ހަބަރު

އެމްޑީޕީގެ ކޮންގްރެސްއަށް ޓިކެޓް ވިއްކަނީ

އެމްޑީޕީއިން އއ. އުކުޅަހުގައި ބާއްވާ އާދަޔާ ހިލާފު ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ އެމްޑީޕީގެ އާންމު މެންބަރުންނަށް ޓިކެޓް ވިއްކަން އެ ޕާޓީން ނިންމައިފި އެވެ.

ކޮންގްރެސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އުކުޅަހުގައި ކޮންގްރެސް ބާއްވަން ޖެހުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ތަފާތު ކަންކަން ކުރިއަށްދާނެކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ، ކޮންގްރެސްގައި ކޮންގްރެސްމަނުންގެ ގޮތުގައި 1000 އެއްހާ ބޭފުޅުން ބައިވެރިވާނެ ކަމަށާއި އޭގެ އިތުރުން ކައިރި ރަށްރަށުންނާއި މާލެއިން 500 އެއްހާ އާންމު މެންބަރުން ބައިވެރިވާނެ ކަމަށެވެ.

ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ އާންމު ހުރިހާ މެންބަރުންނަށް ވެސް އޮތީ ފުރުސަތު ހުޅުވާލާފަ ކަމަށާއި އެކަމަށް 200 ރުފިޔާއަށް ޓިކެޓް ވިއްކާނެ ކަމަށެވެ. އެ ޓިކެޓަކީ ކޮންގްރެސްއާ ގުޅިގެން ޕާޓީއަށް ޑޮނޭޝަން ހޯދުމަށް ވިއްކާ ޓިކެޓް ކަމަށާއި އެ ޓިކެޓް ކިތަންމެ އަގު ބޮޑުކޮށް ވެސް ގަނެވިދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، ކޮންގްރެސްއަށް ޓިކެޓް ގަނެގެންދާ އާންމު މެންބަރުންގެ ކުއުމާއި އެކޮމަޑޭޝަން ހަމަޖައްސަން ޖެހޭނީ ވެސް އެ މެންބަރަކު އަމިއްލަ ކަމަށެވެ. އެހެންވި ނަމަވެސް ގިނަ އާންމު މެންބަރުން ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ކޮންގްރެސް ކުރިއަށްދާއިރު އުކުޅަހުގައި ތިބުމަށް ބޭނުންވާ އެތައް މެންބަރުނެއް އެބަ ތިބި ކަމަށެވެ.

ކޮންގްރެސްއަށްދާ ފަރާތްތަކަށް ކައިރި ރަށްރަށުން ވެސް އެކޮމަޑޭޝަން ހަމަޖެއްސޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ހަސަން ފާހަގަކުރެއްވި އެވެ. ކޮންގްރެސްގެ އިވެންޓްތަކުގެ އިތުރުން ވެސް އެހެން ވަކި ހަރަކާތްތައް އުކުޅަހުގައި ކުރިއަށް ދާނެކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ކޮންގްރެސްގެ ދަތުރު ފެށުމުގެ ކުރިން މާލޭގައި ހަފުލާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ހަސަން ވިދާޅުވި ގޮތުގައި، 10 ސްޓޯލެއް ބެހެއްޓުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އެކަމުގައި އިސްކަންދޭނީ ޕްލާސްޓިކް ފަދަ ތަކެއްޗާ ދުރު ދަތުރުފަތުރުކުރުމުގެ ހަރުދަނާ ނިޒާމެއް ޕްރޮމޯޓްކުރާ ވިޔަފާރިތަކަކަށް ކަމަށް ވެސް ހަސަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ހުރިހާ މީޑިއާތަކަކާއި އަމިއްލަ ޖަމިއްޔާތަކަށާއި ބޭރުގެ ސަފީރުންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އެމްޑީޕީއިން އުކުޅަހުގައި ކޮންގްރެސް ބާއްވާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހު އެވެ. ކޮންގްރެސްގައި އަސާސީ ގަވައިދަށް މުހިންމު ބަދަލުތަކެއް ގެންނާނެ އެވެ.