ސަލްމާން ޚާން އާއި ޝާހްރުކް ޚާންގެ ޒަމާންވީ ރުޅިވެރިކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބެ ދެތަރިންގެ ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮތް ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ކައިވެނީގެ ހަފްލާގެ ތެރޭގައި އެއްފަރާތްކުރުމަށްފަހު، މިދެތަރިންވަނީ އަރްޕިތާ އާއިއެކުގައި ފޮޓޯއެއް ނަގާފަ އެވެ.
މިއީ ސަލްމާން އާއި ޝާހްރުކް އާއި ދެމެދު އޮތް ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު މިފަދަ ގޮތަކަށް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ .އޭގެފަހުން މިދެތަރިންގެ ފަރާތުންވެސް ވަނީ، އެމީހުންގެ ޒަމާންވީ ރުޅިވެރިކަމުގެ މަތިން ހަނދާން ނައްތާލުމަށްފަހު، އަލުން އެކުވެރިވެ އުޅެން ބޭނުންވާ ކަމުގެ އެތައް އިޝާރާތެއް ފެނިގެން ގޮސްފަ އެވެ.
އެހެންނަމަވެސް، އިއްޔެ ޝާހްރުކް ވަނީ އެއްވެސް ބަޔަކު ހިތަށްވެސް ނުގެންނާނެ ފަދަ ކަމެއްކޮށްފަ އެވެ. އެގޮތުން ޝާހްރުކް ވަނީ މިހާރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ސަލްމާންގެ ފިލްމު "ބަޖްރާންގީ ބައިޖާން"ގެ ފުރަތަމަ ދައްކާލުން އޭނާގެ ޓްވީޓާގައި އާންމުކޮށްފަ އެވެ.ޝާހްރުކްގެ މިހަރަކާތުން، މިދެތަރިންގެ ދެމެދުގައި އޮތް ގުޅުން މިހާރު ކުރިއަށްވުރެން ރަނގަޅުވެފައިވާ ކަމުގެ އިޝާރާތެއް ލިބޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.
ޝާހް ކުރި ޓްވީޓެއްގައި ވަނީ ސަލްމާންގެ ތުންފަތުން ފެށިގެން މެޔާއި ހަމައަށް އިންނަ ފޮޓޯއެކެވެ. އަދި ކުރި ޓްވީޓްގައި ވަނީ "އަހަރެން ގަބޫލުކުރާ ގޮތުގައި ބޭބެއަކަށް ވުން ހީރޯއަކަށް ވުރެން ބޮޑުކަމަށެވެ." އަދި "ބައިޖާން" މި އީދުގައި އަންނާނެ ކަމަށާއި، މިފިލްމުގެ ފުރަތަމަ ދައްކާލުން ކަމުދޭތޯ ވެސް ވަނީ އަހާފަ އެވެ.
މިހާ ހިސާބުން ނިމުނީކީ އެއް ނޫނެވެ. މަޝްހޫރު ސުޕަސްޓާ އާމިރު ޚާންވެސް ވަނީ ހަމަ އެ ފޮޓޯ ޓްވީޓްކޮށްފަ އެވެ. އަދި އޭނާގެ ޓްވީޓްގައި ވަނީ "ވަރަށް އަވަހަށް އަންނަނީ" މިހެން ލިޔެ ފޮޓޯއާއި އެކު ޓްވީޓްކޮށްފަ އެވެ.
ކޮންމެ އަކަސް، ޝާހްރުކް އާއި އާމިރުގެ މިހަރަކާތުން މިތިން ޚާނުންގެ މެދުގައި އޮތް ގުޅުން މިހާރު ވަރަށް ރަނގަޅު ވެފައިވާ ކަން އެނގެ އެވެ.
“ބަޖްރަންގީ ބައިޖާން"ގެ ފުރަތަމަ ދައްކާލުމުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައިވަނީ ސަލްމާންގެ ކަރުގައި އަޅާފައި އޮންނަ ރިހިކުލައިގެ ލޮކެޓް އެވެ.
ސަލްމާން އާއި ޝާހްރުކް ވަނީ 90ގެ އަހަރުތަކުގައި ނިކުތް ދެ ފިލްމު "ކަރަން އަރްޖުން" އާއި "ކުޗް ކުޗް ހޯތާހޭ" އަށް ފަހު މިދެތަރިންގެ ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދިފަ އެވެ. އޭގެ ފަހުން މިދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ފަރާ ޚާންގެ "އޯމް ޝާންތީ އޯމް" ގެ ލަވައަކުން ނެވެ.
އޭގެ އަހަރެއް ފަހުން 2008 ވަނަ އަހަރު އޮތް އޭރު ސަލްމާންގެ ލޯބިވެރިޔާ ބަތަލާ ކެތްރީނާ ކައިފް ގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިން ހިނގި ޒުވާބެއްގެ ތެރެއިން މިދެތަރިންގެ ޒަމާންވީ އެކުވެރިކަން ވަނީ ނިމިގެންގިގޮސްފަ އެވެ. އަދި އޭގެ ފަހުން މިދެމީހުންވެސް އެކަކު އަނެކަކާއި ވާހަކަ ދައްކާފައިނުވާއިރު، ދެމީހުންވެސް ވަނީ އެކަކު އަނެކަކު ކުޅޭ ފިލްމުތަކާއި ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ބަހުގެ ހޫނު ހަމަލާތައް ބަދަލުކޮށްފަ އެވެ.
އެހެންނަމަވެސް 2013 ވަނަ އަހަރު އޮތް މިދެތަރިން ބައިވެރިވި ރޯދަވީއްލުމެއްގައި ވަނީ އެކަކު އަނެކަކާ ސަލާމްކޮށް ވާހަކަދައްކާފަ އެވެ. އޭގެފަހުން ގެހިޖެން އައި އަހަރުވެސް ވަނީ ހަމަ ރޯދަ ވީއްލުމަކުން ދިމާވެގެން ވާހަކަ ދައްކާފަ އެވެ.
ކޮންމެއަކަސް މިހާރު މިދެތަރިން އެތަކެއް އަހަރެއްވީ ރުޅިވެރިކަން ނިންމާލާފައިވާއިރު، ސަލްމާން ދުއްވި ކާރަކުން ޖެހި މީހަކު މަރުވުމުގެ ކުށް ސާބިތުވެ، ފަސްއަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ދުވަހުގެ އެއްދުވަސްކުރިން ޝާހްރުކް ވަނީ ސަލްމާން ދިރިއުޅޭ ގޭގައި އޭނާއާއި ބައްދަލުކޮށް ހިތްވަރުދީފަ އެވެ.
މިއަހަރު ސަލްމާންގެ ދެ ފިލްމެއް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން "ބަޖްރަންގީ ބައިޖާން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އީދާއި ދިމާކޮށް ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.
ސަލްމާން ޕްރޮޑިއުސްކޮށް ކަބީރް ޚާން ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާން އާއިއެކު ލީޑްރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރު އާއި ނަވާޒުއްދީން ސިއްދީގީ އެވެ.