ހަބަރު

އާދަމް އާޒިމް އާއި ލޯޔަރު ފަރީދު ޖޭޕީއާ ގުޅިއްޖެ

Jun 17, 2018
1

ޓެރަރިޒަމްގެ ކުށުގައި ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާއި ލޯޔަރު މުހައްމަދު ފަރީދު މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

މީގެ ކުރިން އެސްޓީއޯގެ އެމްޑީ ކަމާއި އަދި ފަހުން އިދިކޮޅު ކޯލިޝަނުން އެކުލަވާލި ހިޔަނި ކެބިނެޓްގެ މެންބަރުކަން ކުރައްވާ އާޒިމް އަދި ލޯޔަރު ފަރީދު ޖޭޕީއާ ގުޅިވަޑައިގަތުމުގެ ރަސްމިއްޔާތު އޮތީ، ޖޭޕީގެ މައި ހަރުގެ ކުނޫޒްގަ އެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ޖޭޕީގެ މެންބަޝިޕް އިތުރުކޮށް ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށައިގެންފަ އެވެ.

އާޒިމް މީގެ ކުރިން އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދެވީ ވަކި ޕާޓީއަކާ ގުޅިވަޑައި ނުގެން އެވެ. އާޒިމް ޖޭޕީއާ ގުޅުމާ އެކު އެ ޕާޓީ އިން ވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ހަމަޖެއްސިކަން އެ ހަފްލާގައި އިއުލާންކޮށްފަ އެވެ.

އެ ހަފްލާގައި އާޒިމް ވިދާޅުވީ، އޭނާ ޖޭޕީއާ އެކު މި ފަށާ މަސައްކަތަކީ ރާއްޖެ އިސްލާހު ކުރުމަށް އޭނާ ކުރަމުން އައި މަސައްކަތުގައި ލިބޭނެ އިތުރު ބާރެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތް ލަސްތަކެއް ނުވެ ކާމިޔާބު ވާނެ ކަމަށާއި އިސްލާހީ މަސައްކަތުގައި އޭނާ ޖޭޕީއާ އެކު ދެގޮތެއް ނުވެ ދެމި ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ރައްޔިތުން ޖޭޕީއާ އެކު އަޅުގަނޑުމެންނާ އެކު ރާއްޖެ އިސްލާހު ކުރަން މި ކުރާ މަސައްކަތުގައި ބައިވެރިވުން،" އާޒިމް ވިދާޅުވި އެވެ.

ޖޭޕީގެ ކޮންގްރެސް އޮންނާނީ، މި މަހުގެ 21 އިން 22 އަށް ޕެރަޑައިޒް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މަނދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީ އިން ބުނެ އެވެ. އަދި އެ ޕާޓީގެ 15 އިންތިހާބީ މަގާމަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.