޕީޒް) ލިބުނު އިރު، ދެވަނަ ދުވަހު ވަނީ 13 ކްރޯޑް (130 މިލިއަން ރުޕީޒް) ލިބިފަ އެވެ. އަދި އާދިއްތަ ދުވަހު އިންޑިއަން ޕްރިމިއާ ލީގްގެ ފައިނަލް މެޗް އޮތް ނަަމަވެސް މިފިލްމަށް ވަނީ ފުރަތަމަ ދުވަހުގެ ލިބުނު އަދަދުގެ ދެގުނަ ލިބިގެންގޮސްފަ އެވެ. އެގޮތުން ތިންވަނަ ދުުވަހު ވަނީ 16.10 (161 މިލިއަން ރުޕީޒް) ލިބިފަ އެވެ.އަދި ހޯމަ ދުވަހު ވަނީ 8.90 ކްރޯޑް (89 މިލިއަން ރުޕީޒް) ލިބިފަ އެވެ. މިއީ ފިލްމު ރިލީޒްކުރި ދުވަހު ލިބުނު އަދަދަށް ވުރެން ކުޑަތަންކޮޅެއް ބޮޑު އަދަދެކެވެ.

މިހާރު 100 ކްރޯޑާއި ދިމާލަށް މިސްރާބު ޖަހާފައިވާ މިފިލްމު ވެގެންގޮސްފައިވަނީ މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ހަތަރު ދުވަހު އެންމެ ގިނަ ފައިސާ ލިބުނު ފިލްމަށްވެގެން ގޮސްފަ އެވެ.

ޓްރޭޑް އެންލިސްޓް ތަރަން އަދާޝްވެސް ވަނީ މިފިލްމުގެ ފުރަތަމަ ހަތަރު ދުވަހުގެ ވިޔަފާރި ވަަރަށް ރަނގަޅު ކަމަށް ބުނެފަ އެވެ. އަދި އައިޕީއެލްގެ ފައިނަލް މެޗް އާދީއްތަ ދުވަހު އޮތް ނަމަވެސް، ފާޑުކިޔާ ފަރާތްތަކާއި ބެލުންތެރިން މިފިލްމުގެ މޮޅު ވާހަކަދެއްކުމުގެ ސަބަބުން ، މިފލްމުގެ ވިޔަފާރި އަށް އަސަރެއް ނުކުރާކަމަށްވެސް ބުނެފަ އެވެ. މިފިލްމަށް ކުރިއަށް ދުވަސްތަކުގައި 100 ކްރޯޑް އިންޑިއާ އިން ލިބިއްޖެނަމަ މިފިލްމު ވެގެންދާނީ މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ލިބޭ ފުރަތަމަ ފިލްމަށެވެ.

މީގެއިތުރުންވެސް މިދުވަސްވަރަކީ ސްކޫލްތަކުގެ ބަންދު ދުވަސްވަރު ކަމުން މިފިލްމަށް ކުރިއަށް އޮތް ތަނުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ގިނައިން ނިކުންނަ ސީކުއެލްތަކަށް ފިލްމުގެ ފުރަތަމަ ބަޔަށް ލިބޭހާ ބޮޑު ތަރުހީބެއް ނުލިބޭތީއާއިއެކު މިފިލްމަކީ ޑައިރެކްޓަރު އަނަންދު ކޮނޑުގައި އަޅައިގެން ނިކުތް ވަރަށް ބޮޑު ރިސްކެކެވެ. އެހެންނަމަވެސް، މިއަދު މިފިލްމަށް ލިބެމުންދާ ތަރުހީބާއިއެކު އަނަންދު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކަށް ދިން އިންޓަވިއު އެއްގައި އަނަންދު ބުނެފައިވަނީ "ތަންނޫ ވެޑްސް މަންނޫ"ގެ ސީކުއެލް އެއް ހަދަން ފެށުމުން ވަރަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވި ކަމަށާއި، އެހެންނަމަވެސް މިފިލްމަށް މިހާރު ލިބެމުންދާ ތަރުހީބުން ވަރަށް އުފާކުރާކަމަށެވެ. އަދި މިފިލްމުގައި އެންމެ މުހިންމު ރޯލްތަކަކީ އެންމެ ކުދި ކެރެކްޓާސްތައް ކަމަށާއި އެހެންކަމުން ހުރިހާ ކެރެކްޓާސްތަކެއް ވަރަށް މުހިންމު ކަމަށެވެ.

މިފލްމުގައި ފެނިގެންދަނީ އިންޑިއާގެ ސްމޯލް ޓައުން އަކަށް ނިސްބަތްވާ ދެމަފިރިއެއްކަމަށް ވާ ތަންނޫ އާއި މަންނޫގެ ކައިވެނީގައި މައްސަލަތަކެއްޖެހި، އެދެމެދަށް ތަންނޫ އާއި އެއްވައްތަރު ކުއްޖެއް އައިސް ހިނގާ ތިނެސްކަން ލޯބީގެ ހާދިސާތަކެކެވެ.

"ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މީގެ ދެހަފްތާ ކުރިން ރިލީޒްކުރި "ޕީކޫ" އާ އެވެ، ނަމަވެސް އެފިލްމަށް އިންޑިއާއިން ލިބިފައިވަނީ 73 ކްރޯޑް (730 މިލިއަން ރުޕީޒް) އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ފިލްމު ދައްކައިގެންނާއި އިންޑިއާއިން ލިބުނު އާމްދަނީ މިހާރު ވަނީ 100 ކްރޯޑް ފަހަނަ އަޅާފަ އެވެ.

ތިރީސް ކްރޯޑްގެ ތާށި ބަޖެޓަކުން އުފއްދާފައިވާ މިފިލްމު ރިލީޒްކުރިތާ ހަތަރު ދުވަހުގެ ތެރޭގައި 50 ކްރޯޑްއާއި ގާތްކުރާ އަދަދެއް މިހާރުވެސް ލިބިފައިވާއިރު، ކުރިއަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިފިލްމަށް 100 ކްރޯޑް ލިބޭނެކަމުގެ އުންމީދުގައި ތިބި ފަރާތްތަށް ވަރަށް ގިނަ އެވެ. އެހެންވެއްޖެނަމަ ވޭދުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރަކީވެސް ބަތަލާ ކަންގަނާ ރަނިކަން ކުރާނެ އަހަރެކެވެ.