މިއުޒިކް

ޝަލަބީގެ "ތިބާ ހީލުމުން": ލޯބި ދެމަފިރިއެއްގެ ވާހަކަ

ހާއްސަ މުނާސަބަތުތަކާއި ދިމާކޮށް ޝަލަބީ އިބްރަހީމް އޭނާގެ ފޭނުންނަށް އަބަދުވެސް ލަވަތައް ހަދިޔާކުރެ އެވެ. އެގޮތުން މި އީދާ ދިމާކޮށް އަނެއްކާވެސް ޝަލަބީ މި ވަނީ ފޭނުންނަށް ވަރަށް ހާއްސަ ލަވައެއް ހަދިޔާކޮށްފަ އެވެ. މި ފަހަރު ޝަލަބީ މި ގެނެސްދިނީ ވަރަށް ލޯބިން އުޅޭ ދެމަފިރިއެއްގެ އަސަރުގަދަ ވާހަކަތަކެވެ.

އަމިއްލަ ރާގުގެ މި ލަވާގައި ގެނެސްދީފައި ވަނީ އައިޝަތު ނަސީރު އާއި އަބްދުﷲ މޫސާ ރަފީއު (އައްޅޯ) ގެ ވާހަކަ އެވެ. "ތިބާ ހީލުމުން" ކިޔާ މި ލަވަ ރިލީޒްކޮށްފައި ވަނީ ބަރިސްތާ ކޮފީ ހައުސްގައި މި އީދާއި ދިމާކޮށް ޝަލަބީ އާއި މަރިޔަމް މައީޝާ ދިން ހާއްސަ ޝޯއެއްގެ ތެރެއިންނެވެ. މި ލަވަ ރިލީޒްކޮށް ދެއްވީ މަޝްހޫރު މިއުޒިޝަން އަބްސީ އެވެ.

ޝަލަބީގެ އަޑުން އިވިގެންދާ މި ލަވާގެ ކޮންސެޕްޓާއި ރާގު ތައްޔާރުކުރީ އައްޅޯ އެވެ. މުޒީކް ސްޓޫޑިއޯ އިން ރެކޯޑްކޮށްދިން މި ލަވާގެ ޅެން ތައްޔާރުކުރީ ހޯރަފުށީ އާމިރް ސަލީމެވެ. މި ލަވަ މިހާރު ރާއްޖޭގެ މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" އިން އަޑުއަހާލެވޭނެ އެވެ.

"ވަރަށް ލޯބިން އުޅޭ ކަޕުލްއެއްގެ ވާހަކަ މި ލަވާގައި މި ވަނީ. ވަރަށް އުފާވެފައި މިހުރީ މި ލަވަ ނެރެވުނީމަ." މި ލަވާގެ ވީޑިއޯ ލަވައެއްގެ ގެނެސްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޝަލަބީ ބުންޏެވެ.

ޝަލަބީ ބުނީ ކޮންމެ މުނާސަބަތަކާއި ދިމާކޮށްވެސް ފޭނުންނަށް ލަވައެއް ގެނެސްދިނުމަށް މަސައްކަތް ކުރާ ކަމަށާއި، މި އީދާ ދިމާކޮށް ފޭނުންނަށް އަނެއްކާވެސް ހަދިޔާއެއް ދެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މިކަހަލަ ރީތި އިތުރު ލަވަތައް ގެނެސްދެމުން އަންނާނެ ކަމަށް ވެސް ޝަލަބީ ބުންޏެވެ.