ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި މަކަރު ނުހެއްދެވޭނެ ކަމަށާއި އިދިކޮޅު ޕާޓީތަކުން އެމަނިކުފާނު ބޮޑު ތަނުން ބަލިކުރާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ތިންވަނަ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ތަރައްގީއަށް ކިޔާ ނަމަކީ ވައްކަން ކަމަށް ރައީސް ޔާމީން ވަނީ ހައްދަވާފަ ކަމަށާއި އެމަނިކުފާނު ބަލިކުރުން ނޫން ގޮތެއް ދިވެހިންނަށް ނެތް ކަމަށެވެ.
"ވަގުންނަކީ ސްމާޓް މީހުން ކަމަށް މިދަނީ ދައްކަމުން، ޝަރުއީ ދާއިރާ ސިފައިން އަދި ފުލުހުން މިނިވަން ކުރުމަށް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ރައީސް ޔާމީންގެ ވެރިކަން ނިންމަން ޖެހޭ، އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތައް ވާދަކުރާނީ އެއް ކެންޑިޑޭޓެއް ގޮތަށް، އެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.
ބޮޑުތަނުން ބަލިވާއިރު މަކަރެއް ނުހެދޭނެ، އިންތިހާބުގެ ކަންކަމުގައި ރައީސް ޔާމީންއަށް އެހީތެރިވާނެ ފުލުހުންނެއް ސިފައިންނެއް ނުތިބޭނެ،ހަސަން ލަތީފް -- އެމްޑީޕީ ޗެއާ
ރޭ އިދިކޮޅު ޕާޓީތަކުން ވަނީ އެއް ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ހެދުމަށް ނިންމާފަ އެވެ. އަދި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީން ބޭފުޅަކު ނެރެ އެކުގައި އިންތިހާބުގައި ވާދަކުރަން އެއްބަސްވެފަ އެވެ.
ހަސަން ވިދާޅުވީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް ގުޅިގެން ބޮޑުތަނުން ވޯޓުން ރައީސް ޔާމީން ބަލި ކުރާނެ ކަމަށެވެ.
"ބޮޑުތަނުން ބަލިވާއިރު މަކަރެއް ނުހެދޭނެ، އިންތިހާބުގެ ކަންކަމުގައި ރައީސް ޔާމީންއަށް އެހީތެރިވާނެ ފުލުހުންނެއް ސިފައިންނެއް ނުތިބޭނެ، ރައްޔިތުން ގުޅިފައިވާ ޕާޓީތަކާއެކު ތިއްބަވާ، ގުޅިފައިވާ ޕާޓީތަކުން މި ގައުމު ސަލާމަތް ކުރާނެ،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގެ ނިންމުންތައް ވަރަށް މުހިންމުވާނެ ކަމަށާއި ރާއްޖެ އަލުން ދިވެހިންނަށް ހޯދައިދިނުމަށް އެއީ މުހިންމު ނިންމުންތަކެއް ކަމަށެވެ.
މިއަދުގެ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ނެރޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައެވެ. ޕްރައިމަރީ ކާމިޔާބުކުރައްވައި ޓިކެޓް ކުރިން ހޯއްދެވި ރައީސް މުހައްމަދު ނަޝީދު ވަނީ ޓިކެޓް ދޫކޮށްލެއްވުމަށް
ނިންމަވާފަ އެވެ.