ހަބަރު

އެމްޑީޕީގެ ކޮންގްރެސްއިން ވިޔަފާރި ސްޓޯލްތަކެއް ވިއްކަނީ

Jun 17, 2018
2

މި މަހުގެ ފަހުކޮޅު އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ވިޔަފާރި ސްޓޯލްތަކެއް ބަހައްޓަން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު ދޭން އެ ޕާޓީ އިން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ދަރުބާރުގެ ނުދިނުމުން އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ، މި މަހުގެ 29 އިން 30 އަށް އއ އުކުޅަހުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަހުމަދު އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގައި ވިޔަފާރި ސްޓޯލްތަކެއް ބަހައްޓަން ފުރުސަތު ދޭން ނިންމީ އެ ޕާޓީއަށް ފަންޑް ރެއިޒް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން 10 ސްޓޯލެއް ބެހެއްޓުމަށް ވަނީ ނިންމައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓޯލް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ގެ ހަވީރު 4:00 ގެ ކުރިން އެ ޕާޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކޮށްދިނުމަށް އެ ޕާޓީ އިން ވަނީ އެދިފަ އެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ އެ ޕާޓީއަށް ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ވިޔަފާރިވެރިންނަށް ކޮންގްރެސްގެ ތެރެއިން ސްޓޯލް ނެގުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސްޓޯލްތައް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ވިޔަފާރިތައް ކަމަށްވާ އެގްރި ވިޔަފާރި އާއި ގެސްޓްހައުސް އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއަށް ނިސްބަތްވާ ވިޔަފާރިތަކަށް ކަމަށެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ އެ ޕާޓީގެ ކޮންގްރެސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 1،000 މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އަދި ބޭރުގެ ޑިޕްލޮމެޓުންނާއި މީޑިއާތައް ހިމެނޭ ގޮތުން، މެހެމާނުންގެ ގޮތުގައި 200 އަށް ވުރެ ގިނަ ފަރާތަށް އެ ޕާޓީ އިން ވަނީ ކޮންގްރެސްއަށް ދައުވަތު ދީފަ އެވެ.