ކުޅިވަރު

ޑެންމާކުގެ އެރިކްސެން ހުއްޓުވާނެ ގޮތް ޕެރޫއަށް އެނގޭ

ޑެންމާކުގެ ތަރިއަކީ، ޓޮޓެންހަމް ހޮސްޕާގެ ކްރިސްޓިއަން އެރިކްސެން އެވެ. ޑެންމާކުގެ ގޯލް މެޝިންގެ ގޮތުގައި މަޝްހޫރު ވެފައިވާ އެރިކްސެން ވަނީ ކޮލިފައިންގައި 11 ލަނޑު ޖަހާފަ އެވެ.

ޑެންކާމާކުގައި "ކިންގް އެރިކްސެން" ގެ ނަމުން މުހާތަބު ކުރެވުނަސް، ޑެންމާކު ޓީމު ބިނާ ވެފައި ވަނީ އެރިކްސެންއަށް އެކަނި ނޫން ކަމަށް އެ ޓީމުގެ ކޯޗް އޭޖް ހާރައިިޑޭ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އެރިކްސެންއަށްވެސް ޕާފޯމު ކުރެވެނީ، އެހެން ކުޅުންތެރިންގެ ބައިވެރިވުން އޮވެގެން ކަމަށެވެ.

"އެއީކީ މުޅިން ރަނގަޅު ވާހަކައެއް ނޫން، ޑެންމާކު ބިނާ ވެފައި ވަނީ ކްރިސްޓިއަން [އެރިކްސެން] ގެ މައްޗަށް އެކަންޏެއް ނޫން،" ނޯވޭއަށް ނިސްބަތްވާ ކޯޗު ބުންޏެވެ. "އަހަރެމެންގެ ޓީމަކީ އޭނާއަށް ޓަކައި މަސައްކަތް ކުރާ ޓީމެއް، އަދި އޭނާ ވެސް މަސައްކަތް ކުރަނީ އަހަރެމެންގެ ޓީމަށް ޓަކައި."

"މި ޓީމުގައި ކޮމްބިނޭޝަން އެބައޮތް އެހެން ކުޅުންތެރިންގެ އެހީތެރިކަން ލިބޭތީ ކްރިސްޓިއަންއަށް ވެސް ޕާފޯމު ކުރެވެނީ ނަމަވެސް އޭނާ އަކީ މި ޓީމުގައި މުހިންމު ތަރިއެއް، އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް."

ޑެންމާކް ޓީމު ޕްރޮފައިލް

ވޯލްޑްކަޕުގައި ޑެންމާކު ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު މިރޭ ނިކުންނާނީ، ޕެރޫއާ ދެކޮޅަށެވެ. ޕެރޫ ވޯލްޑްކަޕުގައި ވާދަ ކުރަން އައީ 30 އަހަރު ފަހުންނެވެ.

ޕެރޫގެ ކޯޗް ރިކާޑޯ ގަރީކާ ބުނީ، އެރިކްސެން ހުއްޓުވާނެ ގޮތް، އޭނާގެ ޓީމަށް އެނގޭ ކަމަށެވެ.

"އެރިކްސެން އަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ގިނަ ބަޔަކު ދަންނަ ކުޅުންތެރިޔެއް، އެކަހަލަ ކުޅުންތެރިންނާ ކުރިމަތި ލުމުގެ ގާބިލުކަން އަހަރެމެންގެ ޓީމުގައިވެސް ހުންނަން ޖެހޭ،" މެޗުގެ ކުރިން ވާހަކަ ދައްކަމުން ގަރީކާ ބުންޏެވެ.

"އޭނައަކީ އަހަރެމެން ސަމާލުކަން ދޭން ޖެހޭ ހަމައެކަނި ކުޅުންތެރިޔާއެއް ނޫން، އަހަންނަށް ހީވަނީ އެކަހަލަ ކުޅުންތެރިޔަކާ ވާދަ ކުރަން ޖެހުމަކީވެސް އަހަރެމެންނަށް ގިނަ ކަންކަމެއް ދަސް ވާނެ ކަމެއް ހެން."

އޭނާ ބުނީ، ޕެރޫ ޓީމުގައިވެސް އެ ފެންވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ.
އޭނާ އެ ފާހަގަ ކުރަނީ ޕައޮލޯ ގުއެރޭރޯ އެވެ.

މަނާ ބޭސް ބޭނުން ކުރި ކަމުގެ ތުހުމަތުގައި ފީފާގެ ސަސްޕެންޝަން ފިޔަވަޅު އެޅި ޕައޮލޯ ގުއެރޭރޯއަށް މުބާރާތުގައި ކުޅެވޭނެ ކަން ޔަގީން ވުމަކީ ޕެރޫއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ޕެރޫ ޓީމު ޕްރޮފައިލް

މުބާރާތުގައި ކުޅެވޭނެ ކަމަށް އޭނާ އަށް ޔަގީންވީ ވޯލްޑްކަޕު ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށެވެ. ވޯލްޑްކަޕު ކޮލިފައިންގައި އާޖެންޓީނާ އާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ނިކުތީ މަނާ ބޭސް ބޭނުންކޮށްގެން ކަން ކުރެވުނު ތުހުމަތު ތަކާއެކު މައްސަލަ ބެލުމަށް ފަހު ފީފާއިން އޭނާ 14 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމައި ފިޔަވަޅު އެޅި އެވެ. ނަމަވެސް އޭނާ ހުށަހެޅި އިސްތިއުނާފް މައްސަލައަށް އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓުން ވަނީ އިސްތިއުނާފް ކޮށް ދީފަ އެވެ.

ޕެރޫގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ، ޕައޮލޯ ގުއެރޭރޯ، 34 އަކީ ބްރެޒިލްގެ ފްލެމިންގޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެކެވެ.

މުބާރާތުގައި އޭނާ އަށް ކުޅުމުގެ ހުއްދަ ލިބުނަސް މިއަދުގެ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެއީ އޭނާގެ ފިޓްނަސް މައްސަލައާ ހެދި އެވެ.

މި ގޫރުޕްގައި، ޕެރޫ އާއި ޑެންމާކާއެކު ދެން ހިމެނެނީ، ފްރާންސާއި އޮސްޓްރޭލިއާ އެވެ. ގުރޫޕްގެ ފޭވަރިޓަކީ، ފްރާންސެވެ. ޕެރޫ އާއި ޑެންމާކު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގަ އެވެ.