ބޮލީވުޑް

"ޕީކޭ" އަދިވެސް ރެކޯޑް މުގުރަމުން ކުރިއަށް

May 27, 2015

ސުޕަސްޓާ އާމިރް ޚާން ލިޑްރޯލުކުޅެފައިވާ "ޕީކޭ" އަކީ މިހާތަނަށް ބޮލީވުޑް ފިލްމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދި ފިލްމެވެ. އެގޮތުން މިފިލްމަށް ވަނީ އިންޑިއާއިން އެކަނި 300 ކްރޯޑް ލިބިގެން، ހިންދީ ފިލްމަކަށް އެންމެ ފުރަތަމަ 300 ކްރޯޑް ހޯދި ފިލްމުގެ ރޯކޯޑް ހަދާފަ އެވެ.

މިހާހިސާބުން ނިމުނީކީ އެއް ނޫނެވެ. މިފލްމު އަދިވެސް އަންނަނީ ކާމިޔާބީގެ އާ ރެކޯޑްތައް ހަދަމުންނެވެ.

ވޭތިވެދިޔަ ހަފްތާގައި ޗައިނާގައި މިފިލްމު ރިލީޒްކުރެވުމާއިއެކު ވަނީ ހިންދީ ފިލްމަކަށް ބޭރުދުނިޔެއިން އެންމެ ބޮޑު ކާމިޔާބު ހޯދި ފިލްމުގެ ރެކޯޑްވެސް ހަދާފަ އެވެ.

ޓްރޭޑް އެންލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައިވަނީ މިފިލްމު ވަނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ހިންދީ ފިލްމަކަށް އެންމެ ގިނަ ފައިސާ ލިބުނު ފިލްމަކަށް "ޕީކޭ" ވެގެން ގޮސްފިކަމަށާއި، އެގޮތުން މިފިލްމަށް ވަނީ 33.7 މިލިއަން ޑޮލަރު ލިބިފައި ކަމަށެވެ.

އާމިރު ޚާން އާއި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ އިތުރުން ޕްރޮޑިއުސަރު ވިންދޫ ވިނޮދް ޗޯޕްޅާވެސް ވަނީ ޗައިނާގެ ޕްރޮމޯޝަންތަކުގައި ބައިވެރިވެފަ އެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހު ދައްކާލާފައިވަނީ ޝަންހާއީގަ އެވެ. އަދި ޖެހިގެންއައި ދުވަހު ވަނީ ބެއިޖިންގައި ދައްކާލާފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 19ވަނަ ދުވަހު ރިލީޒްކުރި މިފިލްމަށް މިހާތަނަށް ވަނީ އިންޑިއާއާއި ދުނިޔޭގެ އެކި ގައުމުތަކުގައި ދައްކައިގެން 615 ކްރޯޑް (6150 މިލިއަން ރުޕީޒް) އަށް ވުރެން ގިނަ ފައިސާ ލިބިފަ އެވެ. އެގޮތުން އިންޓަނޭޝަނަލް ބޮކްސް އޮފީހުން ލިބުނު އަދަދު 33 މިލިއަން ޑޮލަރަށް ވުރެން ގިނަ އެވެ.

އިންސާނެއްގެ ސިފައިގައި ހުންނަ އޭލިއަންގެ ރޯލުން އާމިރް ފެނިގެންދާ މިފިލްމުގައި ދީންތަކަށް ފުރައްސާރަކޮށްފައިވާކަމަށް ބުނެ، އިންޑިއާގެ އެކި ދީންތަކަށް ތަބާވާ މީހުންވަނީ މިފިލްމު ސިނަމާތަކުގައި އެޅުވުމާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފަ އެވެ.

ރާޖް ކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި އާމިރުގެ އިތުރުން އަނުޝްކާ ޝަރްމާ އާއި ޝުޝާންތް ސިންގް ރާޖްޕުތް އަދި ސަންޖޭ ދަތު ފެނިގެންދެ އެވެ.

މިއަހަރުގެ މިހާތަނަށް މާ ކާމިޔާބު ފިލްމުތަކެއް ރިލީޒްވެފައިނުވާއިރު، މި މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރެވުނު "ޕީކޫ" އާއި ހުކުރު ދުވަހު ރިލީޒްކުރެވުނު "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.