ބޮލީވުޑް

ރަންބީރް ބޭނުމީ ރަންވީރްއާއެކު ފިލްމެއް ކުޅެން

ރަންވީރް ސިންހާއި ރަންބީރް ކަޕޫރްގެ ފޭނުން މޫނު ހައިދައިގެން ވާދަވެރިކަން މަތީ ތިބި ނަމަވެސް މި ދެ ތަރިންގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ރަނގަޅެވެ. މިކަން އެންމެ ބޮޑަށް ހާމަ މިވީ ދާދިފަހުން އިންޑިއާގެ ނޫހެއް ކަމަށްވާ "ނިއުސް 18" ރަންބީރް ކަޕޫރް ދިން އިންޓަވިއުއަކުންނެވެ.

"އަހަރެން ބޭނުން ރަންވީރް ސިންހުއާއެކު ފިލްމެއް ކުޅެން. އެކަމަކު އެ ފިލްމު ވާންޖެހޭނެ ރީތި ފިލްމަކަށް. މިސާލަކަށް، 'ކަރަން އަރުޖުން'، 'އަންދާޒް އަޕްނާ އަޕްނާ'، ނޫނީ 'ދީވާރް' ކަހަލަ ފިލްމަކަށް ވާންޖެހޭނީ. ކޮންމެ ވައްތަރެއްގެ ފިލްމަކަށް ވިޔަސް އަހަރެމެން ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަޖެހޭނެ." ރަންބީރް ބުންޏެވެ.

މި ދެމީހުން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ ނާދިރުކަމެއް ކަމަށް ބައެއް މީހުން ގަބޫލުވެސް ކުރެ އެވެ. ސަބަބެއް ކަމަށް އެމީހުން ދައްކަނީ މި ދެމީހުން ލޯބީގެ ގޮތުން އެކަކާއި ގުޅިގެން އުޅެފައި ވާތީ އެވެ. ރަންވީރް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓްރެސް ދީޕިކާ ޕަދުކޯނަކީ ރަންބީރް ކުރީގެ ލޯބިވެރިޔާ އެވެ. ރަންވީރާއި ދީޕިކާ މިއަހަރު އިންނަން އުޅޭ ކަމަށްވެސް މިހާރު ވާހަކަދެކެވެ އެވެ.

ރަންވީރް މިހާރު އަވަދިނެތި އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިމްބާ" ގެ ޝޫޓިންގަ އެވެ. ކަރަން ޖޯހަރް އާއި ރޯހިތް ޝެއްޓީ ގުޅިގެން ގެނެސްދޭ އެ ފިލްމުގައި ރަންވީރްއާއެކު ލީޑުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި އަމްރިތާ ސިންހުގެ ދަރިފުޅު ސާރާ އަލީ ޚާން އެވެ.

ރަންބީރަށް ބާލަނަމަ އޭނާ މިހާރު އެންމެ އިންތިޒާރުކުރަނީ މި މަހު 29 ގައި ރިލީޒްކުރާ އޭނާގެ ފިލްމު "ސަންޖޫ" އަށެވެ. މި ފިލްމަކީ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ރަންބީރް ފެނިގެންދާ ކެރެކްޓާއަށް މިހާރުވެސް ގިނަ ބައެއް ތައުރީފުތައް ވަނީ ލިބިފަ އެވެ.